Roadha Mihaaru
"ޗާންސެލަރުގެ މަގާމުގައި ދެމިހުންނަން ހުރަހެއް ނެތް"

ޗާންސެލަރުގެ މަގާމުގައި ދެމިހުރެ، ސިޔާސީ މަސައްކަތް ކުރަން ހުރަހެއް ނެތް: ޑރ. ޝަހީމް

09 ޖުލައި 2018

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނަވައި ސިޔާސީ މަސައްކަތް ކުރެއްވުމަކީ ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫން ކަަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނަވައި ސިޔާސީ މަސައްކަތް ކުރެއްވުމަކީ ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫން ކަަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރު ކަން ކުރައްވައި، މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޝަހީމަށް، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަށް ރަނިން މޭޓު ކަން ދެއްވައިފަ އެވެ.

ޝަހީމް ކުރިން ނިންމެވީ، ޗާންސެލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު، އެ ނިންމުން ބަދަލުކުރައްވައި، އިސްތިއުފާ ނުދެއްވީ، ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ނިންމެވުމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް ވަނީ ލަފާ ވެސް ދެއްވައިފަ އެވެ.

އެ ލަފައާ އެކު، ޔުނިވަސިޓީ ހިންގަން ވައިސް ޗާންސެލަރަކަށް ރައީސް ޔާމީން ވަނީ، ހދ. ވައިކަރަދޫ، ބުލޫހައުސް، އާއިޝަތު ހަލީލާ އަބްދުއްސައްތާރު ހަމަޖައްސަވައިފަ އެވެ.

"ޗާންސެލަރު ކަމުގެ މަގާމުގައި އަޅުގަނޑު ދެމި ހުރި ނަމަވެސް ހިންގުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ، އެ ބޭފުޅަކު [ވައިސް ޗާންސެލަރު]. އަޅުގަނޑުގެ ދައުރަކަށް އޮންނާނީ އެޑްވައިޒަރީ ރޯލެއް،" ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ފަހުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ޝަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ:އަލީ ނިޝާން/މިހާރު

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ:އަލީ ނިޝާން/މިހާރު

ޝަހީމް ވިދާޅުވި ގޮތުގައި، ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނެވުމަކީ، މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އޮތް ހުރަހެއް ނޫނެވެ. އިސްލާމިކް ޔުނިވާސިޓީ އަކީ ރައީސް ޔާމީންގެ ވަރަށް މުހިއްމު މަޝްރޫއެއް ކަމަށާއި އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ވެސް އިސްލާމީ ޔުނިވަސިޓީގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ އޭނާގެ ބެލުމުގެ ދަށުން ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެ އިރުޝާދު އަޅުގަނޑު ބަލައިގަނެ، ޔުނިވަސިޓީގައި ދެމިހުންނާނަން،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ ހަފުތާގައި ޕީޕީއެމަށް ސޮއި ކުރައްވައި، ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމުގެ ކެމްޕޭން ދަތުރުތައް ވަރަށް އަވަހަށް ފައްޓަވާނެ އެވެ.