Roadha Mihaaru
ޖަމީލް، އީޔޫގެ އޮފިޝަލުންތަކަކާ ބައްދަލު ކުރައްވައިފި

ކުރީގެ ނައިބު ރައީސް ޖަމީލް، އީޔޫގެ އޮފިޝަލުންތަކަކާ ބައްދަލުކުރައްވައިފި

26 ޖޫން 2018

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަލީމް އަހްމަދު، ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންތަކަކާ މިދިޔަ ހުކުރު ދުވަހު ބައްދަލު ކުރައްވައިފި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަލީމް އަހްމަދު، ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންތަކަކާ މިދިޔަ ހުކުރު ދުވަހު ބައްދަލު ކުރައްވައިފި އެވެ.

ޓައިމްސް އޮފް ޖެނީވާޑޮޓްކޮމްގައި ލިޔެފައިވާ ގޮތުން، އީޔޫގެ އޮފިޝަލުންނާ ޖަމީލް މި ބައްދަލުކުރެއްވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސް ވަފުދެއް އީޔޫއާ ބައްދަލު ކުރެއްވުމުގެ ކުރިންނެވެ. އީޔޫއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކަށް، ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިހާރު ތިއްބެވީ ބެލްޖިއަމްގަ އެވެ.

ޖެނީވާޑޮޓްކޮމްގައި ބުނީ އީޔޫގެ އޮފިޝަލުންނާ އެކު ޖަމީލް ބޭއްވި ބައްދަލުވުމުގައި، ޝަރުއީ ދާއިރާގެ މިނިވަންކަން ނިގުޅައިގަނެ، ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ހައްގުތަކަށް އަރައިގަނެ، ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް ގާނޫނަކަށް ބެލުމެއް ނެތި ކަންކަން ކުރައްވާ ވެރިއެއްގެ ގޮތަށް ކަަމަށް ވެސް ޖަމީލް ސިފަކުރެއްވި ކަމަށް އެ ނޫހުގައިވެ އެވެ.

ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު، އިސްލާހު ކުރަން ކަންތައްތަކެއް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ކަންކަން އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އީޔޫން ހުށަހެޅި ކަންކަން މިހާތަނަށް ވެސް އިސްލާހުކޮށްފައި ނުވާތީ، އެ ޖަމާއަތުން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި ސަރުކާރުގެ އިސް ވަފުދެއް ބެލްޖިއަމަށް ވަޑައިގަތީ ވާހަކަ ދައްކައިގެން މައްސަލައަށް ހައްލު ހޯދަން ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

އިސްލާހު ކުރަން އީޔޫ އިން ހުށަހެޅި ކަންކަމުގެ ތެރޭގައި ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް އިޔާދަ ކުރުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ، ރާއްޖޭގެ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. މީގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ނުހައްގުން ބަންދުކޮށް ދައުވާ އުފުލުން ހުއްޓާލަން ވެސް ހުށަހަޅާފައިވެ އެވެ.

ސަރުކާރުން ބުނިގޮތުގައި، ވަޒީރުންގެ ވަފުދެއް ބެލްޖިއަމަށް ވަޑައިގަތީ، އާއްމުކޮށް ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުންތަކަށެވެ. އެ ބައްދަލުވުމުގައި ތިމާވެއްޓާއި މަސްވެރިކަމާއި ވިސާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. މީގެއިތުރުން، ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.