Roadha Mihaaru
ރާއްޖެއަށް ބޭނުމީ ދިވެހިންގެ އަމިއްލަ ހައްލެއް: ޗައިނާ

ރާއްޖެ އަށް ބޭނުމީ އދ.ގެ ހައްލެއް ނޫން، ދިވެހިންގެ ހައްލެއް: ޗައިނާ

08 ފެބުރުއަރީ 2018

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމުގައި، އދ. އިން އިސްނަގައިގެން ދައުރެއް އަދާކުރުމަށް ޗައިނާ އިން ދެކޮޅު ހަދައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމުގައި، އދ. އިން އިސްނަގައިގެން ދައުރެއް އަދާކުރުމަށް ޗައިނާ އިން ދެކޮޅު ހަދައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއާންގް، އިންޑިޔާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންތައް ވަރަށް ގާތުން ޗައިނާ އިން ބަލަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ރާއްޖޭގެ ދާޚިލީ ކަންތަކެއް ކަމަށް ޗައިނާ އިން ގަބޫލުކުރާ ކަމަށެވެ.

"އެކަންތައް ފުރިހަމަ އަށް ހައްލުކުރަން ޖެހޭނީ، ކަމާ ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ވާހަކަ ދެކެވި މަޝްވަރާތައް ކޮށްގެން. ދިވެހިރާއްޖޭގެ އިސްތިގުލާލަށާއި ދިވެހިރާއްޖޭގެ އިމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ހުރުމަތްތެރިކޮށް ހިތަންޖެހޭނެ. އަދި ކަމާ ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ވާހަކަތައް ފެށުމަށް، ބައިނަލްއަގުވާމީ މުޖްތަމައުން ބިނާކުރަނިވި ދައުރެއް އަދާކުރަންވާނެ،" ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ވާހަކަތައް ފެށުމަށް ހިތްވަރާއި އެހީތެރިކަން ދީ، އެ ފަދަ ވާހަކަތަކަށް އެކަށީގެންވާ ފުރުސަތު ދީ އެކަމުގައި ބައިނަލްއަގުވާމީ މުޖްތަމައުން ބިނާކުރަނިވި ދައުރެއް އަދާކުރަންޖެހޭނެ ކަމަށެވެ.

ޖަލު ހުކުމްތަކެއްގައި ތިއްބެވި ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަންކުރުމަށް އަންގައި، މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ސަރުކާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދި ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީން ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

ހަމަ އެ ރޭ ފުލުހުންނާއި ސިފައިން ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަސަން ސައީދު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

އޭގެ އިތުރުން، ފުލުހުންގެ ބަންދުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހު މިނިވަން ކުރި، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ފުލުހުން މިއަދު ވަނީ އަނެއްކާ ހައްުޔަރު ކޮށްފަ އެވެ.

ދަ ހިންދޫގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންގަނޑު ހައްލު ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް ޗައިނާ އިން ވަނީ ދިވެހި ސަރުކާރަށް ހުށަހަޅައިފަ އެވެ.

"ދިވެހިރާއްޖޭގައި ވީހާ އަވަހަކަށް އާންމު ނިޒާމު އަލުން އިއާދަ ކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު ވަރަށް ގާތް ގޮތެއްގައި މުއާމަލާތް ކުރަމުން ދިއުމަށް ޗައިނާ ބޭނުންވޭ،" ގެންގް ވިދާޅުވި އެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތަކަށް މައުލޫމާތު ދެއްވުމަށް، ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިއަދު ހަވީރު ޗައިނާ އަށް ވަޑައިގެންފަ އެވެ.

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތައް، އދ. އިން ހައްލު ކުރުމަށް ޗައިނާ އިން ދެކޮޅު ހެދި އިރު، އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މިއަދު މަޝްވަރާ ކުރުމަށް ވަނީ ތާވަލު ކޮށްފަ އެވެ.