Roadha Mihaaru
ބޮޑު މޮޅަކާ އެކު ވެލެންސިއާ ދެ ވަނަ ބުރު ފަށައިފި

ބޮޑު މޮޅަކާ އެކު ވެލެންސިއާ ދެ ވަނަ ބުރު ފަށައިފި

31 މެއި 2018

މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 5-0 އިން ހޯދި ބޮޑު މޮޅާ އެކު ވެލެންސިއާ އިން ރެކޯޑް ދަމަހައްޓައިފި އެވެ.

މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 5-0 އިން ހޯދި ބޮޑު މޮޅާ އެކު ވެލެންސިއާ އިން ރެކޯޑް ދަމަހައްޓައިފި އެވެ.

ވެލެންސިއާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ވެެލެންސިއާގެ ފަސް ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ އިސްމާއިލް މުހައްމަދު (އިއްސެ) އާއި މޫސާ މަނިކު (ކުޑަމޫސަ)ގެ އިތުރުން ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އެ ޓީމުގެ އަނެއް ގޯލަކީ ސިފައިންގެ އަބްދުލް ލަތީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް އިއްސެ ހޮވުނުއިރު، 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ އަބްދުލް ރައްޒާގު އެވެ.

ލީގު އުސޫލުން ކުޅޭ ދެ ވަނަ ބުރުގައި ވެލެންސިއާ އާއި ސިފައިންގެ އިތުރުން ދެން ކުޅެނީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ޕޮލިސް ކްލަބް އަދި މާޒިޔާ އެވެ. އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭއިރު، ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ އަށްދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ކުޜިގެ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ރޯދަ މަހު ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި އަހަރުތަކުގައި ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ނިއު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ނިއު އިން މިދިޔަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި މާޒިޔާގެ މައްޗަށް 2-1 އިން ކުރި ހޯދުމަށް ފަހު އެވެ.