Roadha Mihaaru
އެސްޖޭ: އަޑު މަޑު އެކަމަކު ބިޔަ ކުންފުންޏެއް!

އެސްޖޭ ކޮންސްޓްރަކްޝަން: އަޑު މަޑު އެކަމަކު ބިޔަ ކުންފުންޏެއް!

05 ޖުލައި 2018

އެސްޖޭ ކޮންސްޓްރަކްޝަންގެ ނަން އެހާ އާއްމެއް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިމާރާތްކުރުމުގެ އިންޑަސްޓްރީގެ ޕަބްލިކް ސެކްޓަރުގައި ހަރަކާތްތެރިވާ ބޮޑު، ބިޔަ ކުންފުންޏެކެވެ.

އަލީ ޝިނާން އަލީ ޝިނާން

އެސްޖޭ ކޮންސްޓްރަކްޝަންގެ ނަން އެހާ އާއްމެއް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިމާރާތްކުރުމުގެ އިންޑަސްޓްރީގެ ޕަބްލިކް ސެކްޓަރުގައި ހަރަކާތްތެރިވާ ބޮޑު، ބިޔަ ކުންފުންޏެކެވެ.

ހައުސިން މިނިސްޓްރީން ސަރުކާރުގެ ޕްރޮޖެކްޓްތައް ނުވަތަ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ދޫކުރަން މިންގަނޑުތަކެއް ކަނޑައަޅާފައި ވާއިރު، އެސްޖޭ ކޮންސްޓްރަކްޝަނަކީ އެ މިންގަނޑުގެ އެންމެ މަތިން "އަންލިމިޓެޑް ލިމިޓެޑް" ބިޑްކުރެވޭ ކެޓަގަރީގައި ހިމެނޭ މަދު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.

މިދިޔަ އަހަރު އެކަނިވެސް އެ ކުންފުނިން ވަނީ ސަރުކާރުގެ ބޮޑު 11 ޕްރޮޖެކްޓެއް ކާމިޔާބުކަމާ އެކު ނިންމައިފަ އެވެ.

2017 ވަނަ އަހަރު ނިންމި ބައެއް ޕްރޮޖެކްޓްތައް:

- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 6 ޕްރޮޖެކްޓް

- ނެޝަނަލް ޔުނިވަރސިޓީގެ 3 ޕްރޮޖެކްޓް

- މިނިސްޓްރީ އޮފް ހޯމް އެފެޔާޒްގެ 1 ޕްރޮޖެކްޓް

- މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާޒްގެ 1 ޕްރޮޖެކްޓް

މިއީ ހަމައެކަނި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ވެސް ނޫނެވެ. އިމާރާތްތައް ފަރުމާކޮށް ކުރެހުމާއި ކޮންސަލްޓަންސީ ދިނުން ފަދަ ކޮންސްޓްރަކްޝަން ސިނާއަތުގެ ގިނަ ކަންކަން މި ކުންފުނިން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން އެސްޖޭ އިން މިހާރު ވަނީ ހާޑްވެއާ ވިޔަފާރިއަށް ނިކުމެ، އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުޅުމާލޭގައި ހުޅުވައިފަ އެވެ. އަދި އެލްމިނިއަމް ދޮރާއި ދޮރުފަތާއި ޕާޓިޝަން ޖެހުމަށް ބޭނުންވާ ސާމާނު ވިއްކުމަށް އެލްމިނިއަމަށް ހާއްސަ ފިހާރައެއް "އެސްޖޭ އެލްމްނިއަމް" ގެ ނަމުގައި މާލޭގައި ހުޅުވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތް ކުރި ށ. މިލަންދޫ ސްކޫލް.

އެޑިއުކޭޝަން މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތް ކުރި ށ. މިލަންދޫ ސްކޫލް.

އެސްޖޭގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، އެ ކުންފުނީގެ ދިގު ތާރީހަށް ބަލައިލުން މުހިންމެވެ. ކުންފުނި އުފެދުނީ މީގެ 22 އަހަރު ކުރިން، 1996 ވަނަ އަހަރު އެވެ. ނަމަވެސް މަޑުޖެހިފައި އޮތުމަށް ފަހު މިހާރު މި ފެންނަ އެސްޖޭގެ ކާމިޔާބީގެ ދަތުރު ފެށުނީ 2000ގެ ކުރީކޮޅު، އޭރު އަމީނިއްޔާ ސްކޫލުތެރޭގައި ހުރި ގަސްތަކެއް ކަނޑަން ލިބުނު ހިސާބުންނެވެ.

އޭރު ގަސް ކެނޑުމުގެ މަސައްކަތުގައި އަމަލީގޮތުން އުޅުނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އާއި އޭނާގެ ކޮއްކޮ އަދި ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ. އެސްޓިމޭޓު އުސޫލުން 5،000ރ. އަށް ކުރި މަސައްކަތާ އެކު ދެން އެ ދެ މީހުން ފެށީ ކުލަ ލުން ފަދަ ކުދިކުދި މަސައްކަތްތަކެވެ. ފަހަތަށް ބެލުމެއް ނެތި، ފަހަރަކު ހަރުފަތެއް ކުރިއަށް ގޮސް މިއަދު މި ކުންފުންޏަކީ ބޮޑެތި ޕްރޮޖެކްޓްތައް ނަގައިގެން، މައްސަލަތަކާ ކުރިމަތިނުވެ ކާމިޔާބުކަމާ އެކު އެ ޕްރޮޖެކްޓްތައް ނިންމައި ޕަބްލިކް ސެކްޓަ ކޮންސްޓްރެކްޝަންގެ ނުފޫޒުގަދަ ކުންފުންޏަކަށްވެފަ އެވެ.

މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި، އެސްޖޭ ކޮންސްޓްރެކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް (ވ) ބައިވެރިވެ ވަޑައިގަންނަވަނީ

މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި، އެސްޖޭ ކޮންސްޓްރެކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް (ވ) ބައިވެރިވެ ވަޑައިގަންނަވަނީ

މިވަގުތު ކުރިޔަށްދާ ޕްރޮޖެކްޓްތައް:

- ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުން

- ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ކުރުން

- ރ. އުގޫފާރު އިސްލާމިކް ސެންޓަރު އިމާރާތް ކުރުން

- ފަސް ރަށެއްގެ ނަރުދަމާ އެޅުމުގެ މަސައްކަތް

"ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އަޅުގަނޑު ދެކެން ބޭނުންވާ ހުވަފެނެއް އެބައޮތް. އެއީ ރާއްޖެއަކީ ރިމޯޓް ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއްކަމުން، ރާއްޖޭގައި ބުރިޖް އެޅުމުގެ މަސައްކަތް އެއޮތީ ފެށިގެންގޮސް ފުރަތަމަ ބްރިޖް ހުޅުވަންވެފައި، އެހެންކަމުން ކުރިޔަށްއޮތްތަނުގައި ވަރަށްގިނަ ބްރިޖް އެޅިގެންދާނެ ކަމަށްފެނޭ، އެހެންކަމުން މިބްރިޖްތަކުގެ އަމަލީ މަސައްކަތް ދިވެހި ކުންފުނިތަކުން ކުރާތަން ދެކެން ބޭނުން،" އެސްޖޭ ކޮންސްޓްރެކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

ބޭބެ އާއި ކޮއްކޮ މަސައްކަތަށް ނިކުމެގެން ފެށި ކުންފުނީގައި މިހާރު 100 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

އެސްޖޭގެ އެމްޑީ ޝާހިދު (ވ-2): ހުޅުމާލޭ ޕޮލިސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިން.

އެސްޖޭގެ އެމްޑީ ޝާހިދު (ވ-2): ހުޅުމާލޭ ޕޮލިސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިން.

"އަޅުގަނޑުމެން އަބަދުވެސް ބެލީ މަޑުމަޑުން ކުރިއަށް ދާން. އެކަން ހާސިލްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު. ނަމަވެސް މިއަދު އަޅުގަނޑުމެން މިތިބީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ހިސާބެއްގައި ކަމަށް ދެކެން،" އެސްޖޭ ކޮންސްޓްރެކްޝަންގެ ޑިރެކްޓަރު އަދި ގާނޫނީ ވަކީލު ޝިހާދު އިބްރާހިމް ވިދާޅުވި އެވެ.

މިއީ ވެސް ކާމިޔާބު އަހަރެއް

އެސްޖޭގެ އެންމެ ތަފާތު އެއް ކަމަކީ އެ ކުންފުނިން މިހާރު އަންނަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސަރުކާރުގެ ޕްރޮޖެކްޓްތައް ނަގަމުންނެވެ. އާންމުކޮށް ދިވެހި ކުންފުނިތަކުން މިގޮތަށް ޕްރޮޖެކްޓްތައް ހިންގަނީ ވަރަށް މަދުންނެވެ. އެއީ އެ ވަރުގެ ބޮޑެތި ޚަރަދުތައް ކުރެވޭ ފެންވަރުގެ ކުންފުނިތައް ރާއްޖޭގައި މަދުވުމުން ކަމަށް ވެދާނެ އެވެ.

"އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން. މާނަ އަކީ އަޅުގަނޑުމެންގެ އަމިއްލަ ފައިސާގައި ސަރުކާރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން. ދެން އެ އަށް ހަމަޖެހިފައިވާ އުސޫލުން ސަރުކާރުން ފަހުން ލާރި ދައްކާ ނިންމާނީ،" ކޮންސްޓްރަކްޝަން ދާއިރާގެ ގާނޫނުތައް ހެދުމުގައި ރައްޔިތުން މަޖިލީހުގެ ކޮމިޓީތަކުގައި ފަންނީ ލަފާ ދެއްވާފައިވާ ޝިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތަކުގައި އެންމެ ދަތިވަނީ ދިވެހި މަސައްކަތްތެރިން ނުލިބޭތީ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ދިވެހިން މަސައްކަތް ކުރާނަމަ ބޭރު މީހުން ގެންގުޅުމުގެ ބޭނުމެއް ނެތެވެ.

ސީއެސްއާރު ގައި ވެސް ނަމޫނާ ކުންފުންޏެއް

ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ ކާމިޔާބީއާ ގުޅުވައިގެން އިޖްތިމާއީ މަސައްކަތްތައް ކުރުމަކީ އުސޫލެއްގެ ގޮތުން ގިނަ ކުންފުނިތަކުން ކުރާ ކަމެކެވެ. ނަމަވެސް ގިނަ ތަންތަނާ ޚިލާފަށް އެސްޖޭގެ ސީއެސްއާރު ޕްރޮގްރާމް ވަރަށް ވަރުގަދަ އެވެ.

އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ގޮތުގައި މިހާރު ވެސް އަންނަނީ ބޮޑު ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެއީ ށ. މިލަންދޫގެ ބަނދަރު ހިޔާ (ފެރީ ޓާމިނަލް) އަށް ދެ ބުރި އިމާރާތެއް އެޅުމުގެ މަސައްކަތެވެ.

ށ. މިލަންދޫގައި އެސްޖޭ އިން އިމާރާތްކޮށްދޭ ފެރީ ޓާމިނަލުގެ ކުރެހުމެއް، އެތަނުގެ 80 ޕަސެންޓް މިހާރު ވަނީ ނިމިފައި.

ށ. މިލަންދޫގައި އެސްޖޭ އިން އިމާރާތްކޮށްދޭ ފެރީ ޓާމިނަލުގެ ކުރެހުމެއް، އެތަނުގެ 80 ޕަސެންޓް މިހާރު ވަނީ ނިމިފައި.

ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވެއިޓިން އޭރިއާއަކާއި ކެފޭއެއްގެ އިތުރުން ސްޓޯރޭޖް އަދި ފާހާނާ ބަރިއެއް ވެސް އެ ތަނުގައި ހަދާނެ އެވެ. އެސްޖޭ އިން ބުނީ އެ ކުންފުނިން ހަރަދުކޮށްގެން ހަދާ އެ ތަނުގެ އަގު ތިން މިލިޔަން ރުފިޔާ އަށް ވުރެ ބޮޑުވާއިރު މިހާރު އެތަނުގެ މިހާރު 80 ޕަސެންޓް މަސައްކަތްވަނީ ނިމިފައި ކަމަށެވެ.

އާންމުންގެ ތެރޭގައި އެސްޖޭ އަކީ ކިތަންމެ އަޑު މަޑު ކުންފުންޏެއް ނަމަވެސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މިއީ ވަރަށް އަޑުގަދަ ކުންފުންޏެކެވެ. ޚާއްސަކޮށް އެސްޖޭ އަކީ ރާއްޖޭގެ ޕަބްލިކް ސެކްޓާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކާމިޔާބު ކަމާ އެކު ނިންމުމުމުގައި "ޗެމްޕިއަން" އެކެވެ.