Roadha Mihaaru
މޮަޅަކާ އެކު ވެލެންސިއާ ދެ ވަނަ ބުރު ފަށައިފި

މޮަޅަކާ އެކު ވެލެންސިއާ ދެ ވަނަ ބުރު ފަށައިފި

13 ޖޫން 2017

ވެޓެރަންސް ކަޕްގައި އިއްޔެ ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 އިން ކުރިހޯދައި ކްލަބް ވެލެންސިއާ އިން ދެ ވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ވެޓެރަންސް ކަޕްގައި އިއްޔެ ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 އިން ކުރިހޯދައި ކްލަބް ވެލެންސިއާ އިން ދެ ވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާ ވަނީ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. ނިއު ރޭޑިއަންޓާއި އީގަލްސް އަތުން ފަސޭހަކޮށް މޮޅުވިއިރު ބަލިވީ މާޒިޔާ އަތުން އެކަންޏެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ވެލެންސިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އަނެއް ލަނޑު ޖެހީ އިސްމާއިލް މުހައްމަދު އެވެ.

ގްރީން ސްޓްރީޓްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ހަސަން އިސްމާއިލް އެވެ.

މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެލެންސިއާގެ އަބްދުލް ރައްޒާގު ޔޫސުފް އަށެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މާޒިޔާ ވެސް ވަނީ މޮޅުވެފަ އެވެ. ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް މާޒިޔާ އިން ކުރިހޯދީ 2-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ކާމިޔާބުކުރީ މާޒިޔާގެ މުހައްމަދު އަރީފް އެވެ.

ދެ ވަނަ ބުރުގެ ގްރޫޕް އޭގައި ހިމެނެނީ މާޒިޔާ އާއި އީގަލްސް އަދި ސިފައިންނެވެ. ގްރޫޕް ބީ ގައި ހިމެނެނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އަދި ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ.

ދެ ވަނަ ބުރުގެ މެޗުތަކަށް ފަހު ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެއް ސެމީ އަށްދާނެ އެވެ. ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ އެއް ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ. ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމު ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.

މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި މާޒިޔާ އެވެ.