Roadha Mihaaru
ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދީފި

ސުޕްރީމް ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދެއްވައިފި

11 ޑިސެމްބަރ 2021

މީގެ ތިން އަހަރުކުރިން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބާ ބެހޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ދިގުކޮށް، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މީގެ ތިން އަހަރުކުރިން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބާ ބެހޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ދިގުކޮށް، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފި އެވެ.

ޔާމީންގެ ވެރިކަމުގައި، އޭރުގެ ސުޕްރީމް ކޯޓުން ހުކުމްކުރީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށެވެ.

"ކޮތަރު ކޮށީ" ގެ ނަމުގައި މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، އެ ހުކުމާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، ފެބްރުއަރީ 1، 2018 އަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު "ހަނދުކޭތަ" ހިފި ދުވަސް ކަމަށެވެ. ޔާމީން އެގޮތަށް ވިދާޅުވީ ފެބްރުއަރީ އެއް ވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވަމުންނެވެ.

އެއީ ޝާހީ ބަގާވާތްފުޅެއް. ޖުޑީޝަރީ ތެރެއިން ގެނައި ބަގާވާތްފުޅެއް. މިހާރު ބައެއް ބޭފުޅުން އެ ވާހަކަ އެބަ ދައްކަވާ. ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނު ވާހަކަ.--- ޔާމީން

"އެއީ ޝާހީ ބަގާވާތްފުޅެއް. ޖުޑީޝަރީ ތެރެއިން ގެނައި ބަގާވާތްފުޅެއް. މިހާރު ބައެއް ބޭފުޅުން އެ ވާހަކަ އެބަ ދައްކަވާ ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނު ވާހަކަ. އޭގެ ތަފުސީލު އަޅުގަނޑު މިރޭ ކިޔައިދޭނަން. އަޅުގަނޑަށް މި ކަހަލަ ކަންކަން ސިއްރު ކޮށްގެން ހުންނާކަށް ފަސޭހައެއް ނޫން،" އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން އިންޑިއާ ފިޔަވައި އިތުރު އެހެން އެއްވެސް ގައުމަކަށް އޭގެ އުނދަގޫ ނުވާ ކަމަށެވެ. އެއީ ދާހިލީ ކަމެއް ކަމަށާއި އެހެންވެ އޭގެ ތެރެއަށް އެހެން އެއްވެސް ގައުމަކުން ނުވަން ނަމަވެސް އިންޑިއާ އިން އެ އަމުރު ތަންފީޒު ނުކޮށްގެން ތިން ސިޓީއެއް އޭރު ފޮނުވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ނިއު ދިއްލީން ސިޓީ އައީ. ތިން ސިޓީގައި ވެސް އޮތީ ކީއްވެހޭ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރެވިގެން ތި އުޅެނީ. ފުރަތަމަ ސިޓީ އަށް ވަރަށް ޕޮލައިޓްކޮށް، ޑިޕްލޮމެޓިކްކޮށް ކިޔައިދިނިން. ދެވަނަ ސިޓީ އަށް ޖަވާބު ދޭން އުނދަގޫވި. ތިން ވަނަ ސިޓީ އަށް އަޅުގަނޑުމެން ޖަވާބެއް ނުދެން. އެއީ ޖަވާބު ދިނުމުގެ ބޭނުން ނެތީ،" އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަނުމަށް އެހާ ބޮޑަށް މަސައްކަތް ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައި، ކުރީގެ ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި “ކޮތަރު ކޮށި" ޖަލްސާގައި އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް، ކުރީގެ ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި “ކޮތަރު ކޮށި" ޖަލްސާގައި އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް، ކުރީގެ ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޔާމީން ވިދާޅުވި ގޮތުގައި ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ކިޔައިދިނުމަށް ސަރަހައްދުގެ އެކި ގައުމުތަކަށް އޭރުގެ ސަރުކާރުގެ ބޭފުޅުން ވަޑައިގެން އެކަން އޮޅުންފިލުއްވައި ދެއްވި އެވެ. އެކަމަކު އިންޑިއާ އަށް އޭރުގެ ފޮރިން މިނިސްޓަރު ފޮނުއްވި ނަމަވެސް އެ ގައުމުން އޭނާއާ ބައްދަލުކުރައްވާނެ ބޭފުޅަކު ނެތިގެން އަނބުރާ ވަޑައިގަންނަވަން ޖެހުނީ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އިން އެހާ ބޮޑަށް ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްބޭނުމަށް މަސައްކަތް ކުރަނީ ކީއްވެކަން ލީޑަރުން ކިޔައިދެއްވަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ސުޕްރީމް ކޯޓުގެ "ޓިނު ނަގަން ޖެހުނީ އެންމެ ސަބަބަކާ ހުރެ" އެވެ. އެއީ ދާހިލީ ހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށާއި އުދުވާނީ ހަމަތަކެއް ރާއްޖެ އަށް އަތުވެދާނެތީ ނުވަތަ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލި، މަގުތަކުގައި ހަމަނުޖެހުމެއް ވެސް އޮވެގެން ނޫން ކަމަށް ވިދާޅުވި އެވެ.

ޔާމީންް ވިދާޅުވީ "ޓިނު ނަގަން" ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށެވެ. އަދި އެ ދަނޑިވަޅުގައި ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށް ޔާމީން ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު އެޅިފައިވާ ކަމަށް ޔާމީން ރޭ ވެސް ވިދާޅުވި.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު އެޅިފައިވާ ކަމަށް ޔާމީން ރޭ ވެސް ވިދާޅުވި.

"ހުޅުމާލޭގައި ބައްލަވައިގެންފައި ހުރި އެޕާޓްމަންޓްތަކެއް. މެލޭޝިއާގެ ކުލަލަމްޕޫރުގައި އެ ބޭފުޅުން ބައްލަވައިގެންފައި ހުރި އެޕާޓްމަންޓްތަކެއް ހުރި. އެ ބޭފުޅުންގެ ތަނަވަސްކަމާ ނުބައްދަލުން ހޯއްދަވައިފައި ހުރި އެޕާޓްމަންޓްތަކެއްގެ މައްސަލަ. މި ހަގީގަތް އޭރު ފުލުހުން ހާމަކުރެއްވި،" ފަނޑިޔާރުންގެ މައްސަލަ ބަލަން ޖެހުނު ގޮތް ކިޔައިދެއްވައި ޔާމީން ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑަށް ލާޒިމުވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި މައްސަލަތައް ބަލަން. މޯޓިވްއެއް ކަމަށް ގަބޫލު ކުރެވުނީ އެ މީހުންނަށް ލިބުނު އަގު ބޮޑު ހަދިޔާ. އޭރު މަނީ ލޯންޑްރިންގެ ގާނޫނުއޮތް ނަމަ މި ހުރިހާ އެންމެން ބަރާބަރަށް ހަތަރެސްކަން މީގެ ތެރެއަށް ފެތޭނެ،" ޔާމީން ވިިދާޅުވި އެވެ.

އޭގެ ފަހުން، ފަނޑިޔާރުން އެކުލަވައިލެއްވީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް ކަމަށާއި އެކަމަކު އެއްވެސް ބޭފުޅަކު އިންނަވާ ބެންޗަކުން އޭނާ އަމިއްލަ އަށް ތަހުގީގީ އިދާރާ އަށް ގެންދަން ބޭނުން ނުވާނެކަން ޔާމީން ފާހަގަކުރެއްވި އެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޔާމީން، އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅު ހިއްލައިލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޔާމީން، އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅު ހިއްލައިލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެހެންވީމާ އެ މާއްދާ އުވައިލަންވީ. ހަމައެކަނި އެ މާއްދާ އުވައިލުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ. އެ ނޫން ގޮތެއް ނެތް އެ ބޭފުޅުން [ތަހުގީގަށް] ހާޒިރުކުރާކަށް،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް މާއްދާއެއް އޮތް ކަމެއް އޭރަކު އެނގިވަޑައެއް ނުގަންނަވަ އެވެ. ފަނޑިޔާރުގޭގައި ހިނގާ ކަންކަން އެހާ ވަރަށް ސަރުކާރުން އޭރު ބަލަމުން ނުދާ ކަމަށް ވިދާޅުވި އެވެ.

"މި ކަހަލަ މައްސަލަތައް ފެންމަތިވީމާ އެނގުނީ. އެއީ ޓިނު ނަގަން ޖެހުނު ސަބަބަކީ."