Roadha Mihaaru

ދިރޭތަކެތި ސިފަވާ މޮނިއުމަންޓު ބެހެއްޓުން ހަރާން: ފަތުވާ މަޖިލިސް

މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީ ގެ ސޫރަ ބެހެއްޓުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުން ހަރާމް: ފަތުވާ
ނާޒިމް ހަސަން
ނާޒިމް ހަސަން

17 ޑިސެމްބަރ 2025

މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީ ގެ ސޫރަ ބެހެއްޓުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް ބައެއް ރަށްރަށުގައި މޮނިއުމެންޓް ހެދުމަކީ މިހާރު އާންމު ކަމެކެވެ. ބައެއް ރަށްރަށުގައި އެފަދަ ތަކެއްޗަށް ގެއްލުން ވެސް ދީފައިވެ އެވެ. އެހެންވެ، އެފަދަ ތަކެތި ބެހެއްޓުމާ ގުޅޭ ގޮތުން އާންމު ފަރާތަކުން ހުށަހެޅި ސުވާލަކާ ގުޅިގެން ފަތުވާ މަޖިލީހުން ވަނީ އެ މައްސަލައިގައި އިލްމީ ގޮތުން ދިރާސާކޮށް، އިއްޔެ ފަތުވާއެއް ނެރުއްވައިފަ އެވެ.

އޭގައި ބުނެފައިވަނީ އިސްލާމްދީނުގައި ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ހަރާމްކަމެއް ކަމަށެވެ. އެކަމުގެ މުހިންމުކަން ދޭހަވަނީ ރަސޫލާ މައްކާ ފަތަހަކުރެއްވި ދުވަހު މަނާތު، އުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ސަހާބީން ފޮނުއްވި ކަމުންނެވެ. އަދި އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައި ވެސް ސަހާބީން މިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާތީ ކަމަށް ފަތުވާގައި ބުންޏެވެ.

ފަތުވާގައި ބުނީ ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ސާލިހު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތ،ި އިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން ކަމަށެވެ. އެކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާ ކުރެއްވިކަން ވެސް ފާހަގަކުރެއްވި އެވެ.

ފަތުވާ މަޖިލިހުގެ ރައުޔު

ހަދީސްތަކުގައި ބަޔާންވެގެންވާ ގޮތުގައ،ި ގިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމަށާއި އެހެންކަމުން ޝިރުކަށް މަގުފަހިވެދާނެ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ.

އިލްމުވެރިން އެއްބަސްވެވަައިގެންފައިވާ ގޮތުގައި ބުދު ހެދުމާއި ބެހެއްޓުން ހަރާމްވެގެންވެ އެވެ. އެކަން އެ ގޮތަށް މަނާކުރި ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަހުރޫމް ވުމާއި ޝިރުކަށް މަގުފަހިވުމާއި ﷲ ގެ ހަލްގު ކުރެއްވުމާ އެއްފަދަވުން ހިމެނެ އެވެ.

ނަމަވެސް ފަތުވާ މަޖިލިހުގެ ނިންމުމުގައިވާ ގޮތުން ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތައް އެ ހުކުމުން އިސްތިސްނާވާ ކަމަށް ބެލެވެނެ އެވެ.

"އިލްމުވެރިން ދެކެވަޑައިގަތުމުގައ،ި މިއީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނު ކުރުމުގެ ގޮތުން ހުއްދަ ވެގެންވާ ކަމެކެވެ،" ފަތުވާ މަޖިލިހުން ބުންޏެވެ.

ފަތުވާ މަޖިލިހުގެ މެމްބަރުން:

1- ޑރ. މުހައްމަދު ރަޝީދު އިބްރާހިމް (ރައީސް)

2- ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން (ނައިބު ރައީސް)

3- ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް

4- ޑރ. އިލްޔާސް ހުސައިން

5- ޑރ. މޫސާ އަންވަރު ހަސަން