Roadha Mihaaru
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު

ސްކޫލު ޗުއްޓީގައި މޯލްޑިވިއަން އިން 132،000 ފަސިންޖަރުން އުފުލި

13 އޯގަސްޓް 2023

މި އަހަރުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަން އެއާލައިނުން 132،000 ފަސިންޖަރުން އުފުލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަން އެއާލައިނުން 132،000 ފަސިންޖަރުން އުފުލައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްކޫލު ޗުއްޓީގައި ވަނީ 3،600 ފްލައިޓު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަޅާފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ބުނީ މިދިޔަ ޖޫން 15 އިން އޮގަސްޓް 1 ވަނަ ދުވަހާ ހަމައަށް އެންމެ ގިނަ މީހުން ދަތުރުކުރީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ. އެ އެއާޕޯޓު މެދުވެރިކޮށް 19،600 މީހުން ދަތުރު ކޮށްފައިވެ އެވެ. ކޫއްޑު އަށް 15،400 ފަސިންޖަރުން ދަތުރުކުރި އިރު ކާޑެއްދު އާއި ކައްދު އަށް 15،200 ފަސިންޖަރުން ދަތުރު ކުރި އެވެ. ކުޅުދުއްފުއްޓަށް ދަތުރުކުރީ 14،200 ފަސިންޖަރުންނެވެ.

ސްކޫލް ޗުއްޓީ އާއި އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ފުރާތީ ޑޮމެސްޓިކް ދަތުރުތަކަށް ވަރަށް ބާރު ބޮޑުވި އެވެ. ގައުމީ އެއާލައިނުން ދުވާލަކު 50 އަށް ވުރެ ޑޮމެސްޓިކް ފްލައިޓު ވެސް ޝެޑިއުލް ކުރި ދުވަސްތައް އޭރު ދިޔަ އެވެ. އާންމުކޮށް ދުވާލަކު އޮންނަނީ ޑޮމެސްޓިކް ފްލައިޓުތަކުގެ 20-30 ދަތުރެވެ.

މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ވަރަކަށް ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުތައް ކުރަމުންނެވެ. އެ އެއާލައިންގެ ފްލީޓުގައި 14 މަތިންދާ ބޯޓު ހިމެނެ އެވެ.