Roadha Mihaaru
މީހުން މަދުވުމުން އޭޑީކޭ ފްލޫ ކްލިނިކް ބަންދުކުރަނީ

ޑޮކްޓަރަށް ދައްކާ މީހުން މަދުވުމުން އޭޑީކޭ ފްލޫ ކްލިނިކް ބަންދުކުރަނީ

07 ޖޫން 2018

ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވެފައިވާތީ، ހުމަށް ފަރުވާ ދިނުމަށް އޭޑީކޭގައި ހުޅުވި ވަގުތީ ފްލޫ ކްލިނިކް މާދަމާ އިން ފެށިގެން ބަންދު ކުރަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވެފައިވާތީ، ހުމަށް ފަރުވާ ދިނުމަށް އޭޑީކޭގައި ހުޅުވި ވަގުތީ ފްލޫ ކްލިނިކް މާދަމާ އިން ފެށިގެން ބަންދު ކުރަން ނިންމައިފި އެވެ.

އޭޑީކޭ އިން ބުނީ މިދިޔަ މަހު 16 ގައި ހުޅުވި އެ ކްލިނިކަށް އިއްޔެގެ ނިޔަލަށް، 2،884 މީހުން ދައްކާފައިވާ ކަމަށެވެ. އެ ތަނުން ބުނި ގޮތުގައި މިދިޔަ މަހު 21 އިން ފެށިގެން އެ ކްލިނިކަށް ދައްކާ މީހުންގެ އަދަދު އައީ މަދު ވަމުންނެވެ. އެގޮތުން 21 ވަނަ ދުވަހު، ހުން ޖެހިގެން 200 މީހުން ޑޮކްޓަރަށް ދެއްކި އިރު އިއްޔެ އެ ކްލިނިކުން ފަރުވާ ހޯދީ 75 މީހުން ކަމަށް އޭޑީކޭ އިން ބުންޏެވެ.

މާލެ އާއި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެތުރުނު އެ ހުމާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ފްލޫ ކްލިނިކެއް ހުޅުވި އެވެ.

ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވި ނަމަވެސް، މާލެ އާއި ރަށްރަށުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އަދިވެސް މައިތިރި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ވަނީ ބުނެފަ އެވެ.

އެޗްޕީއޭން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ހަފުތާގައި 9،050 މީހުން، އޭގެ ކުރީ ހަފުތާގައި 9،710 މީހުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެހެންވެ، އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ކުރިން އިލްތިމާސް ކުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އެދެ އެވެ.