Roadha Mihaaru
ޑރ. ޝަހީމް، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް

ޑރ. ޝަހީމް، އިދިކޮޅު އެޑްވައިޒަރަކަށް ހަމަޖައްސައިފި

24 ސެޕްޓެމްބަރ 2020

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހަމަޖައްސައިފި އެވެ. އަދި އެ މަގާމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޭނާ ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހަމަޖައްސައިފި އެވެ. އަދި އެ މަގާމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޭނާ ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި އެވެ.

އެންމެ ފަހުން، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓް ވިދާޅުވީ ޔާމީނަކީ ދިވެހިންނާއި ގައުމު ދެކެ ލޯބިވާ، ވަތަނީ ފިކުރުގެ ވަރަށް މަތިވެރި އަޒުމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެ މަނިކުފާނު ވަނީ ގައުމަށްޓަކައި މަތިވެރި ގުރުބާނީއެއް ވެވަޑައިގެންފައި ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު ސިޔާސީ ހަރަކާތްތަކުގައި ޝަހީމް އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައެއް ނުގަންނަވަ އެވެ. އޭނާ ހުންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް، ޖިއްދާގަ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވި ގޮތުގައި ޔާމީންގެ ހިދުމަތް ރާއްޖޭގެ އުތުރާއި ދެކުނުން އަދި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިިވާ ބްރިޖާއި ބޮޑެތި ބިނާތަކާއި އެއާޕޯޓުތަކުން ފެނެ އެވެ. އެ ތަންތަނުން ދޭހަކޮށްދެނީ، އޭނާ ވިދާޅުވި ގޮތުގައި، އެ އިމާރާތްތައް ބިނާކޮށްދެއްވި މުއައްސިސްގެ އުއްމީދުގެ ވަރުގަދަކަމާއި އަޒުމާއި ތަސައްވުރެވެ.

ޑރ. ޝަހީމް ވިދާޅުވީ 2013 އާއި 2018 ގައި ގައުމު ބޭނުންވި ވަރަށް ވުރެ އިތުރަށް މިހާރު ޔާމީންގެ ހިދުމަތް ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އެއީ އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ރާއްޖޭގެ ސިޔާދަތަށް، ދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ދވެހިންގެ ޒައާމަތަށް ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ބޭނުންވާތީ ކަމަށާއި ރާއްޖޭގެ ވުޖޫދުން، ޔާމީން ފިޔަވައި އެ ނޫން ސިޔާސީ ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ޔާމީން ގެންދެވި ނަމަވެސް، ޑރ. ޝަހީމް ވިދާޅުވި ގޮތުގައި މިއީ މާޔޫސް ވާންވީ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަނެ ހިތްވަރާއި އަޒުމުގައި ގައުމަށްޓަކައި ކުރިއަށް ދާންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަކު އަނެކަކުގެ އަތުގައި ހިފައިގެން އަޅުގަނޑުމެން އެއްބައިވަންތަކަމާއި އެކުވެރިކަމުގައި އަޅުގަނޑުމެންގެ ސަފުތައް ތުރާކުނުން ފެށިގެން ހިތަދު އަށް ރުކުރުވާލަން ޖެހޭ ވަގުތެއް،" ޝަހީމް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ އެ އަޒުމުގައި ތިބެން. އެ ލީޑަޝިޕާ އެކު."

މިއީީ މިއަދުގެ ޖީލުން ކުރިމަގުގެ ޖީލަށް އަދާކުރަން ޖެހޭ ވަރަށް މަތިވެރި މަސައްކަތެއްކަން ފާހަގަކޮށް، އެކަން ކުރުމުގެ އެންމެ މުހިއްމު ޒިންމާ އެޅިފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ އިސްތަށިފުޅުގައި ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅުން މިހާރު ވެސް އެބަ ތިއްބެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.