Roadha Mihaaru
ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ނަޖިސް ލީކުވަނީ

ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ނަޖިސް ލީކުވަނީ

24 ޖޫން 2018

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ނަޖިސް ލީކުވެ، ގިނަ ބަޔަކަށް އޭގެ އުނދަގޫ ފޯރައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ނަޖިސް ލީކުވެ، ގިނަ ބަޔަކަށް އޭގެ އުނދަގޫ ފޯރައިފި އެވެ.

ނަޖިސް ލީކުވީ ހުޅުމާލޭ ސައިކަލް ފެރީ ކިޔު ކައިރިން ޓާމިނަލް ބޭރުންނެވެ. ފެރީއަށް އަރާ ދިމާލުން ދޮރު ކައިރީގައި ހުންނަ ޖަންކްޝަނުން، އިއްޔެ ރެ އާއި ރޭ ވެސް ވަނީ ވަރަށް ބޮޑަށް ނަޖިސް ބޭރުވެފަ އެވެ.

އެހެންވެ، ރޭ ވެސް ގިނަ މީހުން ތިބީ، ކިޔޫގައި ސައިކަލު ބަހައްޓާފައި ގޮސް ދުރުގަ އެވެ. އެކަމަކު ނަޖިސް ފެންގަނޑުގެ މަތިން ސައިކަލު ދުއްވާފައި ގޮސް ފެރީއަށް އަރަން ޖެހުމުން، މީހުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އެމްޓީސީސީން ވެސް ބުނީ ޓާމިނަލް ކައިރިން ޖަންކްޝަނަކުން ނަޖިސް ލީކުވާތީ ގިނަ ބަޔަކު ޝަކުވާކޮށްފައިވާ ކަމަށެވެ. އެކަމަކު ރޭ ދަންވަރު، އެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށް އެތަނުން ބުންޏެވެ.

"ޖަންކްޝަން ބައްދާލައި، ވަގުތީ ގޮތުން އެ މައްސަލައަށް ހައްލެއް ގެނެސްފިން. އަދި ދާއިމީ ހައްލެއް ގެނެވޭތޯ މިހާރު މަސައްކަތް ކުރަމުން މިދަނީ،" އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މާލޭގެ ބައެއް ޖަންކްޝަންތަކަށް ދޭތެދޭތެރެ އިން މި ކަހަލަ މައްސަލަތައް ދަނީ ޖެހެމުންނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް، ބައެއް މީހުން ގަބޫލުކުރަނީ، މާލޭގެ ނަރުދަމާ ނިޒާމް މިހާރުގެ އާބާދީއަށް އެކަށީގެންނުވުމެވެ

މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީ އަށް ބިނާކޮށެވެ. އެކަމަކު މިހާރު މާލޭގެ އާބާދީ 200،000 އާ ގާތްކުރެ އެވެ.