Roadha Mihaaru
ދީނުގެ ހަރުކަށި ވާހަކަ އިން ނުރައްކާ ބޮޑު: މުފްތީ

ދީނުގެ ނަމުގައި ދައްކާ ހަރުކަށި ވާހަކަތަކުގެ ސަބަބުން ނުރައްކާ ބޮޑު: މިސްރުގެ މުފްތީ

08 ޖުލައި 2018

އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ވާހަކަތަކުގެ ސަބަބުން މުޖުތަމައުތަކުގެ ހަމަޖެހުން ގެއްލޭ ކަމަށް، މިސްރުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ވާހަކަތަކުގެ ސަބަބުން މުޖުތަމައުތަކުގެ ހަމަޖެހުން ގެއްލޭ ކަމަށް، މިސްރުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ފެށި ފަތުވާދޭ މަޖިލީހުގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މުފްތީ ޝައުގީ ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި އުޅޭ ހަރުކަށި މީހުން ހިންގާ ހަރަކާތްތަކަކީ ނުރައްކާތެރި ކަންތައްތަކެއް ކަމަށެވެ.

ހަރުކަށި މީހުން ފާޅުވުމުގެ ސަބަބުން އިސްލާމް ދީނުގެ ރީތި ސޫރަ ވަނީ ޣައިރު މުސްލިމުންގެ ކުރިމަތީގައި ހުތުރުވެފައި ކަމަށްވެސް ޝައުގީ ވިދާޅުވި އެވެ.

ފަތުވާ ފޯރަމް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި ގައުމުތަކުގެ ފަތުވާ ކޮމެޓީގެ ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފަތުވާ ފޯރަމް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި ގައުމުތަކުގެ ފަތުވާ ކޮމެޓީގެ ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ހަގީގީ މުސްލިމުންގެ ގޮތުގައި އުޅޭ މީހުން މިހާރު ދުނިޔޭގެ ކޮންމެ ތާކަށް ދިޔަސް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އޭނާއަކީ ޓެރަރިސްޓެއް ނޫން ކަން ސާބިތުކޮށް ދިނުން،" ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ބާއްވާ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ޝައުގީ ވިދާޅުވި އެވެ.

އިސްލާމް ދީނަކީ ސުލްހަވެރި ދީނެއްކަން ހާމަކުރައްވަމުން ޝައުގީ ވިދާޅުވީ އިސްލާމް ދީނަކީ ނިކަމެތިންގެ ކިބައިން އަނިޔާވެރިކަން ފިލުވައިދީ، ސުލްހަ އާއި އަމާންކަން ފެތުރުމަށް އައި ދީނެއް ކަމަށެވެ.

ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވީ އާލަމްތަކަށް ހުރި ރަހުމަތެއްގެ ގޮތުގައި ކަމަށާއި އިސްލާމް ދީނުގެ އަސްލަކީ އަމާންކަމާއި ސުލްހަކަމަށް މުފްތީ ވިދާޅުވި އެވެ. އެއާ ހިލާފު ކޮންމެ ފިކުރަކީ އިސްލާމް ދީނާއި ރަސޫލާގެ ހިދާޔަތާ ދުރު ފިކުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޝްރިކުން ރަސޫލާ އަށް އިންތިހާ އަށް އަނިޔާ ދިނުމުން އެ މީންގެ މައްޗަށް ފަރުބަދައެއް ވައްޓާލުމަށް މަލާއިކަތުން ފޮނުއްވެވި ހިނދު ވެސް، އެ ކަމަށް އެކަލޭގެފާނު ދެކޮޅު ހެއްދެވި. އެއީ އެ މީހުންގެ ފަރާތުން ވެސް ﷲ އަށް އަޅުކަން ކުރާ ބަޔަކު އުފެދިދާނެ ކަމުގެ އުންމީދުގައި،" މުފްތީ ވިދާޅުވި އެވެ.

ފަތުވާ ފޯރަމް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފަތުވާ ފޯރަމް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރަސޫލާގެ ރިސާލާތުގެ ޖައުހަރަކީ އަމާންކަމާއި ސުލްހަ އާއި ރަހުމަތްކަން ފާހަގަ ކުރައްވައި މުފްތީ ވަނީ އެ ކަން އެ ގޮތަށް އޮތް އިރު އިސްލާމް ދީނުގެ ތެރެއިން ހަރުކަށި ކަމާއި ހައްދު ފަހަނަ އެޅުން އައިސްގެން އުޅެނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"ރަސޫލާ އެންމެ ފަހަރަކު ވެސް އަނިޔާވެރިކަން އިސް ކުރައްވާ ހަތިޔާރު އުފުލައިފައެއް ނުވޭ. ރަސޫލާ މަދީނާ އަށް ވަޑައިގެން ދައުލަތެއް ގާއިމްކޮށް ލަޝްކަރެއް އުފެދުމުން ވެސް އަމިއްލަ ގައުމާއި ވަތަނާއި ދީނުގެ ދިފާއުގައި ނޫނީ އެ ލަޝްކަރުގެ ބޭނުމެއް ނުކުރައްވާ."

އިސްލާމް ދީނަކީ ސުލްހަ އާއި އަމާން ކަމަށް ގޮވައިލާ ދީނެއް ކަމަށާއި އިސްލާމް ދީނަށް ވަނުމަށް މަޖުބޫރު ކުރުމެއް ނެތް ކަމަށް ވެސް މުފްތީ ވިދާޅުވި އެވެ. އެގޮތުން އަގީދާގެ މިނިވަން ކަމާއި ދީނީ މިނިވަންކަމުގެ އަސާސް އެންމެ ފުރަތަމަ ބަޔާން ކުރީ އިސްލާމް ދީނުގައި ކަމަށް ވެސް މުފްތީ ވިދާޅުވި އެވެ.

"ފަތުވާއަކީ އަމަން އަމާންކަން ގާއިމުކުރުމުގެ ވަސީލަތެކެވެ." މި ނަމުގައި މިއަދާއި މާދަމާ އިސްލާމީ މަރުކަޒުގައި ބާއްވާ ސެމިނާގައި ރާއްޖޭގެ ދީނީ އިލްމުވެރިން ކަރުދާސް ހުށަހަޅުއްވައި ބަހުސް ކުރައްވާނެ އެވެ. މި ސެމިނާގައި ރާއްޖޭގެ އިސްލާމި ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ އިތުރުން، މިސްރުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމް އާއި ޖޯޑަންގެ މުފުތީ މުހައްމަދު އަހުމަދު އަލްޚަލާޔިލާގެ އާއި ސޫދާންގެ ފިގްހު އެކަޑެމީގެ ރައީސް އަބްދުއްރަހީމް އަލީ މުހައްމަދު އިބްރާހީމް ބައިވެރިވެވަޑައިގަންނަވަ އެވެ.