Roadha Mihaaru
އައިފޯނަށް ޑުއަލް ސިމް ސަޕޯޓް

އައިފޯނަށް ޑުއަލް ސިމް ސަޕޯޓް

02 ޖުލައި 2018

ޗައިނާގައި މޮބައިލް ފޯނު ވިޔަފާރިކުރާ މީހުން ދެކޭ ގޮތުގައި، އެންޑްރޮއިޑް ފޯނުތަކަށް ވުރެ އައިފޯނުގެ ނުފޫޒު ގަދަ އެވެ. އައިފޯނު ދޫކޮށް އެންޑްރޮއިޑް ފޯނެއް ގިނަ މީހުން އިޚްތިޔާރުކުރަނީ، ދެ ސިމް ބޭނުންކުރުމަށް ކަމަށް އެ މީހުން ދެކެ އެވެ. އައިފޯނުގައި ދެ ސިމް ބޭނުންނުކުރެވުމަކީ ވިޔަފާރި އަށް އެޅިފައި އޮންނަ ހިޔަންޏެއް ގޮތުގައި އެ މީހުން ފާހަގަކުރެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އިން މި އަހަރު ނެރޭ އައިފޯން މޮޑެލްތަކުގެ ތެރެއިން، ކޮންމެވެސް ދެ މޮޑެލްއެއް، ޑުއަލް ސިމް ސަޕޯޓްކުރާނެ ކަމަށް ބުނެވެ އެވެ. އެއީ ޗައިނާގައި ވިޔަފާރި ރަނގަޅުކުރުމަށް ކަމަށް ވެސް ބުނެވެ އެވެ. ޗައިނާގައި ގިނައީ ދެ ސިމް ބޭނުންކުރާ މީހުންނެވެ. އައިފޯނު ގެންގެޅޭ މީހަކު ދެ ސިމް ބޭނުންކުރާ ނަމަ، އެންޑްރޮއިޑް ފޯނެއް ކޮންމެހެން ވެސް ހޯދަ އެވެ. ނޫން ނަމަ ގެންގުޅެން ޖެހެނީ ދެ އައިފޯނެވެ. މިއީ އެވްރެޖް މީހުންނަށް ބޮޑު ޚަރަދަކަށް ވެ އެވެ.

ޗައިނާ މާކެޓަށް ޚާއްސަކޮށް ނެރޭ އައިފޯނު މޮޑެލްގައި، ދެ ސިމް ލެއްވޭ ގޮތަށް، "ސިމް ޓްރޭ" އަށް ބަދަލުގެންނާނެ ކަމަށްވެ އެވެ. އަދި އެޕަލް ސިމް ސަޕޯޓްކުރާ ނެޓްވޯކްތަކުގައި، ދެ ސިމް ބޭނުންކުރެވޭ ގޮތަށް "ސިންގަލް ސިމް ޓްރޭ"ގެ އިތުރުން، "އެޕަލް ވާޗުއަލް ސިމް" ގާއިމުކުރާނެ އެވެ.

އެޕަލް ވާޗުއަލް ސިމް އަކީ، ފެކްޓަރީން ނެރޭއިރު ވެސް، އެ ޑިވައިސްއެއްގައި ވަޅުލާފައި އިންނަ ސިމް އެކެވެ. އެ ގޮތުގައި އެ ޑިވައިސްއެއް ބޭނުންކުރާ މީހަކު ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ނެޓްވޯކަކަށް ވެސް ބަދަލުކޮށްލެވެ އެވެ. ނެޓްވޯކް އޮޕަރޭޓަރުންނާ ވަކިވަކިން ގުޅައި ތަފާތު ސިމްތަކެއް ހޯދާކަށް ނުޖެހެ އެވެ. އެޕަލް ސިމް ލޯންޗްކޮށްފައި ވަނީ 2014 ގައި، "އެޕަލް އައިޕެޑް އެއާ 2" އާ އެކު އެވެ.

އޭޝިޔާ ގައުމުތަކުގައި ވިޔަފާރި ފުޅާކުރުމަށް، ޑުއަލް ސިމް ސަޕޯޓްކުރާ ޑިވައިސްއަކަށް އައިފޯން ހަދަންޖެހޭ ކަމަށް މާކެޓް ދިރާސާކުރާ މީހުން ބުނެ އެވެ. ދެ ސިމް ބޭނުންކުރެވޭ ފޯނުތަކަކީ ވަރަށް ގިނަ ބައެއްގެ އިޚުތިޔާރެއް ކަމަށް، ކޮށްފައި ހުރި ދިރާސާތަކުން ވެސް އެޕަލް އަށް ވެސް އެނގެ އެވެ.