Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

21 ޑިސެމްބަރ 2019

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ކަންގަނާ ރަނާވަތުގެ އާ ފިލްމު "ޕަންގާ" ގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ދައްކައިލާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ކަންގަނާ ރަނާވަތުގެ އާ ފިލްމު "ޕަންގާ" ގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ދައްކައިލާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ "ޕަންގާ" އަކީ 2017 ގައި ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ބެރިލީ ކީ ބަރްފީ"ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕޯޓްސް ޑްރާމާއެކެވެ. ކަންގަނާ މައެއްގެ ރޯލުން ފެނިގެންދާ ފިލްމުގައި އޭނާ ފެނިގެންދާނީ ކަބައްޑީ ވެސް ކުޅޭ މީހެއްގެ ގޮތުގަ އެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މަޝްހޫރު ޕަންޖާބީ އެކްޓަރު ޖައްސީ ގިލް އާއި ނީނާ ގުޕްތާ، ޕަންކަޖް ތުރިޕަތީ، ރިޗާ ޗައްޑާ އަދި މުކޭޝް ތިވާރީ ހިމެނެ އެވެ.

"ޕަންގާ"ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަޝްވިނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު ނިތޭޝް ތިވާރީ އެވެ. މި އަހަރު "ޗިޗޯރޭ" ގެނެސްދިން ނިތޭޝް އަކީ "ޑަންގަލް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

"ގުޑް ނިއުޒް"ގެ އާ ޓްރެއިލާއެއް

މި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ "ގުޑް ނިއުޒް" އާ ޓްރެއިލާއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ކުރިން ދައްކައިލި ޓްރެއިލާ އަށް ވުރެ އާ ޓްރެއިލާ މާ ބޮޑަށް ވެސް ޝައުގުވެރި އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބެލުންތެރިން ހެއްވާލައި، ރޮއްވައިލާނެ ފިލްމެކެވެ. "ގުޑް ނިއުޒް" ގައި ކިޔައިދޭނީ އައިވީއެފްގެ އެހީގައި ދަރިން ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދަރިފަނި އޮޅުންބޮޅުންވެގެން ހިނގާ ހާދިސާތަކެވެ.

މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ކިއާރާ އަދުވާނީ އެވެ.

"ފޮގެޓްން އާމީ"ގެ ޓީޒާއެއް

މަޝްހޫރު ޑައިރެކްޓަރު ކަބީރު ޚާންގެ އަލަތު ވެބް ސީރީޒް "ދަ ފޮގެޓްން އާމީ: އާޒާދު ކޭ ލިޔޭ"ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ގައުމީ ބަތަލުންތަކެއްގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒް އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިފައިވާ ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ އަންނަ މަހުގެ 26 ގަ އެވެ.

"ދަ ފޮގެޓްން އާމީ"ގެ ލީޑް ތަރިންނަކީ ބޮލީވުޑްގައި މިހާރު އެންމެ ވިދާ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)ގެ "ބަންޓީ އޯރް ބަބްލީ 2" އަށް ސޮއިކޮށްފައިވާ އާ ބަތަލާ ޝަރްވާރީ އެވެ.

ސަނީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 3 ގައި ރިލީޒްކުރާ ޑާންސް ފިލްމު "ބަންގްރާ ޕާ ލޭ" އެވެ.

އަންނަ އަހަރު ކްރިކެޓް ފިލްމު "83" ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަބީރަކީ "ބަޖިރަންގީ ބައިޖާން" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ގެ "ޓިއުބްލައިޓް" އެވެ.

"ދަބަންގް 3" ލީކްކޮށްލައިފި

ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ސަލްމާން ޚާންގެ އާ ފިލްމު "ދަބަންގް 3" އިންޓަނެޓްގައި ލީކްކޮށްލައިފި އެވެ.

އެ ފިލްމު ލީކްކޮށްލީ މި އަހަރު ރިލީޒްކުރި ގިނަ ފިލްމުތަކެއް ލީކްކޮށްލާފައިވާ ޓަމިލްރޮކާޒުންނެވެ. އެ މީހުން ވަނީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮޑެތި ހުރިހާ ފިލްމުތަކެއްހެން ލީކްކޮށްލައިފަ އެވެ.

"ދަބަންގް 3" އަކީ ސަލްމާން ޗުލްބުލް ޕާންޑޭ ކިޔާ ފުލުހެއްގެ ރޯލުން ފެނިގެންދާ ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މި ފަހަރު ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޕްރަބޫދޭވާ އެވެ. ސަލްމާން މި ފިލްމުން ކްރެޑިޓް ނަގާފައިވާ ކަންކަމުގެ ތެރޭގައި ވާހަކަ/ސްކްރީންޕްލޭ، އެޑިޓިން، ޕްލޭބެކް ސިންގާ އަދި ޕްރޮޑިއުސަރުގެ ކްރެޑިޓް ހިމެނެ އެވެ.

މި ފަހަރު ވެސް ސަލްމާނާ އެކު "ދަބަންގް"ގެ ކުރީގެ ދެ ފިލްމުގެ ބަތަލާ ސޮނާކްޝީ ސިންހާ ފެނިގެންދާ އިރު، އާ ބަތަލާ އަކު ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެއީ "ދަބަންގް 3"ގެ ހާއްސަ ފެނިލުމަކުން ފެނިގެންދާ އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅު ސައީ މުކަރްޖީ އެވެ.

"ދަބަންގް 3" އަށް ކްރިޓިކުން ތައުރީފުކޮށްފައިވާ އިރު، ގިނަ ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ސަލްމާންގެ ފިލްމުތަކަށް ލޯބިކުރާ މީހުން ބޭނުންވާނެ ހުރިހާ ރަހަތަކެއް އެކުލެވޭ ފިލްމެކެވެ. މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ފަސް ތަރިން ތިނެއް ބައިގެ ރޭޓިންއެއް ފިލްމެއް ދެމުން ބުނީ މިއީ ވަރަށް "އެންޓަޓެއިނިން" ފިލްމެއް ކަމަށެވެ.