Roadha Mihaaru
އީދު ހުކުރަށް ވާތީ އަލްޖީރިއާގައި ބޮޑު ފިތުނައެއް

ހުކުރު އީދުގެ މައްސަލައިގައި އަލްޖީރިއާގައި ބޮޑު ފިތުނައެއް

14 ޖޫން 2018

މި އަހަރުގެ ފިތުރު އީދު ދުވަސް، ހުކުރު ދުވަހާ ދިމާވެދާނެ ކަމަށް ބެލެވެން ފެށުމާ އެކު، އަލްޖީރިއާގެ ބައެއް ދީނީ އިލްމުވެރިންނާއި އެ ގައުމުގެ ސަރުކާރާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދި އާންމުންގެ މެދުގައި ބޮޑު ފިތުނަވެރިކަމެއްގެ ބިރު އުފެދިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

މި އަހަރުގެ ފިތުރު އީދު ދުވަސް، ހުކުރު ދުވަހާ ދިމާވެދާނެ ކަމަށް ބެލެވެން ފެށުމާ އެކު، އަލްޖީރިއާގެ ބައެއް ދީނީ އިލްމުވެރިންނާއި އެ ގައުމުގެ ސަރުކާރާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދި އާންމުންގެ މެދުގައި ބޮޑު ފިތުނަވެރިކަމެއްގެ ބިރު އުފެދިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ދެބަސްވުން އުފެދުނީ، މި އަހަރުގެ ފިތުރު އީދު ދުވަސް ހުކުރު ދުވަހަށް ވެއްޖެ ނަމަ، އީދު ނަމާދު ކުރުމަށް ފަހު، އެ ދުވަހުގެ ހުކުރު ނަމާދު ނުކުރުމަށް ބައެއް މިސްކިތްތަކުގެ އިމާމުން ނިންމުމާ ގުޅިގެންނެވެ. މިއަދަކީ އަލްޖީރިޔާގައި ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އަދި މިއަދު އިރު އޮއްސުމަށް ފަހު ހަނދު ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމާ އެކު، މާދަމާ އެ ގައުމަށް ވެސް އީދު ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އަލްޖީރިޔާގެ ވެރި ރަށުގައި ހުންނަ މިސްކިތްތަކުގެ ތެރެއިން 40 މިސްކިތެއްގެ އިމާމުން މިހާރު ނިންމާފައިވަނީ، މާދަމާ އީދަށް ވެއްޖެ ނަމަ ހުކުރު ގަޑީގައި އެ މީހުންގެ މިސްކިތްތައް ބަންދު ކުރުމަށެވެ. ނަމަވެސް އަލްޖީރިއާގެ ސަރުކާރުން އެކަމާ ދެކޮޅު ހަދަ އެވެ.

އެ ގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ބޫމަދްޔަން ބޫޒައިދު ވިދާޅުވީ، ކޮންމެ ރަމަޟާން މަހެއް ނިމެން ކައިރިވުމާ އެކު، އެ ގައުމުގެ ސަލަފީ ޖަމާއަތުގެ މީހުންގެ ފަރާތުން، އެ ގައުމުގެ ފަތުވާ މަޖިލީހަށާއި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ އަށާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަށް ތަފާތު ފިއްތުންތައް ކުރިމަތިކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މާދަމާ އީދަށް ވެއްޖެ ނަމަ، ހުކުރު ނަމާދު ނުކުރުމަށް ނިންމާފައިވަނީ ސަލަފީ ޖަމާއަތުގެ އިމާމުން ކޮންޓްރޯލް ކުރާ މިސްކިތްތަކުގަ އެވެ. އެޖަމާއަތުން ބުނާ ގޮތުގައި އީދު ދުވަސް ހުކުރު ދުވަހަކަށް ވެއްޖެ ނަމަ، އީދު ނަމާދު ކުރުމަށް ފަހު ހުކުރު ނަމާދު ނުކުރަން ނިންމީ، އެމީހުން ތަބާވާ ހަންބަލީ މަޒްހަބުގައި އެ ގޮތަށް ބުރަވާތީ އެވެ.

ނަމަވެސް، އަލްޖީރިއާ ސަރުކާރުން ދީނީ ހުރިހާ ކަމެއްގައި ވެސް ތަބާވަމުން އަންނަނީ މާލިކީ މަޒްހަބަށެވެ.

ބޫމަދްޔަން ވިދާޅުވީ، ސަލަފީންގެ މިފަދަ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް އަލްޖީރިއާ ސަރުކާރުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގައުމުގެ ދީނީ ކަންކަމާ މެދު އިޖްތިހާދު ކޮށް ގޮތް ކަނޑައެޅުމުގެ ރަސްމީ ހައިސިއްޔަތު ލިބިފައިވާ ފަރާތަކީ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް ކަމަށްވާ އިރު، އެ މަޖިލީހުގެ ރައުޔެއް ހޯދުމެއް ނެތި، ވަކިވަކި އިމާމުންނަށް އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށެވެ.