މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުން ލަސްވެ، ބޮޑެތި ގެއްލުންތައް ވަމުން ދާ ކަމަށް ބައެއް ކުންފުނިތަކުން މިއަދު ބުނެފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުން ލަސްވެ، ބޮޑެތި ގެއްލުންތައް ވަމުން ދާ ކަމަށް ބައެއް ކުންފުނިތަކުން މިއަދު ބުނެފި އެވެ.
ލޮޖިސްޓިކްސް ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ހަމައެކަނި ޕަބްލިކް ކުންފުނި، ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހުމަދު މައުމޫނު ވިދާޅުވީ މުދާ ނެރުމުގައި ވަރަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނީ، އެ ބަނދަރު ހިންގަން ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަނދަރުގެ ސްޓްރެޓެޖީ އެއްކޮށް ބަދަލު ކުރަން އެބަ ޖެހޭ. މިހާރު އެތާ އެބަހުރި 800 އަށް ވުރެ ގިނަ ހުސް ކޮންޓެއިނަރު. ބޯޓުތަކުން ކޮންޓެއިނަރު ބާލާ ވަރަށް އެ ބޯޓުތަކަށް ހުސް ކޮންޓެއިނަރު އަރުވައިގެން ގެންދާ ގޮތަށް ހަދަން އެބަ ޖެހޭ. މިއީ ބޭރު ގައުމުތަކުގައި ވެސް މިކަން ކުރާ ގޮތް،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރުގައި އެކަށީގެންވާ ވަރަށް އުޅަނދާއި ޖާގަ ވެސް މިހާރު ނެތް ކަމަށެވެ. ބަނދަރުގެ ހާލަތު އެހާ ގޯސްވެފައި އޮއްވާ މުދާ ނެރެވޭ ވަގުތު ކުޑަކުރުމުން ގޮންޖެހުންތައް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަނދަރު ބޮޑުކުރެވޭކަށް ނެތް. އެކަން އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ. އެހެންވެއްޖެއްޔާ އެތަން ހަރުދަނާ ކުރަން އެހެން ގޮތްތަކަށް އަޅުގަނޑުމެން އެބަ ޖެހޭ ވިސްނަން. ބަނދަރަށް ފާހަގަކުރެވޭ ވަރުގެ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސެންޗޫރިއަން އިން މިހާރު ވެސް އަންނަނީ ބޮޑެތި ބައެއް ޕްރޮޖެކްޓުތަކަށް މުދާ ކްލިއަކުރަމުންނެވެ. އެކަމަކު އެމްޕީއެލް އިން މުދާ ނެރުން ލަސްވެގެން އެ ޕްރޮޖެކްޓުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރަތިވަމުން ދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް އެބަ ބޮޑު ދެ ޕްރޮޖެކްޓެއްގެ މުދާ ކްލިއާ ކުރަން. މުދާ ނުނެރެވި ލަސްވާތީ އެމީހުން ބައެއް ބޭރު މުވައްޒަފުން އަނބުރާ ފޮނުވާލަން ވެސް އެބަ ވިސްނާ މިހާރު. ރާއްޖޭގައި އެމީހުން ބައިތިއްބަން އެހާ އަގުބޮޑު އިރު، މުދާ ނެރުން ލަސްވެގެން މަސައްކަތް ނުކުރެވި މިދަނީ،" މާނު ކިޔައިދެއްވި އެވެ.
އޭނާގެ އިތުރުން "މިހާރު"އާ ވާހަކަ ދެއްކި ލޮޖިސްޓިކް އެެން ބައެއް ކުންފުނިތަކާއި ބައެއް ވިޔަފާރި ކުންފުނިތަކުން ވެސް ވަނީ ބަނދަރުން މުދާ ނުނެރެވި ދިގުލައިގެން ދާތީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމަށް ބުނެފަ އެވެ.
"މުދާ ނެރުން އެހާ ލަސް. ދެން އަނެއްކޮޅުން މިހެން އުޅެލާފައި ކޮންޓެއިނަރުތައް އެބަ ގެއްލޭ. ދެން މުޅިތަން ބަލައިގެން ކޮންޓެއިނަރު މި ފެންނަނީ ތިން ހަތަރު ދުވަސް ފަހުން. އެ ހުރެދާނެ ހުސް ކޮންޓެއިނަރުތައް ތެރޭގައި ވެސް ބަހައްޓާފައި،" ލޮޖިސްޓިކްސް ކުންފުންޏެއްގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރުގަައި ކޮންޓެއިނަރު އުފުލަނީ: އެމްޕީއެލްގައި ގެންގުޅޭ ވެހިކަލްތައް މަދުކަމަށް ބައެއް ކުންފުނިތަކުން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވީ ހުޅުމާލޭ ޕޯޓަށް ގެންދަން ޖެހޭ ކޮންޓެއިނަރުތައް ވެސް ވަރަށް ބޮޑަށް ލަސްވާ ކަމަށެވެ. އަދި އެމްޕީއެލްގެ ޚިދުމަތް މަޑުޖެހިގެން މުދާ ނެރެން އޮންނަ ދުވަހަށް ވުރެއް ލަސްވެގެން ދިއުމުން، ޑެމަރޭޖް ނަގާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޑެމަރޭޖްގެ ގޮތުގައި އެބަ ނަގާ އެހާ ބޮޑު ފީއެއް. އަނެއްކާ އެމްޕީއެލް އިން ޑެމަރޭޖް ނެގުން ވެސް މި އޮންނަނީ ވަރަށް އަންފެއާ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ގަވާއިދުތައް ހުންނަ ގޮތުން، ބޯޓުން ކޮންޓެއިނަރު ބޭލުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެ މުދަލެއް ވިޔަފާރި ބަނދަރުން ނެރެން ޖެހޭނެ އެވެ. އެހެން ނުވެއްޖެ ނަމަ ޑެމަރޭޖް ވާނެ އެވެ. ޑެމަރޭޖުގެ ގޮތުގައި އެމްޕީއެލް އިން ނަގަނީ 20 ފޫޓުގެ ކޮންޓެއިނަރަކަށް ޖީއެސްޓީއާ ލައިގެން ދުވާލަކަށް 853.30ރ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ 1،706.60ރ. އެވެ. އެހެންވެ، ނެރުން އެއް ދުވަސް ލަސްވި ނަމަވެސް، 20 ފޫޓުގެ ކޮންޓެއިނަރަކަށް އެންމެ މަދުވެގެން 9،386.30ރ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ 18،772.60ރ.ގެ ޑެމަރޭޖް ދައްކަން ޖެހޭނެ އެވެ.
"ޑެމަރޭޖް ދައްކަން ޖެހޭނީ، މިސާލަކަށް 10 ދުވަހުގެ އިތުރުން އެއް ދުވަސް ހިނގި ނަމަވެސް އެބަ ޖެހޭ 11 ދުވަހަށް ޑެމަރޭޖް އެމްޕީއެލް އަށް ދައްކަން. މިއީ ވަރަށް ބޮޑު މައްސަލައެއް، 10 ދުވަހުގެ އިތުރުން ހިނގާ ދުވަހަށް ޗާޖު ކުރުމުގެ ބަދަލުގައި މުޅި މުއްދަތަށް އެއްކޮށް މި ޗާޖު ކުރަނީ،" ލޮޖިސްޓިކްސް ކުންފުންޏެއްގެ އޮޕަރޭޝަންގެ މަސައްކަތުގައި އުޅޭ މީހަކު ކިޔައިދިނެވެ.
އިންޓަނޭޝަނަލް ޝިޕިން ލައިންތަކުގައި ޑެމަރޭޖްގެ ގޮތުގައި ޗާޖު ކުރަނީ 20 ފޫޓު ކޮންޓޭނަރަކަށް ދުވާލަކަށް 30 ޑޮލަރު (462ރ.) އަދި 40 ފޫޓު ކޮންޓެއިނަރެއް ނަމަ ދުވާލަކަށް 60 ޑޮލަރު (925ރ.) އެވެ. އަދި ޗާޖު ކުރަނީ ޑެމަރޭޖްވާ ދުވަހަށް އެކަންޏެވެ.
އެމްޕީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެމްޕީއެލްގެ މައްސަލައަކާ ގުޅިގެން މުދާ ނެރުން ލަސްވެއްޖެ ނަމަ ޑެމަރޭޖް މާފުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މުދާ ނެރެން ނޯޓް ކުރުމުގައި ދެ ގޮތެއް ގެންގުޅެ އެވެ. އެއީ އާންމު އުސޫލުގެ އިތުރުން އެކްސްޕްރެސް ލިސްޓިން ކަމަށް ވިދާޅުވި އެވެ.
"ނޯމަލް ލިސްޓިންގައި ނޯޓް ކޮށްގެން ކޮންޓެއިނާ ތިރިކުރުން ލަސްވެގެން ޑެމަރޭޖެއް ނާރާނެ. ނަމަވެސް އެކްސްޕްރެސް ލިސްޓިން އިން އަރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތްކުރަން އެމްޕީއެލްގައި ބޭނުންކުރާ ވެހިކަލް މަދު ނޫން ކަމަށެވެ.
މިދިއަ ރޯދަމަހު މުދާ ނެރުމުގައި ކުޑަ ޑިލޭއެއް އައީ ކަސްޓަމްސްގެ މަސައްކަތް ފަށާ ވަގުތާއި އެމްޕީއެލްގެ ރަސްމީ މަސައްކަތް ފަށާ ވަގުތު ތަފާތުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
މިފަހަރު ގަންނަނީ އެހެން ސާމާނުތަކެއް: އެމްޕީއެލް
އެމްޕީއެލްގެ މަސައްކަތް ހަލުވިކުރަން ސާމާނު ހޯދަނީ
ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަނީ
މުދާ ނެރުން ލަހެއް ނުވާނެ: އެމްޕީއެލް
އަމިއްލައަށް މުދާ ކްލިއާ ކުރުމުގެ ފުރުސަތު އެބައޮތް
ވަގަށް އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގެންފި
ގޭގޭގައި ބޮންޑެޑް ވެއާހައުސް ހިންގުން މަނާކޮށްފި
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި