Roadha Mihaaru
"ޖޭޕީން ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް"

ޖޭޕީން ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް: އަމީން

08 ޖުލައި 2018

އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓަކު ހަމަޖައްސަން ޖޭޕީއަށް ލިބުނު ފުރުސަތުގައި އެކަން ކުރުން ލަސްވާތީ ފާޑުކިއުން ބޮޑުވިޔަސް، އެ ޕާޓީން ކޮންމެ ކަމެއް ވެސް ނިންމާނީ ރައްޔިތުންނަށް ބޭނުންވާ ގޮތަށް، ހަރުދަނާކޮށް ކަމަށް ނައިބު ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓަކު ހަމަޖައްސަން ޖޭޕީއަށް ލިބުނު ފުރުސަތުގައި އެކަން ކުރުން ލަސްވާތީ ފާޑުކިއުން ބޮޑުވިޔަސް، އެ ޕާޓީން ކޮންމެ ކަމެއް ވެސް ނިންމާނީ ރައްޔިތުންނަށް ބޭނުންވާ ގޮތަށް، ހަރުދަނާކޮށް ކަމަށް ނައިބު ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރުނު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖޭޕީން އިޚްތިޔާރު ކުރާނެ ކެންޑިޑޭޓަކާ މެދު ކުރެވޭ ބަހުސް ވަނީ ގަދަވެފަ އެވެ. ރަނިން މޭޓަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާއިރު، ރަނިން މޭޓަކު ކަނޑައެޅުމާ މެދު ގޮތެއް ނިންމާނީ އަންގާރަދުވަހު ބާއްވާ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޖޭޕީގެ ނިންމުންތައް ނިންމުމުގައި ފަހަތަށް ނުޖެހޭނެ ކަމާއި އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ނިންމުމަށް ވާނެ ކަން ރާއްޖޭގެ ސިޔާސީ ތަޖުރިބާކާރު އެބޭފުޅުން ވެސް ގަބޫލުކުރައްވާނެ ކަމަށެވެ.

ޖޭޕީގެ ރަނިން މޭޓު ކަމަށް ވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ރަނިން މޭޓަކު ކަނޑަނާޅައި ލަސްކުރަމުން އަންނަ ކަމަށް ބުނެ، ބައެއް މީހުން ދައްކާ ވާހަކަތަކާ ގުޅިގެން އަމީން ވިދާޅުވީ ރަނިން މޭޓަކު ކަނޑައަޅަން ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށެވެ. އެއްވެސް ސިޔާސީ ލީޑަރަކު ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމުގެ ފުރުސަތު ދޭން ސަރުކާރުން ބޭނުންނުވާ އިރު ޖޭޕީގެ ކެންޑިޑޭޓް ކަނޑައަޅާނީ އެކަން ކަމަށް ވިސްނުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނާ ގުޅިފައި ހުރި ކަންތައްތަކާއި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އަބަދުވެސް ޖޭޕީން އިސްކުރާނީ ގައުމީ މަސްލަހަތު. ރައްޔިތުންގެ މަސްލަހަތު،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ އިންތިހާބުތަކުގަ އާއި ސިޔާސީ މަސްރަހަށް ބެލި ކަމަށް ވިޔަސް ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ގޮތް، ޖޭޕީން އިހްތިޔާރުކުރީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ފަހު އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔައި، އަމީން ވިދާޅުވީ ސެޕްޓެމްބަރު 23 ގައި އޮންނަ އިންތިހާބުގައި އެމަނިކުފާނަށް 30 ޕަސަންޓަށް ވުރެ އިތުރަށް އެންމެ ވޯޓެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި މިހާރު އުޅުއްވާ އަމީން ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތައް ގުޅިގެން، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގައި ސާބިތުވެ ތިބޭ ނަމަ، ސަރުކާރު ބަލިވެގެން ދާނީ ވަރަށް ބޮޑަށް ބޭޒާރުވާނެ ހާލަތެއްގަ އެވެ.

"ރައީސް ޔާމީންގެ ލޯކަލް ޓީމުތައް މެދުވެރިކޮށްގެން، ރާއްޖޭގައި ތިއްބެވި ބައެއް ބޭފުޅުން މެދުވެރިކޮށްގެން ނެގި ދިރާސާތަކުން ލިބެނީ 25 ޕަސަންޓު. އެކަން ގަބޫލު ނުކުރެވިގެން ބޭރުގެ ބައެއް ހޯދައިގެން ދިރާސާ ކުރީމަ އެއަކުން އަރައެއްނުގަތް،" އަމީން ވިދާޅުވި އެވެ.

އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އަމީން ވިދާޅުވީ، ރައީސް ޔާމީން 30 ޕަސަންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވަން "ލާހިކު ކުޅަދާނަ" ނޫން ކަމަށެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރައްވާނީ 52 ޕަސަންޓު ވޯޓު ހޯއްދަވައިގެންނެވެ. އެކަމަކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް 60 ޕަސަންޓު ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު ހޯދަން އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކުން ފޯނުން ގުޅުމުން ކޮންމެ 10 މީހުންގެ ތެރެއިން ތިން މީހަކު ނޫނީ ޖަވާބު ދޭން ވެސް ބޭނުމެއް ނުވެ އެވެ. ދެން ތިބި މީހުން ރައީސް ޔާމީނާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ، ފޯނު ކަނޑާލަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ [ރައީސް ޔާމީން] ތައްޔާރުވެވަޑައިގަންނަވާނެ ކަން އިންތިހާބުގެ ނަތީޖާ މިހާރު ފެނިވަޑައިގަންނަވާތީ މިކަން ރީތި ގޮތަކަށް ނިންމާލާފައި ބޭރަށް ވަޑައިގަންނަވަން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ މިދެކެނީ، ތާރީހު ދުށް އެންމެ އަނިޔާވެރި ވެރިކަމެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސް، ކުށެއް ނެތި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުންދާ އިރު، ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު އަދާވަތްތެރިކަން އިސްކޮށްގެން ނުވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ