Roadha Mihaaru
ނޫސްވެރިންގެ ހިމޭން މުޒާހަރާ ހުއްޓުވައިފި

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި ހިމޭން މުޒާހަރާ ހުއްޓުވައިފި

27 ޖުލައި 2016

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލާ ދެކޮޅަށް ދިވެހި ނޫސްވެރިން މިރޭ ކުރި ހިމޭން މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލާ ދެކޮޅަށް ދިވެހި ނޫސްވެރިން މިރޭ ކުރި ހިމޭން މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ.

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވަނިކޮށް ނޫސްވެރިން މުޒާހަރާކުރީ، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަން ހާމަކޮށްދިނުމަށެވެ. ރަސްމީ ބައްދަލުކުރެއްވުން ކުރިއަށް ދާތީ އިސްލާމީ މަރުކަޒުގެ ބޮޑު ސަރަހައްދެއް ބަންދުކޮށްފައި އޮތުމުން ނޫސްވެރިންގެ ހިމޭން މުޒާޙަރާ ކުރިއަށް ގެންދިޔައީ، ރައްޔިތުންގެ މަޖިލީސް ކައިރީގަ އެވެ.

ގާނޫނުއަސާސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ "މާއްދާ 27ގެ ދިފާއުގައި" ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިން ތިބީ، އެމީހުންނަށް ކުރިމަތިކުރާ ގޮންޖެހުންތައް ހުއްޓާލަން ގޮވާލައި ލިއެފައިވާ ޝުއޫރުތައް ހިފައިގެންނެވެ. ޓީވީ ސްޓޭޝަންތަކާއި ނޫސްވެރިންނަށް ބިރުނުދައްކައި މިނިވަން ނޫސްވެރިކަަމަކަށް ޖާގަ ދިނުމަށް ލިއުންތަކުގައި ގޮވާލާފައިވެ އެެވެ. އަދި ދައުލަތުގެ މީޑިއާ މިނިވަންކޮށް، އަބުރު ރައްކާތެރިކުރުމުގެ ބިލުގައި ނޫސްވެރިންނަށް ކުރިމަތިކޮށްފައިވާ ނުރައްކާތައް އަނބުރާ ގެންދަން ގޮވާލާފައިވެ އެވެ.

މުޒާހަރާގެ ބައިވެރިވި ނޫސްވެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް ވިދާޅުވީ "މާއްދާ 27" ގެ ދިފާއުގައި ނޫސްވެރިން ނުކުތީ މިނިވަންކަމުގެ އުފާވެރި މުނާސަބަތު ފާހަގަކުރާއިރު ނޫސްވެރިންގެ މިނިވަންކަން ނަގާލާފައިވާ ކަމުގެ ކަންބޮޑުވުންފާޅުކުރުމަށެވެ. އެކަމަކު ޝުއޫރު ލިއެފައިވާ ގަނޑުތައް ހިފައިގެން މަގުމަތީގައި ތިބުމުގެ ފުރުސަތު ނުދީ ފުލުުހުން ހުރަސްއަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން އަމަލުކުރި ގޮތުން ވެސް މި އެނގެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް ކަން،" އޭނާ ވިދާޅުވި އެވެ.

ނެރުން ހުއްޓުވާލާފައިވާ ސީއެންއެމްގެ ސީނިއަ ޑެސްކް އެޑިޓަރު މިސްބާހް އައްބާސް ވިދާޅުވީ ނޫސްވެރިން މިރޭ ނުކުތީ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމަށް ހުރަސްއެޅުމަށް ނޫން ކަމަށެވެ. ހައްގުތައް ނިގުޅައިގަންނާތީވެ، ގާނޫނުއަސާސީން ދީފައިވާ ހައްގެއްގެ ބޭނުން ނޫސްވެރިން ކުރީ ޒިންމާދާރުކަމާ އެކު ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އެކަމަކު އެއްވެސް ފުރުސަތެއް ނުދީ ހުރަސްއެޅީ މަގުމަތީގައި ނުތިބެވޭނެ ކަމަށް. އަޅުގަނޑުމެން ތިބީ މީހުންނަށް އުނދަގޫ ނުވާ ގޮތަށް ސުލްހަވެރިކަމާއި ޒިންމާދާރުކަމާ އެކު. އެކަމަކު މަގުމަތީގައި ތިބެން ފުރުސަތު ނުދީ ފޮނުވާލުމުން ރާއްޖޭގައި މިނިވަންކަން އޮތް މިންވަރު ފެނިގެން ހިނގައްޖެ،" މިސްބާހް ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ވަކި ހަބަރުތަކެއް މީޑިއާތަކުން ރިޕޯޓް ނުކުރެވޭނެ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލުފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.

އެ ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާތަކަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.