Roadha Mihaaru
ފަތުވާތައް ފިތުނައަށް ވެގެން ނުވާނެ: މިނިސްޓަރު ޒިޔާދު

ފަތުވާތައް ފިތުނައަކަށް ވެގެން ނުވާނެ: މިނިސްޓަރު ޒިޔާދު

08 ޖުލައި 2018

އިސްލާމް ދީނާ ގުޅޭ ގޮތުން ނެރޭ ފަތުވާތަކަކީ ފިތުނައަކަށް ވެގެން ނުވާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމް ދީނާ ގުޅޭ ގޮތުން ނެރޭ ފަތުވާތަކަކީ ފިތުނައަކަށް ވެގެން ނުވާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

"ފަތުވާއަކީ އަމަން އަމާންކަން ގާއިމުކުރުމުގެ ވަސީލަތެކެވެ" މި ނަމުގައި މިއަދު އިސްލާމިކް މަރުކަޒުގައި ފެށި ފަތުވާއާ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ މި ސަރުކާރުން ފަތުވާއާ ބެހޭ މަޖިލީހެއް ރާއްޖޭގައި އުފައްދާފައިވާއިރު އެއީ އިސްލާމީ ދައުލަތުގެ ސިފަ ޖެހިގެން ދިޔަ ކަމެއްް ކަމަށެވެ. މި ސެމިނާ ޝަރަފުވެރި ކޮށްދެއްވަނީ މިސްރުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމް އާއި ޖޯޑަންގެ މުފުތީ މުހައްމަދު އަހުމަދު އަލްޚަލާޔިލާގެ އިތުރުން ސޫދާންގެ ފިގްހް އެކަޑެމީގެ ރައީސް އަބްދުއްރަހީމް އަލީ މުހައްމަދު އިބްރާހީމެވެ.

މިއަދުގެ ކޮންފަރެންސްގައި ޑރ. ޒިޔާދު ވާހަކަ ދައްކަވަނީ، ފަތުވާއަކީ ފިތުނައަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި.. ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދުގެ ކޮންފަރެންސްގައި ޑރ. ޒިޔާދު ވާހަކަ ދައްކަވަނީ، ފަތުވާއަކީ ފިތުނައަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި.. ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިސްލާމް ދީނުގެ އެކިއެކި ހުކުމްތަކާ ގުޅޭ ގޮތުން ފަތުވާތައް ނެރޭ އިރު އެ ފަތުވާތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތަށް އަސަރު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މުޖުތަމައު ފިތުނަ ފަސާދަ ކުރާ ކަމަކަށް ފަތުވާ ވެގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފަތުވާ އަކީ އަމާނާތެއް. ﷲ ސުބުހާނަހޫ ވަތައާލާ، އެކަލާނގެ ޝަރީއަތް މީސްތަކުންނަށް ބުނެ ދިނުމަށް ހުކުމެއް ބުނެދޭ ކަމެއް. އެހެންކަމުން ފަތުވާއަކީ އޭގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ލިބިގެން ދާން ޖެހޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގްހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދިނީ ލަފާ ފޯރުކޮށް ދިނުމަށް އުފެއްދި މަޖިލީހެކެވެ.

ފަތުވާ ދެއްވާ ބޭފުޅުންގެ ފެންވަރާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުންނަކީ އަރަބި ބަހާއި އިސްލާމީ ޝަރީއާގެ އިލްމުތައް ދެނެވަޑައިގަންނަވާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

ކޮންފްރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޮންފްރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ ފަތުވާ މަޖިލިސް އުފެދުނުތާ ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު ގިނަ މަސައްކަތްތަކެއް ކުރެވުނުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން މިސްރާއި ޖޯޑަންގެ އެހީތެރިކަމާއެކު ފަތުވާއާ ބެހޭ މަޖިލީހުގެ މެމްބަރުން ތަމްރީނުތައް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންފަރެންސް ފެއްޓުމުގެ ގޮތުން އަރަބި ބަހުން ވާހަކަ ދައްކަވަމުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައީސް، އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ އެ ކޮންފަރެންސްގެ ބޭނުމަކީ އިސްލާމީ ގުޅުމަކުން ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ބޭރުގެ އިލްމުވެރިންގެ އެހީތެރިކަން ހޯދުމަކީ އެ ކޮންފަރެންސްގެ މަގުސަދު ކަމަށް ޝައިހް ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެހެން އިސްލާމީ ގައުމުތަކުގައި އޮންނަ ފަދަ ދީނީ އަދި މަޒުހަބީ ތަފާތުތައް ރާއްޖޭގައި ނެތް ކަމަށެވެ.