Roadha Mihaaru
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި

އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗުގައި ވެސް ޑިއުޓީކުރި: އަފްއާލް

09 ޖޫން 2020

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް ކޮވިޑް-19 ގެ ސަބަބުން ކުއްލި ހާލަތަށް ގެނެސްފައި ވާއިރު އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުން އައިޖީއެމްއެޗުގައި ވެސް ޑިއުޓީ އަދާކޮށްދީފައިވާނެ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަ އަހުމަދު އަފްއާލް މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް ކޮވިޑް-19 ގެ ސަބަބުން ކުއްލި ހާލަތަށް ގެނެސްފައި ވާއިރު އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުން އައިޖީއެމްއެޗުގައި ވެސް ޑިއުޓީ އަދާކޮށްދީފައިވާނެ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަ އަހުމަދު އަފްއާލް މިރޭ ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްއާލް ވަނީ މި ހާލަތުގައި އޭޑީކޭ އިން އެހީވުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކާއި، އޭޑީކޭގެ މުވައްޒަފުން އަދާކުރަމުން އަންނަ ދައުރު ސާދުކޮށްދެއްވައިފަ އެވެ.

އަފްއާލް ވިދާޅުވީ މި ވަގުތަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގާއިރު އޭޑީކޭގެ ޓްރެއިންޑް ޑޮކްޓަރުން އެހެން މީހުންނަށް ތަމްރީން ދިނުމުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމްތަކުގައި އޭޑީކޭގެ ޑޮކްޓަރުންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވި އެވެ. މާލޭގައި ތިބި އަތޮޅުތެރެއިން އައި ސިއްހީ ހިދުމަތްތެރިން ވެސް ތަމްރީންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ، އެންއީއޯސީގެ މަސައްކަތްތަކަށް ވެސް އޭޑީކޭގެ މެޑިކަލް ޓީމްތަކުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓީން ފެސިލިޓީތަކުގައި މަސައްކަތް ކުރުމުގެ އިތުރަށް ސާމްޕަލް ނަގާ ޓީމްތަކާއި، އެޗްޕީއޭގެ ހޮޓްލައިން މެނޭޖްކުރުމުގައި ވެސް އޭޑީކޭގެ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށް ވިދާޅުވި އެވެ.

"އަދި ހަމަ ކޮވިޑް އަށް ފަރުވާ ދިނުމުގައި ދިމާވި ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ބައެއް މުވައްޒަދުން އައިޖީއެމްއެޗަށް ގޮސް އެތަނުގައި ޑިއުޓީ އަދާކޮށްފައިވާނެ،" އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ، އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ހިސާބުން ސަރުކާރާ މަޝްވަރާކޮށް އޭޑީކޭ އިން ބައްޔަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އައި ކަމަށެވެ. އެގޮތުން ކޮންޓިންޖެންސީ ހާލަތެއްގައި ބޭނުން ވެއްޖެ ނަމަ އެ ހޮސްޕިޓަލުން 58 އެނދާއި ކަރަންޓާއި ފެނާއި އޮކްސިޖަން ވެސް ހިލޭ ދިނުމަށް ނިންމާ ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އަޅާފައިވާ ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން އޭގެ ބޭނުން އަދި ކުރަން ޖެހިފައި ނުވަނީ ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އޭޑީކޭ މިވަގުތު ހާއްސަވެފައިވަނީ ކޮވިޑް-19 ފިޔަވައި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށެވެ. އެގޮތުން އެ ހޮސްޕިޓަލުން އޮންލައުން ފްލޫ ކްލިނިކްއެއްގެ އިތުރަށް އެހެނިހެން ބަލިތަކަށް ވެސް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފަ އެވެ.