Roadha Mihaaru
އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އަޅާކަށް ނޫޅޭ: ޝިއާން

އީޔޫއިން ރާއްޖެ އަށް ފިޔަވަޅު އަޅާކަށް ނޫޅޭ: ޝިއާން

26 ޖޫން 2018

ސަރުކާރުގެ އިސް ބޭފުޅުންތަކެއް ބެލްޖިއަމަށް ވަޑައިގަތީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ފިޔަވަޅު އަޅަން އުޅޭތީ، ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދަން ކަމަށް ދައްކާ ވާހަކަތައް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ދޮގު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ އިސް ބޭފުޅުންތަކެއް ބެލްޖިއަމަށް ވަޑައިގަތީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ފިޔަވަޅު އަޅަން އުޅޭތީ، ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދަން ކަމަށް ދައްކާ ވާހަކަތައް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ދޮގު ކުރައްވައިފި އެވެ.

ޝިއާން ވިދާޅުވީ، ރާއްޖެއާ މެދު ފިޔަވަޅު އަޅަން އިޔޫ އިން ނޫޅޭ ކަމަށެވެ. ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ބެލްޖިއަމަށް ވަޑައިގަތީ މާކުރިން ވެސް ޝެޑިލްކޮށްފައި އޮތް މަތީ ފެންވަރުގެ މަޝްވަރާތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު، އިސްލާހު ކުރަން ކަންތައްތަކެއް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ކަންކަން އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އީޔޫން ހުށަހެޅި ކަންކަން މިހާތަނަށް ވެސް އިސްލާހުކޮށްފައި ނުވާތީ، އެ ޖަމާއަތުން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

އިސްލާހު ކުރަން އީޔޫ އިން ހުށަހެޅި ކަންކަމުގެ ތެރޭގައި ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް އިޔާދަ ކުރުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ، ރާއްޖޭގެ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. މީގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ނުހައްގުން ބަންދުކޮށް ދައުވާ އުފުލުން ހުއްޓާލަން ވެސް ހުށަހަޅާފައިވެ އެވެ.

މިކަންކަން އިސްލާހު ނުކޮށްފި ނަމަ ސަރުކާރުގެ އިސް ބޭފުޅުންނާ ދޭތެރޭގައި، ފިޔަވަޅު އަޅަން އީޔޫގެ ގަރާރުގައިވެ އެވެ.

"ވަޒީރުންތަކެއް މިކޮޅަށް ވަޑައިގަތީ، ކޮންމެ އަހަރަކު އީޔޫއާ އެކު ބާއްވާ މަތީ ފެންވަރުގެ މަޝްވަރާތަކަށް. މި އަހަރުގެ މެއި މަހާއި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް މި ބައްދަލުވުން ކުރިއަށް ދިޔަ. ރިޔާސީ އިންތިޚާބުގެ ފަހުން ވެސް އޮންނާނެ،" ޝިއާން ވިދާޅުވި އެވެ.

އެ ބައްދަލުވުންތަކުގައި، ތިމާވެއްޓާއި މަސްވެރިކަމާއި ވިސާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. މީގެއިތުރުން، ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާނެ ކަމަށް ޝިއާން ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތާ ގުޅޭގޮތުން 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް ނުވަ ގަރާރެއް ފާސްކޮށްފައިވާއިރު، އެއިން އެއްވެސް ގަރާރަކާ ގުޅޭގޮތުން ފިޔަވަޅު އަޅާފައި ނުވާ ކަން ޝިއާން ފާހަގަކުރެއްވި އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާ މެދު ފިޔަވަޅެއް އަޅާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅިގެން އީޔޫ އިން އަންނަނީ ކެނޑިނޭޅި ކަންބޮޑުވުުން ފާޅުކުރަމުންނެވެ.ރާއްޖެއިން އީޔޫއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާއިރު، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވުމުން ދެ ގައުމުގެ ދެމެދުގައި ވެސް ވަނީ މަޝްވަރާތަކެއް ވަނީ ފަށައިފަ އެވެ.