Roadha Mihaaru
ކުރީގެ ދެފަނޑިޔާރުންގެ މައްސަލާގައި އދ.ކަންބޮޑުވެއްޖެ

ކުރީގެ ދެ ފަނޑިޔާރުންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

29 ޖޫން 2018

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް ޑިއޭގޯ ގާސިޔާ ސަޔާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ދެ ފަނޑިޔާރުން ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ، ނުފޫޒު ފޯރުވައި ގަވައިދާ ހިލާފު އަމަލުތަކެއް ހިންގާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދޮޅު އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެކަމަކު ޝަރީއަތުގައި އެ ބޭފުޅުންނަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން އެ ބޭފުޅުންގެ ފަރާތުން ވަނީ އަލުން ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލައަށް އިޝާރާތްކުރައްވައި އދ. ސްޕެޝަލް ރެޕަޓުއާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އަބްދުﷲ ސައީދާއި އަލީ ހަމީދަށް ހައި ކޯޓުން އިއްވި ހުކުމާމެދު ހިތްހަމަނުޖެހިގެން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތްއިރު، ދަށު ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ހަމަޖެހިފައިވާ އުސޫލްތަކުގެ ބޭރުން، އަޑުއެހުންތައް ސިއްރުކޮށްގެން ކަމަށެވެ. އަދި އޭގެ އިތުރުން އެކަށީގެންވާ ހެއްކެތް ނެތި، ދިފާއުވާން އެކަށީގެންވާ ފުރުސަތެއް ވެސް ނުދީ އަދި ދިފާއީ ހެކިންނަށް ވެސް ފުރުސަތެއް ދިނުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރަކާއި އިތުރު ދެ ފަނޑިޔާރުން އައްޔަންކުރި މައްސަލައަށް އިޝާރާތްކުރައްވައި ރެޕަޓުއާ ވިދާޅުވީ އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރީ، ވަކިކުރި ގޮތާ މެދު ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް ކަމަށެވެ.

"ދެ ފަނޑިޔާރުން ހައްޔަރުކުރުމުން އަޅުގަނޑުގެ ކަންބޮޑުވުންތައް ވަނީ ހުށަހަޅާފައި. އެކަމަކު ހިތާމައަކީ އެކަމާ މެދު ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭތީ،" އޭނާ ވިދާޅުވި އެވެ.