Roadha Mihaaru
ސެންޓޭ ކުޅެން ނުކުމެ މާޒިޔާ ސަލާމަތް ކޮށްފި

ސެންޓޭ ކުޅެން ނުކުތްގޮތަށް ތަފާތު ދައްކައި މާޒިޔާ ސަލާމަތް ކޮށްފި

05 އޯގަސްޓް 2023

އާ ކުޅުންތެރިންނާ އެކު މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން ބަލިވާން ދަނިކޮށް އަލީ ފާސިރު (ސެންޓޭ) ކުޅެން އަރައި ޖެހި ގޯލާ އެކު މެޗުގެ އޮއިވަރު ބަދަލުކޮށްލައި، 2-2 އިން ނަތީޖާ އެއްވަރުކޮށް، ލީގު އެއްވަނައިގައި މާޒިޔާ ލީޑު ދަމަހައްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އާ ކުޅުންތެރިންނާ އެކު މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން ބަލިވާން ދަނިކޮށް އަލީ ފާސިރު (ސެންޓޭ) ކުޅެން އަރައި ޖެހި ގޯލާ އެކު މެޗުގެ އޮއިވަރު ބަދަލުކޮށްލައި، 2-2 އިން ނަތީޖާ އެއްވަރުކޮށް، ލީގު އެއްވަނައިގައި މާޒިޔާ ލީޑު ދަމަހައްޓައިފި އެވެ.

މާޒިޔާއިން އަލަށް ގެނައި ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗާއި ޑިފެންޑަރު ސެބަސްޓިޖާން އެންޓިކް ފުރަތަމަ 11 ގައި ހިމަނައިގެން ކުޅުނު މި މެޗުގެ ދެވަނަ ހާފަށް ނުކުތީ އަލަށް ގެނައި މިޑްފީލްޑަރު ރޭގަން އޮބެންގް ވެސް އަރުވައިގެންނެވެ. ނަމަވެސް 2-0 އިން ޓީމު ބަލިވާން ދަނިކޮށް މެޗުގެ އޮއިވަރު ބަދަލުވީ 70 ވަނަ މިނިޓުގައި ކުޅެން އެރި ސެންޓޭ، އޭގެ ދެ މިނިޓު ފަހުން ކާމިޔާބު ކުރި ގޯލާ އެކު އެވެ.

މެޗުގެ 72 ވަނަ މިނިޓުގައި ސެންޓޭ ގޯލު ޖެހީ ބިދޭސީ މިޑްފީލްޑަރު ހަލީލް ގަމާލް ނަގައިދިން ބޯޅައެއް ޑައިވިން ހެޑާ އަކުން ގޯލަށް ފޮނުވާލައިގެންނެވެ. މިއީ އެޓީމުން މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާއެވެ. އޭގެ މިނިޓެއް ފަހުން ނަތީޖާ އެއްވަރު ކުރީ ހަލީލް ދިން ބޯޅައެއް ހޯދައިގެން އޭރިއާ ތެރެއަށް ވަދެ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހަސަން ރާއިފް އަހުމަދު (ހަންނަ) ކާމިޔާބު ކޮށްދިން ގޯލުންނެވެ.

އީގަލްސް ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. ލީޑު ނެގި ގޯލު މެޗުގެ ނުވަވަނަ މިނިޓުގައި ޖަހައިދިނީ ބްރެޒިލް ފޯވާޑް އިވާން ކާލޯސް އެވެ. އޭނާ މި ގޯލު ޖެހީ އެޓީމުގެ ފުލްބެކް އަބްދުއްރަހީމް އުގްލީ ނަގައިދިން ބޯޅައެއް އަހުމަދު ރިޒްވާން (ރިޒޭ) ބޮލުން ޖައްސާލި ބޯޅަ ކާލޯސް މެއިން ކޮންޓްރޯލް ކޮށްލާފައި ގޯލަށް ފޮނުވާލައިގެންނެވެ.

އީގަލްސް ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ 44 ވަނަ މިނިޓުގައި މިލޯވަން ޕެޓްރޮވިޗް ދިން ތުރޫ ޕާހެއް ހޯދައި ކެޕްޓަން ރިިޒޭ ޖަހައިދިން ގޯލުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު ވެސް ލީގުގައި މިހާތަނަށް ބަލިނުވެ އޮތީ މާޒިޔާ އާއި އީގަލްސް އެވެ. ސައްތައިން ސައްތަ ރެކޯޑަކާ އެކު މާޒިޔާ އެއްވަނައިގައި އޮތްއިރު، އީގަލްސް ދެވަނައިގައި އޮތީ ދެ ޕޮއިންޓް މަދުން ހޯދައިގެންނެވެ.

މިރޭގެ ނަތީޖާއާ އެކު ވެސް ލީގު ޓޭބަލްގެ މަގާމުތަކަކަށް ބަދަލެއް ނާދެ އެވެ. ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު މާޒިޔާ އެއްވަނައިގައި އޮތީ 19 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 17 ޕޮއިންޓް ލިބިފައި ވާއިރު ތިންވަނައިގައި އޮތީ 15 ޕޮއިންޓް ހޯދާފައިވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެއްވަނަ ޑިވިޝަނުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް ހަތަރުވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް 10 ޕޮއިންޓް ލިބިފައި ވާއިރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ކްލަބް ގްރީން ސްޓްރީޓްސް އަށް ހަތަރު ޕޮއިންޓް ލިބޭއިރު، ވެލެންސިއާ ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.