Roadha Mihaaru
ފަހު ވަގުތު އީގަލްސް އަތުން މާޒިޔާ އަށް ޕޮއިންޓެއް

ފަހު ވަގުތު އީގަލްސް އަތުން މާޒިޔާ އަށް ޕޮއިންޓެއް

29 ޖޫން 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު އިސްމާއިލް އީސާ (މެސީ) ވައްދާލި ގޯލުން 2-2 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށް މާޒިޔާ އިން ޕޮއިންޓެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު އިސްމާއިލް އީސާ (މެސީ) ވައްދާލި ގޯލުން 2-2 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށް މާޒިޔާ އިން ޕޮއިންޓެއް ހޯދައިފި އެވެ.

އީގަލްސް އިން މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ވާދަނުކުރެ އެވެ. އެއީ އޭރު ފޯމެޓް އޮތްގޮތުން ޕްރިމިއާ ލީގުން ފުރުސަތު ލިބެނީ މާލޭ ލީގުގެ ގަދަ ހަތަރަކަށް ކަމަށްވާއިރު، އީގަލްސް ލީގު ނިންމާލީ ފަސް ވަނައިގައި އޮވެ ކަމަށްވާތީ އެވެ. މި ފަހަރު މާލޭ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އިން ވަނީ މާޒިޔާއާ ދެކޮޅަށް މި ސީޒަނުގައި ދެ މެޗެއް ކުޅެފަ އެވެ. އެއް މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.

އީގަލްސް އިން ވަނީ ޓްރާންސްފާ މާކެޓްގައި އެ ޓީމުން ގެނައި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑިކްސަން ޑެނިއަލް މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މާޒިޔާ އިން ޓްރާންސްފާ މާކެޓްގައި ގޯލްކީޕަރެއް ނުގެނެ އެވެ. އެއާ އެކު ސީޒަންގެ ބާކީބައިގައި އެ ޓީމުގެ ގޯލު ބަލަހައްޓާނީ އުއްމީދީ ކީޕަރު ހުސެން ޝަރީފް އެވެ.

މެޗު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއިން މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޖެހި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އީގަލްސް އަށް ލީޑުނަގައިދޭން މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޖެހި ޝޮޓް ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން މުޅިން ހުސްކޮށްހުރެ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ބޮލުން ފޮނުވާލި ބޯޅަ ވެސް ކީޕަރު ހުސެން ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި މާޒިޔާ ކެޕްޓަން އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ދިހަ މިނިޓް ފަހުން އޭރިއާ ތެރެއިން މުޅިން ހުސްކޮށް ލިބުނު ބޯޅައެއް ލުއިޒް އެޑުއޭޑޯ ފޮނުވާލިއިރު ކީޕަރު ހުސެން ވަނީ އެ ބޯޅަ ވެސް މަތަކޮށްފަ އެވެ.

އީގަލްސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މާޒިޔާ އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ލީޑުނެގުމެވެ. އޭރިއާ ތެރެއިން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މާޒިޔާ އިން ވަނީ މެޗުގެ 57 ވަނަ މިނިޓްގައި ލީޑުފުޅާކުރަން ލިބުނު ރަނުގެ ފުރުސަތު ނަގާލައިފަ އެވެ. ލިބުނު ކޯނަރަކުން އީސާ ނަގައިިދިން ބޯޅަ އޭރިއާ ތެރެއިން ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

އީގަލްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ. ރިޒޭ ހުސްކޮށްލާފައި އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ލިބުނީ ޑިކްސަން އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އޭގެ ފަހުން އަލުން ލީޑުނަގަން މާޒިޔާ އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ހަމަލާތައް ފޮނުވާލީ އަސަދުﷲ އާއި އީސަ އަދި ކޮނޭލިއަސް އެވެ. އީސަ އާއި ކޮނޭލިއަސް ފޮނުވާލި ބޯޅަތައް އީގަލްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

އީގަލްސް އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ 82 ވަނަ މިނިޓްގައި ލުއިޒް އެޑުއާޑޯ ޖެހި ގޯލުންނެވެ. ލުއިޒް އެޑުއާޑޯ މި ލަނޑު ޖެހީ ކީޕަރު ހުސެއިން ކައިރިން ނައްޓާފައި ގޮހެވެ. އީގަލްސް މޮޅުވާން ދަނިކޮށް މާޒިޔާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައި ސްޓެވާޓް ހުސްކޮށްލާފައި ދިން ބޯޅައިން އީސަ އެވެ. ސްޓެވާޓް ނެގި ހުރަސް އީސަ އަށް ލިބުނީ އީގަލްސް ޑިފެންޑަރުން ކުރިމަތިންނެވެ.

މެޗާ ބެހޭގޮތުން މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗު ދިޔަ ގޮތާ ބަލާއިރު ޕޮއިންޓަކުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން އެކަމަކު އެކަން ނުވެ މިދިޔައީ. އެހެން ނަމަވެސް ކުރިން ކުޅުނު މެޗުތަކުގައި ޕޮއިންޓް ގެއްލިފައިހުރީ ފަހު ވަގުތު ގޯލު ވަދެގެން. މިއަދު އެކަން ބަދަލުވެގެން މިދިޔައީ އަޅުގަނޑުމެން ފަހު ވަގުތު ލަނޑު ޖަހައިގެން ޕޮއިންޓް ހޯދާފައި. ކުރިއަށް ހުރި މެޗުތަކުގައި ކުޅުންތެރިން ވަރަށް ރަނގަޅުކުރަން ޖެހޭ،" އިންމަ ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި މެޗަށް ތައްޔާރުވާން ޖެހޭ މިންވަރަށް އެންމެ ރަނގަޅަށް ތައްޔާރުނުވެވުނު ކަމަށާއި އެއީ ނިމިދިޔަ ބްރޭކުގެ ތެރޭގައި އެންމެ ރަނގަޅަށް ޕްރެކްޓިސް ނުކުރެވުމުން ކަމަށެވެ. މޮޅުވެފައި އޮއްވައި ފަހު ވަގުތު ދެ ޕޮއިންޓް ގެއްލިގެން މިދިޔައީ ފިޓްނަސް ދަށްވެ، ކުޅުންތެރިންގެ ވިސްނަން ޖެހޭ ވަރަށް ނުވިސްނާ ހުރުމުން ކަމަށް ބުންޏެވެ.