Roadha Mihaaru
ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށާނެ

ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށާނެ: އައިއޭއެސް

01 ޖުލައި 2018

ރ. ފައިނު ޑޮމެސްޓިކް އެއާޕޯޓު ހެދުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރ. ފައިނު ޑޮމެސްޓިކް އެއާޕޯޓު ހެދުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް އިން މިއަދު ބުނެފި އެވެ.

ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުނިން ފައިނުގައި ޑޮމެސްޓިކް އެއާޕޯޓު އެޅުމަށްޓަކައި ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައި ވެ އެވެ. އޭގެ އިތުރުން، ދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއް ކަހަލަ ސާޖަރީތަކުން ރިކަވާ ވާ މީހުންނަށް ޚިދުމަތް ދޭ ފެސިލިޓީއަކާއި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް ޚާއްސަ ހޭންގަރަކާއި މުވައްޒަފުން ތަމްރީން ކުރާނެ ތަނެއް ހަދަން ނިންމާފައި ވެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ، އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ޚަރަދު ކޮށްގެން ފައިނުގައި ހަދާ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި ޕްރޮޖެކްޓަކީ އަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންދަން އެ ރަށު މީހުން ވެސް ވަރަށް ބޮޑަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވި ގޮތުގައި، ފައިނުގެ އެއާޕޯޓު ހުޅުވުމަށް ފަހު، ފުރަތަމަ ފަށައިގަންނައިރު ވެސް ދުވާލަކު 10 މަތިންދާބޯޓު ޖައްސަން ޖެހޭނެ ކަމަށް ލަފާކުވެ އެވެ. އެއީ، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް އޮޕަރޭޓް ކުރަމުން އަންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައިނުން ފުރައިގެން 10 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ގިނަ ރިސޯޓުތައް ހުރީ. މި އެއާޕޯޓު ހުޅުވުމާއެކު އެ އަތޮޅަށް ސީ ޕްލޭނުން ކުރާ ދަތުރުތައް ވަރަށް މަދުވާނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިނު އެއާޕޯޓާ އެކު 80 ވަރަކަށް ވަޒީފާ އުފެދޭނެ ކަމަށެވެ. އޭގެ އިތުރުން ސިޓީ ހޮޓަލާއި ޓްރެއިނިން ސެންޓަރަކާއި ކާގޯ ވިލެޖް ފަދަ ތަންތަން ތަރައްގީ ކުރުމުން، ފައިނުގައި ވަޒީފާއެއް ނެތް މީހަކު ވަރަށް މަދުވާނެ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

ފައިނު އެއާޕޯޓު ހަދަން ބޭނުންވާ ފައިސާ ހޯދަނީ އައިލެންޑް އޭވިއޭޝަންގެ ދަތުރުތަކުގެ ޓިކެޓް އެޑްވާންސްކޮށް ވިއްކައިގެންނެވެ. އެގޮޮތުން، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަން ޓިކެޓަށް އެޑްވާންސް ފައިސާ ދިނީ ޔުނިވާސަލް އެންޓަޕްރައިޒަސް އާއި ރ. އަތޮޅުގައި ރިސޯޓް ހިންގާ ބައެއް އެހެން ކުންފުނިތަކުންނެވެ.