ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް، އެ ރަށުގެ ކުޅިން ހިއްކި ބިން އެކަށީގެންވާ ވަރަށް ހަރުނުވާތީ ކުޅިގައި ހުރި ޗަކަތައް ނަގައި އިތުރަށް ފަސް އަޅަން ޖެހިއްޖެ އެވެ.
03 ޖޫން 2018
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް، އެ ރަށުގެ ކުޅިން ހިއްކި ބިން އެކަށީގެންވާ ވަރަށް ހަރުނުވާތީ ކުޅިގައި ހުރި ޗަކަތައް ނަގައި އިތުރަށް ފަސް އަޅަން ޖެހިއްޖެ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެމްޓީސީސީގެ ކޮންނަބޯޓު، މަހާޖައްރާފުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ 15 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އެއީ މޫދުން ހަ ހެކްޓަރާއި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރު ބިމެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓްސް ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް މިއަދު ވިދާޅުވީ ކުޅިން ހިއްކި ބައި އެކަށީގެންވާ ވަރަށް ހަރުނުވާތީ އަލުން އެބައި ކޮނެ، ޗަކަތައް ނަގައި އެ ތަނަށް އިތުރަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ކުރިން ހީކޮށްގެން ތިބީ ދެތިން ފޫޓަށް ޗަކަ ނަގައި، އެތަނަށް ފަސް އެޅީމައި ބޭނުންވާ ވަރަށް ހަރުވާނެއޭ. އެކަމަކު އެ ވަރަށް ހަރެއް ނުވޭ. އެހެންވެ، މިހާރު އެބަޖެހޭ ހަތް ފޫޓު އަށް ފޫޓަށް ކޮނެ ޗަކަތައް ނަގަން،" ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅިން ޗަކަތައް ނަގައި، އަލުން ފަސް އެޅުމުގެ މަސައްކަތް ކުރި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް އިތުރަށް ދިގުލައިގެން ނުދާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ދުވަހަށް އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީން ކުރިން ބުނެފައި އޮތީ ބިން ހިއްކައި ނިމުމާއެކު، ރަންވޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.
އެކަމަކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަކަށް ކުޅުދުއްފުށީ ކައުންސިލަކުން ގަބޫލެއް ނުކުރެ އެވެ.
އެ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެމްޓީސީސީން ބުނި ނަމަވެސް އެ މަސައްކަތް އަދިވެސް ކުރިއަށް ދާތީ، ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިމޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ކުރިން މިނިސްޓަރު (ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު) އަދި އެމްޓީސީސީން ވެސް ބުނެފައިވަނީ މިދިޔަ މަހު 15ގައި މަސައްކަތް ނިންމާލައި، އަމަލީ މަސައްކަތްް ފެށޭވަރުވާނެ ކަމަށް. އެކަމަކު އަދިވެސް ކޮނުމުގެ މަސައްކަތް އެ ކުރިއަށް ދަނީ. އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތުން އަދި މަހެއްހާ ދުވަސް އެކަމަށް ނަގާނެ،" ލަތީފް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ދަތުރެއްގައި އިއްޔެ މިނިސްޓަރު ޒަމީރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން، ހިއްކާ ސަރަހައްދު ބައްލަވާލައްވައިފަ އެވެ. އަދި ސަރުކާރުން އުއްމީދު ކުރިވަރުގެ ހަލުއި ދުވެލީގައި އެ މަސައްކަތް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ އެމްއާރުޑީސީއާ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. އެކަމަކު އެއާޕޯޓަށް ޚަރަދުވާނެ ވަރެއް ސަރުކާރުން އަދި ނުބުނެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް ހިއްކި ބިމުގެ ތޮށި ހަލާކުވެއްޖެ
އެއާޕޯޓު އަޅަން މޫދުން ހަ ހެކްޓަރު ހިއްކައިފި
ގޮނޑުދޮށް ހިމާޔަތްކުރުމުގެ 2ޕްރޮޖެކްޓެއް އެމްޓީސީސީއަށް
އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
18 ގެއެއްގެ ބަދަލުގެ މައްސަލަ: އެއާޕޯޓަށް ހުރަހެއް!
ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިމިއްޖެ
ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް 12 ހެކްޓަރު ހިއްކައިފި
"އެއާޕޯޓު އަޅަނީ ގެއްލުން ކުޑަވާނެ ގޮތަކަށް ބަލާފައި"