Roadha Mihaaru
ފަތުވާމަޖިލީހުން ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަނީ

ފަތުވާ މަޖިލީހުން ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަނީ

04 ޖުލައި 2018

ރާއްޖޭގެ ދީނީ ފަތުވާ މަޖިލީހުން ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ދީނީ ފަތުވާ މަޖިލީހުން ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބާއްވާ އެ ބައްދަލުވުމުގައި، އެކި ގައުމުތަކުގެ ފަތުވާ މަޖިލީހުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ތެރޭގައި ސައޫދީއަރަބިއްޔާ، މޮރޮކޯ، މިސްރު، އުރުދުން، މެލޭޝިއާ އަދި ސޫދާން ހިމެނެ އެވެ. އެއް ދުވަހުގެ މުއްދަތަށް ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ސައޫދީ އާއި މޮރޮކޯ ފިޔަވައި އެހެން ގައުމުތަކުން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ފަތުވާ ކޮންފަރެންސްގައި މަޝްވަރާ ކުރާނެ މައިގަނޑު ތީމަކީ އަމަންއަމާންކަން ގާއިމް ކުރުމުގެ ވަސީލަތްތަކެވެ. ގައުމުގައި އަމާންކަން ގާއިމް ކުރުމާ ބެހޭ ގޮތުން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފަތުވާ ދިނުމާއި އިސްލާމީ ދަޢުވާ ފެތުރުމާ ބެހޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވި ތަމްރީން ތަކުގައި ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. އެއީ، ރާއްޖޭގެ ފަތުވާ މަޖިލިސް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަރަށް މުހިއްމު ކަމެއް ކަން މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ، އަމާޒަކީ މި ސަރަހައްދުގެ އެންމެ ހަރުދަނާ ފަތުވާ ދޭ މަޖިލިސް ކަމަށް ވުން. މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް އެބަހުރި ފަތުވާދޭ އެހެން މަޖިލިސްތައް. ޕާކިސްތާން އަދި އިންޑިޔާގައި. އެކަމަކު އެއީ އަޅުގަނޑުމެންނަށް ވުރެ ދޮށީ ފަތުވާދޭ މަޖިލިސްތަކެއް،" ޒިޔާދު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ފަތުވާ ދޭ މަޖިލީހުގެ ނައިބު ރައީސް އިބްރާހިމް އަހުމަދު ވިދާޅުވީ، ފަތުވާ ކޮންފަރެންސް ގައި ތިން ކަރުދާހެއް ހުށަހަޅައި ކަންތައްތަކެއް ނިންމާނެ ކަމަށެވެ.

"މުޖުތަމައުގެ އަމަންއަމާން ކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ފަތުވާދޭ މީހުން އަމަލުކުރަން ޖެހޭ އުސޫލުތަމުގެ މައްޗަށް މި ސެމިނާގައި ނިންމާ ނިންމުންތައް ބިނާވާނީ،" އިބްރާހިމް ވިދާޅުވި އެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކަޑެމީ އުވާލުމަށް ފަހު އުފެއްދި މަޖިލީހެކެވެ.

އެ މަޖިލީހުގައި ތިއްބަވަނީ އިސްލާމިކް މިނިސްޓަރާއި އުއްތަމަ ފަނޑިޔާރާއި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އަދި ސީދާ އެ މަނިކުފާނު އައްޔަން ކުރައްވާ މެމްބަރުންނެވެ.