ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލިޔުއްވާފައިވާ "ގާނޫނީ ރަދީފު" ފޮތް ނެރެ އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިއަދު ލޯންޗްކޮށްފި އެވެ.
12 ޖޫން 2018
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލިޔުއްވާފައިވާ "ގާނޫނީ ރަދީފު" ފޮތް ނެރެ އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިއަދު ލޯންޗްކޮށްފި އެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ބ. އޭދަފުށީގެ ކުރީގެ ކަތީބު އަލީ ޔަހްޔާ އެވެ. އެ ހަފުލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބައިވެރިވެ ވަޑައިގަތެވެ.
އެ ފޮތުގައި ގާނޫނީ ބަސްތަކުގެ މާނަ ތަފްސީލާއެކު ހިމަނާފައިވެ އެވެ. އިނގިރޭސީން ބޭނުންކުރާ ބަސްތަކާ އެކު އެފޮތުގައި 1200 އަށްވުރެ ގިނަ ބަސް ހިމެނެ އެވެ.
ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އައިއޯއެސް އެޕްލިކޭޝަން ވެސް މާ ލަސްތަކެއް ނުވެ ލޯންޗްކުރަން ވަނީ ނިންމައިފަ އެވެ.
މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ރަދީފު ފޮތް ކިޔުއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ފޮތާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން އެ މަސައްކަތް ކުރަން އޭނާ ނިންމެވީ ދިވެހި ބަހުގެ އެކަޑަމީން ބަހުގެ ރަދީފް ހެދުމަށް އެކަށީގެންވާ މަސައްކަތް ނުކުރާތީ ކަމަށެވެ. އޭނާގެ މަގުސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ގޮތުން ތައުލީމް ހާސިލްކުރާ މީހުންނަށް ގާނޫނީ ބަސްތަކުގެ މާނަ ފަސޭހައިން އެނގޭނެ ގޮތެއް ހަމަޖެއްސުން ކަމަށް ވިދާޅުވި އެވެ.
"މި ފޮތުގައި މާނަ އާއި ޑެފިނީޝަން ހިމަނާފައި ވާނެ. އަދި އެ ބަހަށް އިނގިރޭސި ބަހުން ބޭނުންކުރާ ބަސް ވެސް ލިޔެފަ ވާނެ،" ސުއޫދު ވިދާޅުވި އެވެ.
އެފޮތުގައި ގާނޫނީ ދާއިރާގެ ބަސްތަކުގެ އިތުރުން މާލީ ދާއިރާ އާއި ބެންކިން ދާއިރާގައި ބޭނުންކުރާ ބަސްތައް ވެސް ހިމެނޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ހުސްނުސުއޫދު ލިޔުއްވި ރަދީފު ފޮތް އަލީ ޔަހުޔާ ނެރެދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ފޮތް ބުކްޝޮޕްތަކުން 200ރ. އަށް ވިއްކާއިރު ގިނަ ފޮތްތަކެއް ހިލޭ ބެހުމަށް ވެސް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ވަނީ ނިންމައިފަ އެވެ.
ސުއޫދު އާއި ވަކީލް މުހައްމަދު ޝަހުދީ އަންވަރު، އުފައްދާފައިވާ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން މީގެ ކުރިން ވަނީ ބިމާ ބެހޭ ގާނޫނީ ފޮތަކާއި ވަޒީފާއާ ބެހޭ ގާނޫނީ ފޮތެއް ވެސް ނެރެފަ އެވެ.
ސުއޫދުގެ ފޮތަކީ ލިބުނު ލުޔެއް: ވަކީލުން
"ގާނޫނުއަސާސީ އޮތްތޯ ސުވާލުއުފެދޭ ހިސާބަށް ހިނގައްޖެ"
ޖޭއެސްސީގެ ފޯމޭޝަން: ގެންނަން ޖެހޭ ބޮޑު ބަދަލު
ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
ޖޭއެސްސީ ސިފަކުރެވެނީ ބޮޑު ޖޯކެއްގެ ގޮތުގައި: ސުއޫދު
ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަނީ
ސަސްޕެންޑް ކުރިޔަސް ހަރަކާތެއް ނުހުއްޓޭނެ: ވަކީލުން
"އިސްލާހަށް އެދުމުން ފިޔަވަޅު އެޅުމަކީ ބޭއިންސާފެއް"
ޕެޓިޝަނާ ގުޅިގެން 54 ވަކީލުން ސަސްޕެންޑްކޮށްފި
ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އިންޒާރު ދީފި