Roadha Mihaaru
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި

09 ޖޫން 2018

އެމްޑީޕީން މި މަހު ފަހުކޮޅު ބާއްވާ "އާދަޔާ ޚިލާފު" ކޮންގްރެސް އަށް ދަރުބާރުގެ ސަރުކާރުން ދޫނުކުރުމުން، އއ. އުކުޅަހުގައި އެ ޕާޓީގެ ކޮންގްރެސް ބާއްވަން މިރޭ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޑީޕީން މި މަހު ފަހުކޮޅު ބާއްވާ "އާދަޔާ ޚިލާފު" ކޮންގްރެސް އަށް ދަރުބާރުގެ ސަރުކާރުން ދޫނުކުރުމުން، އއ. އުކުޅަހުގައި އެ ޕާޓީގެ ކޮންގްރެސް ބާއްވަން މިރޭ ނިންމައިފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކޮންގްރެސް ބާއްވަން ފުރަތަމަ އުޅުނީ ދަރުބާރުގޭގަ އެވެ. ދަރުބާރުގެ ހޯދަން ހައުސިން މިނިސްޓްރީގައި އެދުމުން، އެމްޑީޕީން ބޭނުންވާ މުއްދަތުގައި އެ ތަން ދޫކޮށް ދެވެން ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ މި މަހުގެ 29 އަދި 30 ގަ އެވެ.

އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ ބައްދަލުވުން މިރޭ އެ ޕާޓީގެ އޮފީހުގައި ކުރިއަށް ދަނީ. - ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ ބައްދަލުވުން މިރޭ އެ ޕާޓީގެ އޮފީހުގައި ކުރިއަށް ދަނީ. - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން އެ ޕާޓީގެ ކޮންގްރެސް ކޮމިޓީން ނިންމީ މާލޭގައި 1000 އަށްވުރެ ގިނަ މަންދޫބުންނަށް ބައިވެރިވެވޭ ވަރުގެ ތަނެއް ނުލިބިގެން ކަމަށް އެ ޕާޓީން ބުންޏެވެ. ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކޮންގްރެސްގައި 1،200 މެމްބަރުން ބައިވެރިވުމުގެ ހައްގު ލިބިގެންވެ އެވެ.

ކޮމިޓީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ނިޔާޒް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިނާއި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ތިއްބަވަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށްދިނުމަށް އެދި އެމްޑީޕީން ހުށަހެޅިޔަސް، އެކަން ކޮށްދެވެން ނެތީ އެ ތާރީޚަށް އެތަން ބުކް ކޮށްފައި ވާތީ ކަމަށެވެ.

އެމްޑީޕީން ކުރިން ބުނެފައިވާ ގޮތުގައި، ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ.

އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީން ވެސް ވަނީ މި މަހުގެ ފަހުކޮޅު ކޮންގްރެސް ބޭއްވުމަށް ނިންމައިފަ އެވެ. ޖޭޕީން ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ހޯދަން ހުށަހެޅުމުން، އެ ހުއްދަ ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެހެންވެ، ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައި އޮތީ ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ އެކި ހަރަކާތްތަކަށް ސަރުކާރުގެ ތަންތަން ނުދޭ މައްސަލަ މީގެ ކުރިން ވެސް ދިމާވެ، ސަރުކާރުގެ އެކި އިދާރާތަކަށް އެ ފަރާތްތަކުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރެ އެވެ.

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް މި މަހު އޮންނަ އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެ ޕާޓީން ބޭއްވި ޕްރައިމަރީން ވަނީ ކަނޑައަޅައިފަ އެވެ.