Roadha Mihaaru
އޭޑީކޭގައި ދިހަ ބުރީގެ އެކޮމޮޑޭޝަން ބިލްޑިންގެއް ހަދަނީ

އޭޑީކޭގައި ދިހަ ބުރީގެ އެކޮމޮޑޭޝަން ބިލްޑިންގެއް އަޅަން ބަޔަކާ ހަވާލުކޮށްފި

27 ޖުލައި 2016

އޭޑީކޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި ދިހަ ބުރީގެ އެކޮމޮޑޭޝަން ބިލްޑިންއެއް ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އޭޑީކޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި ދިހަ ބުރީގެ އެކޮމޮޑޭޝަން ބިލްޑިންއެއް ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އޭޑީކޭ ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މުވައްޒަފުންނަށް 35 ފްލެޓާއި އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ރަށްރަށުން އަންނަ މީހުން ތިބުމަށް ހާއްސަ 24 ފްލެޓް ހިމެނޭ އިމާރާތް ހެދުމަށް ހަވާލުކޮށްފައި ވަނީ އޭބީސީ ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެވެ. އޭޑީކޭގެ ފޭސް އެކެއްގެ ބިލްޑިންގާ ޖެހިގެން އިރަަށް އޮންނަ ތަނުގައި ހަދާ އިމާރާތުގެ އަގެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ. އޭބީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ވަހީދު (ބިންމާ އަހުމަދު) އެވެ.

އޭޑީކޭގައި އެކޮމޮޑޭޝަން ބިލްޑިންގެއް ހަދަން އޭބީސީއާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭގައި އެކޮމޮޑޭޝަން ބިލްޑިންގެއް ހަދަން އޭބީސީއާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ރަށްރަށުން އަންނަ މީހުންނަށް އަލަށް ހަދާ ގާތްގަނޑަކަށް 4،000 އަކަފޫޓުގެ ބިލްޑިންގުން ހެޔޮ އަގެއްގައި ޖާގަ ލިބެން ހުންނާނެ ކަމަށެވެ. އަދި އެތަނުން ކޮޓަރި ކުއްޔަށްދޭ އަގު މާކެޓް ރޭޓަށްވުރެ ހެޔޮވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އެ އިމާރާތުގެ 35 ފްލެޓް ހާއްސަކުރަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރަން އަންނަ ޕްރޮފެޝަނަލް ބޭފުޅުންނަށް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ހޮސްޕިޓަލުގެ ވަޒީފާއަށް ޝައުގުވެރިވާ މިންވަރު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެ ހޮސްޕިޓަލުގެ ފޭސް3 އަށް ހެދި ދިހަ ބުރީގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތް ވެސް ނިންމަން ޖެހޭ ކަމަށެވެ. އެ އިމާރާތަކީ އެޑީކޭ ކަންމަތީގައި ސޯސަންމަގަށްވާ ގޮތަށް ޖައުސާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހަދަން ފެށި އިމާރާތެވެ. ކޮންކްރީޓް މަސައްކަތް ނިމިފައިވާ ދިހަ ބުރީގެ ބިލްޑިންގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު ފޭސް ތިނެއްގެ ބިލްޑިން 18 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ.