Roadha Mihaaru
އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި

އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި: ރީޖަނަލް އެއާޕޯޓްސް

19 ސެޕްޓެމްބަރ 2018

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހުސްކުރަން ޖެހޭ 18 ގެއެއްގެ ތެރެއިން 16 ގެއަކަށް ދޭން ޖެހޭ ބަދަލުދީ ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

ނަސްވާ ހަސަން ނަސްވާ ހަސަން

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހުސްކުރަން ޖެހޭ 18 ގެއެއްގެ ތެރެއިން 16 ގެއަކަށް ދޭން ޖެހޭ ބަދަލުދީ ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

އެއާޕޯޓު ހެދުމަށްޓަކައި ކުޅުދުއްފުށީގެ ފަޅުތެރެ އިން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އަދި މަޝްރޫއު ދިގުލައިގެން ދަނީ ރަންވޭ އަޅައި ޓާމިނަލް ހެދުމަށްޓަކައި ހުސްކުރަން ޖެހޭ 18 ގެ ހުސް ނުކުރެވި ލަސްވެގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ އެ ގެތަކުގެ ބަދަލުގައި އާ ގެތަކެއް އިމާރާތް ކުރުމަށް ކުޅުދުއްފުށިން ބިމާއި ފައިސާ ދޭން ސަރުކާރުން ނިންމާފައިވީ ނަމަވެސް ބަދަލުގެ ގޮތުގައި ދިނުމަށް ބުނާ އަގާ މެދު ބައެއް ގެތަކުގެ ވެރިން ހިތްހަމަނުޖެހުމުގެ ސަބަބުން އެ ފަރާތުން ވަނީ 25 ޕަސެންޓް އިތުރުކޮށްދީފައި ކަމަށެވެ. އެގޮތުން ފަހުން ނިންމި އަދަދާ މެދު ހިތްހަމަޖެހިގެން 16 ގެއެއް ހުސްކޮށް، އެ ގެތައް ވަނީ ތަޅާލައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސް ކުރި 16 ގޭގެ ބަދަލުގައި ދޭ ފައިސާގެ ތަފްސީލެއް ސާމީ ނުދެއްވަ އެވެ. މިހާރު ބާކީ ހުރި ދެ ގޭގެ ފައިސާ ވެސް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީފް ހަސަން ވިދާޅުވީ ބާކީ ހުރި ދެ ގޭގެ ތެރެއިން އެއް ގެއެއްގެ ކޯޓު މަރުހަލާއެއް ކުރި އަށް ދާތީ އެ ގެ ހުސްނުކޮށް ހުރި ކަމަށާއި އެ މަރުހަލާ ނިމުނުހާ އަވަހަކަށް ގެ ހުސްކުރާނެ ކަމަށެވެ. އަދި އަނެއް ގެ ހުސްނުކޮށް ހުރީ، ހުރިހާ ކަމެއް ހަމަނުޖެހިގެން ކަމަށާއި އެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް ގެ ހުސްކުރުމަށް އެއްބަސްވެފައިވާ ކަމަށް އަބްދުއްލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފަރާތްތަތަކަށް ގޯތި ދިނުމަށް ނިންމާފައި ވަނީ އެ ރަށު އިރުމަތީ ފަރާތުގައި އޮންނަ ހިރަފުސް ދަނޑު ކަރިރިންނާއި އެސްޓީއޯ އިމާރާތް ކުރިމަތީގަ އޮންނަ ހުސްބިމުގެ އިތުރުން ބަނދަރު މަތިންނެވެ. ނަމަވެސް ކައުންސިލުން ނިންމަންޖެހޭ ލިޔެކިޔުންތައް ހަމަނުޖެހި ހުރުމުގެ ސަބަބުން އެ މީހުންނަށް ގޯތި ދިނުމަށް ކަނޑައެޅިފައިވާ ބިން ރަސްމީކޮށް ހަވާލުނުކުރާ ކަމަށާއި މި މަސް ތެރޭގައި ބިން ވެސް ހަވާލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ނިންމައި، މިއަދު މެންދުރު 2:15 ގައި އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެ އެވެ.