Roadha Mihaaru
ޕޭމަންޓް ހިދުމަތާ ބެހޭ ބިލް "އޮޅުމެއް ނުފިލި"

ޕޭޭމަންޓް ހިދުމަތާ ބެހޭ ބިލް "އޮޅުމެއް ނުފިލި"

19 އޮކްޓޯބަރ 2020

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން ފޮނުވި ބިލްގައި ޓެކްނިކަލް ވާހަކަތައް ގިނަކަމުން އެ ބިލްގައި އޮތް އެއްޗެއް އޮޅުން ނުފިލާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން ފޮނުވި ބިލްގައި ޓެކްނިކަލް ވާހަކަތައް ގިނަކަމުން އެ ބިލްގައި އޮތް އެއްޗެއް އޮޅުން ނުފިލާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ އިބްތިދާއީ ބަހުސް ފެއްޓެވުމަށް، ފަހު، ބިލްގައި ބުނާ ވާހަކަތައް ތަފްސީލް ކޮށްދެއްވުމަށް ނަޝީދު އެކި ފަހަރު މަތިން އެދިވަޑައިގަތެވެ. ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އެ ބިލް ތަފްސީލުކޮށްދެއްވުމަށް ނަޝީދު ފުރަތަމަ އެދިވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް އަރިހުންނެވެ. އެމަނިކުފާނު ވިދާޅުވީ ވަރަށް ގިނަ ބޭފުޅުން މަޖިލީހުގެ ޖަލްސާ އަޑު އައްސަވާނެ ކަމަށާއި މިހާރު ބަހުސް އެކުރަނީ ކޮންކަމަކާ ބާއޭ ހިތަށް އަރާނެ ކަމަށެވެ.

ޕޭމަންޓް ހިދުމަތާ ބެހޭ ބިލް ދެތިން ފަހަރު ވިދާޅުވެގެން ވެސް އޭގައި ބުނާ ވާހަކައެއް މާ ބޮޑަށް އޮޅުން ފިލާގޮތް ނުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ކީކީހެން ވެސް ހަމަ ހައްތާ ވެސް ފަރަންސޭސި ބަހުން ލިޔެފައި އޮތް ހެެން ހީވުމާއި، އެއްގޮތަކަށް ވެސް ވާއެއް ނުވާއެއް ނޭނގޭ ގޮތް އަޅުގަނޑަށް ވަމުން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

ބިލްގައިވާ މަފްހޫމްތައް މެމްބަރުންނަށް ވިދާޅުވެ ދެއްވަަން ކަމާ ބެހޭ މާހިރަކު މާދަމާ މަޖިލީހަށް ގެނައުމުގެ އިންތިޒާމް ހަމަޖައްސަން މަޖިލީހުގެ ސްކްރެޓޭރިއަޓަށް އެމަނިކުފާނު އެންގެވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް. ޕޭމަންޓް ހިދުުމަތާ ބެހޭ ބިލްގެ ތަފްސީލު ދެއްވަން މަސައްކަތް ކުރެއްވި.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް. ޕޭމަންޓް ހިދުުމަތާ ބެހޭ ބިލްގެ ތަފްސީލު ދެއްވަން މަސައްކަތް ކުރެއްވި.

ބިލްގައި ބުނާ އެއްޗެއް ކުރު އިބާރާތުން ވިދާޅުވެދެއްވަން އިލްޔާސް ލަބީބު އަރިހުން ނަޝީދު އެދިވަޑައިގެންނެވުމުން އިލްޔާސް ދެއްކެވީ ޕޭމަންޓް ހިދުމަތާ ބެހޭ ބިލެއް ނެތުމުން ކުރިމަތިވާ ދަތިތަކުގެ ބައެއް މިސާލުތަކެވެ. އެގޮތުން އެކި ބޭންކްތަކުގެ ތެރެއިން ލާފައި ކުރާ ފައިސާގެ މުއާމަލާތްތަކަށް، ބޭންކްތައް ތަފާތުވުމުން ހޭދަވާ ވަގުތު ދިގުވުމުން ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކާޑް ބޭނުންކޮށްގެން ހަދާ ޕޭމަންޓްތައް ކްލިއާ ނުވެ ލަސްްވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ގާނޫނު އައުމުން އެފަދަ ދަތިތައް ފިލައިގެންދާ ފަދަ ޕޭމަންޓް ގޭޓްވޭއެއް ރާއްޖޭގައި ގާއިމްކުރެވޭނެ ކަަމަށެވެ. އެ ބިލްގެ ސަބަބުން ލިބޭނެ ބައެއް ފައިދާތަކާ ބެހޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކައާ މެދު މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ސުވާލު އުފެއްދެވިި އެވެ.

ބިލް ގާނޫނަކަށް ވުމުން ރައްޔިތުންނަށް ވާނެ ފައިދާތަކާ ބެހޭ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަ އަށް ވެސް ޝަރީފް އެގޮތަށްް ސުވާލު އުފައްދަވައި ނުރުހުން ފާޅުކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ބޮންޑޭ ވިދާޅުވީ އެ ބިލަކީ މަރުކަޒީ ބޭންކް އެމްއެމްއޭއިން މިހާރު ތަރައްގީކުރަމުން އަންނަ ޔުނިފައިޑް ޕޭމެންޓް ގޭޓްވޭ އާ ގުޅިގެން އަންނަން ޖެހޭ ގާނޫނެއް ކަމަަށާއި ޕޭމަންޓް ގޭޓްވޭގެ މަސައްކަތް އެމްއެމްއޭއިން ކުރަމުން އަންނަ ކަަމަށެވެ. އެފަދަ ޕޭމަންޓް ގޭޓްވޭއެއް ތައާރަފްވުމުން، ފައިސާގެ މުއާމަލާތްތައް އަވަސްވެފައި ވިޔަފާރިކުރަން ފަސޭހަވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލީ ހިދުމަތްތައް ދޭ ފަރާތްތައް ރެގިއުލޭޓްކުރާނެ ގޮތާއި ޝަރުއީ މަރުހަލާގައި އަމަލުކުރާނެ އިޖުރާއަތްތައް ވެސް އެބަހުރި ކަމަށް ވިދާޅުވެ ބިލަށް އޭނާ ތައުރީފު ކުރެއްވި އެވެ.

އެކި ބޭފުޅުން ބިލާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް ފަހު ނަޝީދު ވިދާޅުވީ އެ ބިލަކީ "ރަނެއް މަލެއް ފަދަ" ބިލެއް ކަމަށެވެ.

ޕޭމަންޓް ސިސްޓަމް އަދި ޕޭމަންޓް ހިދުމަތާ ބެހޭ ބިލް ހުށަހެޅި ސަބަބެއް ކަމަށް ސަރުކާރުން އެ ބިލްގައި ބުނެފައި އޮތީ ބިލްގެ ބޭނުމަކީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމްކުރުން ކަމަށެވެ. އެ ސިސްޓަމް ގާއިމްކުރާއިރު އެ ސިސްޓަމްގެ ތެރެއިިން ހިންގާ މުއަމާލާތްތައް ރެގިއުލޭޓްކުރާނެ ގޮތްތައް ބިލްގައި ވެ އެވެ. އެކަަމަށް ޓަކައި ހާއްސަ ކައުންސިލެއް އުފައްދަން ވެސް އެ ބިލްގައި ވެ އެވެ.