Roadha Mihaaru
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް

އައިޑީ ކާޑު ގަތުން ފަދަ އެއްވެސް ކަމެއް ނުކުރަން: ޕީޕީއެމް

14 ސެޕްޓެމްބަރ 2018

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވޯޓު ހޯދުމުގެ ގޮތުން އައިޑީ ކާޑު ގަތުން ފަދަ އެއްވެސް ކަމެއް ޕީޕީއެމުން ނުކުރާކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވޯޓު ހޯދުމުގެ ގޮތުން އައިޑީ ކާޑު ގަތުން ފަދަ އެއްވެސް ކަމެއް ޕީޕީއެމުން ނުކުރާކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމަށް ވޯޓު ދޭނެކަން ޔަގީން ނުވާ މީހުންނަށް ފައިސާ ދިނުމަށް ފަހުގައި އައިޑީ ކާޑު އަތުލަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެފަދަ ގާނޫނާ ހިލާފު ކަމެއް އެޕާޓީގެ ކެމްޕެއިންގެ ތެރޭގައި ނުކުރާ ކަމަށެވެ.

"މީހުން ޑީ ގްރޭޑް ކޮށްގެން ވޯޓު ހޯދުމާއި މީހުންނަށް ބިރު ދައްކައިގެން ވޯޓު ހޯދުމާއި މީހުންނަށް ފައިސާ ދީގެން ވޯޓު ހޯދުމާއި މީހުންގެ އައިޑީ ކާޑު ގަނެގެން ވޯޓު ލިޔަ ނުދީ ހިފެހެއްޓުމާއި ހައްގުތަކުގެ މައްޗަށް އަރައިގަތުމަކީ ޕީޕީއެމްގެ ކެމްޕެއިންގެ އެއްވެސް ހިސާބެއްގައި އޮތް ކަމެއް ނޫން،" ސަކީނާ މަންޒިލްގައި ޕީޕީއެމުން ހަދާފައިވާ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯ ހާމަ ނުކުރާ ކަމަށް ބުނެ ކިޔާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ ވެބްސައިޓުން މެނިފެސްޓޯގެ މުހިންމު ބައިތައް ފެންނަން ހުންނާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯއާ މެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އެގޮތުން އަދާލަތު ޕާޓީން ހުށަހެޅި ކަންތައްތަކަށް އެމްޑީޕީން އެއްބަސްނުވެވި ދެ ބަސްވުން އުފެދިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިފަހަރު ކޯލިޝަން ހެދީ އަދާލަތު ޕާޓީން. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތް ކުށް ކަމުގައި ނުވާނަމަ އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ދީނީ ސިޔާސަތުތައް ހާމަ ކުރާނެ ގޮތެއް އެމްޑީޕީން ނެރޭ މެނިފެސްޓޯގައި ހިމަނަން އެއްބަސްވެގެން،" ނިހާން ވިދާޅުވި އެވެ.

"ނަމަވެސް މިކަން އަދި މިއަދާ ހަމައަށް ނުވެ އޮތް ކަމުގެ މައުލޫމާތު އަޅުގަނޑުމެނަށް ލިބެނީ. އަދި އެމައްސަލާގައި އަދާލަތު ޕާޓީގެ ތެރޭގައި މިވަގުތު ތިބި މަދު މީސްކޮޅުގެ މެދުގައި ވެސް މިމައްސަލަ ޖެހިފައި އޮތް ކަމަށް މައުލޫމާތު ލިބެނީ،"

އަދާލަތު ޕާޓީއަކީ އިސްލާމް ދީނުގެ ހައްގުގައި އުފައްދާފައިވާ ޕާޓީއަކަށް ވާތީ އެކަންކަމަށް އެޕާޓީގެ ލީޑަރުން ޖަވާބު ދެއްވުމަށް ނިހާން އެދިލެއްވި އެވެ.

އަދާލަތު ޕާޓީ ހިމެނޭ އިދިކޮޅު ކޯލިޝަނަކީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ބޭފުޅުންތަކެއް އިސްވެތިބި ޕާޓީއެއްކަން ފާހަގަ ކުރައްވައި ބޮޑެތި ތުހުމަތުތަކެއް ނިހާން ކުރެއްވި އެވެ.