Roadha Mihaaru
ވެލެންސިއާ އިން ފެންނަނީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު

ވެލެންސިއާ އިން ފެންނަނީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު: މިލޯ

29 ޖުލައި 2023

ދިވެހި ޕްރިމިއާ ލީގުގައި މެޖޯރިޓީ ޔޫތު ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އޮތް ސްކޮޑަކާ އެކު ކުޅެމުން އަންނަ ކްލަބް ވެލެންސިއާ އިން ފެންނަނީ ރާއްޖޭގެ ކުރިމަގު ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ޕްރިމިއާ ލީގުގައި މެޖޯރިޓީ ޔޫތު ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އޮތް ސްކޮޑަކާ އެކު ކުޅެމުން އަންނަ ކްލަބް ވެލެންސިއާ އިން ފެންނަނީ ރާއްޖޭގެ ކުރިމަގު ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.

މިއަދު ހަވީރު4 ޖަހާއިރު ގަލޮޅު ދަނޑުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ޕްރެސްގައި މާޒިޔާގެ ކޯޗު މިލޯ ބުނީ ޒުވާން ކުޅުންތެރިންނާ އެކު ޓީމަށް މިހާތަނަށް ލަނޑެއް ނުޖެހި ލީގުގެ ފުލުގައި އޮތް ނަމަވެސް މާޒިޔާއިން އެ ކްލަބަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ.

"ވެލެންސިއާ މިވަގުތު ޓޭބަލްގެ ފުލުގައި އޮވެދާނެ، އެކަމު އަހަރެންނަށް ފެންނަނީ އެ ޓީމުގެ ޒުވާން ކުދިންކޮޅަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ގޮތުގައި. ގޯލްކީޕަރު ވަރަށް ޒުވާން، އެމީހުން ބަލިވަމުން އައި ކަމުގައި ވިއަސް މިފަދަ ގިނަ މެޗުތަކެއް އެކުދިންނަށް ލިބުމުން ކައިރި މުސްތަގުބަލެއްގައި ވާނެ ވަރަށް ރަނގަޅު ކުޅުންތެރިންނަށް،" ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން މާޒިޔާގެ ކޯޗު މިލޯ ބުންޏެވެ.

"ފުޓްބޯލައިގައި ހުރިހާ ކަމެއް ބިނާވަނީ ނަތީޖާއަށް. ބައެއް ފަހަރު ކަމެއް ހާސިލް ކުރަން ނަތީޖާ އެއްފަރާތަކަށް ޖައްސާލަން ޖެހޭ، މިސާލަކަށް ވެލެންސިއާ އެ ކުރިއަށްދާ ގޮތް."

ވެލެންސިއާ އިން ލީގުގައި ޔޫވީ އާ ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

ވެލެންސިއާ އިން ލީގުގައި ޔޫވީ އާ ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

މާޒިޔާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ވެލެންސިއާ އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މިލޯ ބުނީ ވެލެންސިއާ އާ ދެކޮޅަށް ނުކުންނަން ޖެހުނަސް އޭނާގެ އަމާޒަކީ މާޒިޔާގެ ކުޅުން، ކުރީ މެޗަށް ވުރެ ރަނގަޅު ކުރުވުން ކަމަށެވެ. އަދި އިދިކޮޅުން ކޮންމެ ޓީމެއް ނުކުތް ކަމުގައި ވިއަސް މާޒިޔާ ނުކުންނާނީ އިދިކޮޅުން ނުކުންނަނީ އެންމެ ވަރުގަދަ ޓީމު ގޮތުގައި ދެކިގެން، ކަމަށެވެ.

"އިދިކޮޅުން އަންނަ ޓީމު ޓޭބަލްގެ ކޮންމެ ހިސާބެއްގަ އޮތަސް އިހުތިރާމް ކުރާނަން. އަދި ކޮންމެ މެޗަކަށް ވެސް އަހަރެމެން އެޕްރޯޗް ކުރާނީ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނަ ފަދައިން. ސަބަބަކީ، ދަށް ކުޅުންތެރިންނާއި މޮޅު ކުޅުންތެރިން ތަފާތު ކުރާނަމަ ޓީމެއްގެ ގޮތުގައި ކުރި ނާރާނެ،" ކޯޗު މިލޯ ބުންޏެވެ.

"މިސާލަކަށް މިއަދު [ވެލެންސިއާއާ ދެކޮޅަށް] ފަސޭހަ ވެދާނެ، ކުޅެން ބޭނުން ނުވެދާނެ. އެކަމު މާދަމާ އީގަލްސް އާ ދެކޮޅަށް ކުޅެން ޖެހެންނާ އަހަރެން ބޭނުންވެދާނެ އެ މެޗުގައި އަހަރެމެންގެ ކުޅަދާނަކަން ސާބިތު ކޮށްދޭން. އަހަރެންގެ ކުޅުންތެރިންނަށް ކިޔައިދީފައި އޮންނާނީ އެކަހަލަ ވިސްނުން ނުގެންގުޅެން."

މިލޯ ބުނީ މާޒިޔާއާ ހަވާލުވެ، މި ވީ ކުޑަ ދުވަސްކޮޅު ތެރޭގައި ކުޅުންތެރިންގެ މައިންޑްސެޓް ބަދަލުކޮށް، ކުޅުންތެރިން ޓްރޭނިންތަކުގައި ދައްކާ ޑިސިޕްލިން އަށް ހެޔޮ ބަދަލެއް ގެނެވިފައި ވާކަމަށެވެ. އަދި އޭނާގެ އަމާޒަކީ ލީގު މެޗުތަކާ އެކު އޭއެފްސީ ކަޕަށް ޓީމު ތައްޔާރު ކުރުން ކަމަށާއި، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ކުޅުންތެރިންގެ އިންޑިވިޖުއަލް މިސްޓޭކްތައް ރަނގަޅު ކުރުވަން ކަމަށެވެ.