Roadha Mihaaru
ބޭންކުތަކުގެ ބޯޑުގެ މުއްދަތު ކުޑަ ކުރަން ހުށަހަޅައިފި

ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މުއްދަތު ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި

28 ޖޫން 2018

ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ މުއްދަތު ތިން އަހަރަށް ކުޑަ ކުރުމަށް، ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ މުއްދަތު ތިން އަހަރަށް ކުޑަ ކުރުމަށް، ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ބޭންކުތަކުގެ ހިންގުން ހަރުދަނާކޮށް، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާނެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ބޯޑަށް އައްޔަން ކުރާ މެމްބަރެއްގެ، މެމްބަރު ކަމުގެ މުއްދަތަކީ ބޯޑަށް އައްޔަން ކުރާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހެވެ. އަދި މެމްބަރު ކަމުގެ ދައުރު ހަމަވުމުން އެ މެމްބަރުން އިތުރު ތިން އަހަރުގެ އެއް ދައުރަށް އައްޔަން ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބޭންކިން އާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ބޯޑަށް މީހުން އައްޔަން ކުރާނީ ބޭންކުގެ އާންމު ޖަލްސާއެއްގައި ގިނަވެގެން ހަތަރު އަހަރުގެ ދައުރަކަށެވެ. މެމްބަރު ކަމުގެ ދައުރު ހަމަވުމުން އަލުން ހަތަރު އަހަރަށްވުރެ، ދިގު ނޫން މުއްދަތަކަށް މެމްބަރުން އައްޔަން ކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ގާނޫނުގައި ބުނާ ގޮތުން ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވަނީ މަދުވެގެން ފަސް މެމްބަރުން އަދި ގިނަވެގެން 15 މެމްބަރުންގެ މައްޗަށެވެ. އަދި ބޯޑުގެ މެމްބަރުންގެ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށެވެ. ބޯޑަށް މެމްބަރުން އައްޔަން ކުރަން ޖެހޭނީ އާންމު ޖަލްސާއެއްގަ އެވެ.

ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެމްބަރުންނަކީ މާލީ ރިޕޯޓުތައް ތައްޔާރު ކުރުމާއި އެކައުންޓިން ނުވަތަ އޮޑިޓް ކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކު، ޗެއާމަނަކަށް އިންތިހާބު ކުރަން ޖެހޭއިރު، ބޯޑު މެމްބަރުންނަށް ދޭން ޖެހޭ އުޖޫރަ ކަނޑައަޅަން ޖެހޭނެ އެވެ.

ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ބޯޑުގެ މެމްބަރުންނަށް ވެވޭނީ މަދުވެގެން 30-70 އަހަރުގެ މީހުންނަށެވެ. އެކަމަކު، މެމްބަރެއްގެ އުމުރު 70 އަހަރަށްވުރެ މަތިވި ނަމަވެސް، އެ މެމްބަރެއްގެ ހިދުމަތް ދެމިހުރި ގޮތެއް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ މެމްބަރަކު ބޯޑުގައި ދެމިހުރެވޭނެ އެންމެ މަތީ އުމުރު ކަނޑައެޅިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އެކަމަކު، މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންނަކީ އުމުރުން 25 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއް ކަމުގައި ހަދަން ބިލުގައި ހިމަނައިފަ އެވެ.