Roadha Mihaaru

ރިޔާސީ ބަހުސް: ޕީޕީއެމަށް ޔަގީންކަން، އިދިކޮޅުން ދެކެނީ ބޭޒާރުވީ ކަމަށް!

ރައީސް އަބްދުﷲ ޔާމީން އެކަނި ބައިވެރިވެވަޑައިގެން، ގައުމީ ޔުނިވަސިޓީން ރޭ ބޭއްވި ބަހުސް ނިމުނު އިރު، އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ މެމްބަރުންނަށް ލިބުނީ ހިތްހަމަޖެހުމާއި ޔަގީން ކަމެވެ. އެކަމަކު އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، ރައްޔިތުންނަށް އާ ކަމެއް ހުށަނާޅުއްވާ އިރު، އެ މަނިކުފާނު އިތުރަށް ވީ ބޭޒާރެވެ.

ބަހުސް: ޕީޕީއެމަށް ޔަގީންކަން، އިދިކޮޅަށް އެއީ ބޭޒާރު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

17 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީން އެކަނި ބައިވެރިވެވަޑައިގެން، ގައުމީ ޔުނިވަސިޓީން ރޭ ބޭއްވި ބަހުސް ނިމުނު އިރު، އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ މެމްބަރުންނަށް ލިބުނީ ހިތްހަމަޖެހުމާއި ޔަގީން ކަމެވެ. އެކަމަކު އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، ރައްޔިތުންނަށް އާ ކަމެއް ހުށަނާޅުއްވާ އިރު، އެ މަނިކުފާނު އިތުރަށް ވީ ބޭޒާރެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދިި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ދެކެވަޑައިގަންނަވާ ގޮތުގައި، ބަހުސްގައި ރައީސް ޔާމީން ރައްޔިތުންނަށް ސާފުކޮށްދެއްވި ކަންކަމާއި ހުށަހެޅުއްވި ކަންކަން "ވަރަށް ސަޅި" އެވެ. އެ މަނިކުފާނުގެ ދެ ވަނަ ދައުރެއް، ކުރު ގޮތަށް ތަސައްވުރު ކޮށްދެއްވި އިރު ރައްޔިތުންގެ އުއްމީދު އިތުރަށް އާވެގެންދާނެ ގިނަ ކަންކަން ހިމެނޭ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

އެކަމަކު، އިދިކޮޅު ރިއާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހްމަދުދީ ވިދާޅުވި ގޮތުގައި "އަމިއްލަ ނަފްސާ ކުރެއްވި ބަހުސް"ގައި ރައީސް ޔާމީން ގާނޫނީ އިމުން ބޭރުގައި ކުރެއްވި ކަންކަން ރައްޔިތުންނަށް މާ ބޮޑަށް ސާފުކޮށްދީ، "ފަޟީހަތްވެވަޑައިގަތީ" އެވެ. އަދި ބަހުސްގެ ނަމުގައި އެމްއެމްޔޫ އިން ކުރި ކަމަކީ ސަރުކާރުގެ އިދާރާތަކުން "މާ ކުރިން ސްޓޭޖް ކުރި ޝޯއެއް" ކަމަށް މާރިޔާ ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ޝޯގައި އިބޫ ބައިވެރިވެވަޑައިނުގަތީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ނުގެންދާނެތީ ކަމަށާއި ރައީސް ޔާމީނަށް ހުށަހެޅުއްވި ސުވާލުތަކުން ވެސް އެކަން ފެނުނު ކަމަށެވެ.

"ސެލްފީ ސިޔާސީ ބަހުސަކަށް ވެގެން މި ދިޔައީ. ކުރީގައި ވެފައި ހުރި ކަންތައްތަކުގެ ވާހަކައާ އެކު މުޅިން އެހެން ވާހަކަތަކެއް. އަދިވެސް މިހާތަނަށް އައި އިރު ވެސް ރައީސް ޔާމީންގެ މެނިފެސްޓޯއެއް ނުނުކުމޭ. އޭގެ ކުރި އަށް ޔުނިވާސިޓީއަކުން ބޭއްވި ބަހުސްގައި މެނިފެސްޓޯގެ ވާހަކައެއް ނާދޭ،" މާރިޔާ ވިދާޅުވި އެވެ.

"ބަހުސަކީ މެނިފެސްޓޯގައި ހުށަހަޅާފައިވާ ކަންކަމާއި އޭގައިވާ އަދަދުތަކާއި ދެން ހުރި އެއްޗެއް ދިމާވޭތޯ ބެލުމަށް ފަހު ވަރަށް އިލްމީ ގޮތެއްގައި ކުރާ ކަމެއް. އިލްމީ ދިރާސާތަކެއްގެ މައްޗަށް މިފަދަ ބަހުސްތައް ދާނީ،" މާރިޔާ ވިދާޅުވި އެވެ.

ބަހުސްގައި އިބޫ ބައިވެރިވެވަޑައިނުގަތުން ދިފާއު ކުރައްވައި މާރިޔާ ވިދާޅުވީ "އެއީ ހަގީގީ ބަހުސެއް ނޫން" ކަމަށެވެ. ރާއްޖެ ޓީވީގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީނަށް އެރުވި ދައުވަތު ގަބޫލުފުޅު ނުކުރެއްވީ ވެސް އެހެންވެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވި ގޮތުގައި، ބަހުސްގައި އިބޫ ބައިވެރިވެވަޑައިނުގަތީ ރައީސް ޔާމީނާ ވާދަ ކުރެއްވޭވަރުގެ ގާބިލް ކަމެއް ނެތުމުންނެވެ. އިލްމީ ގޮތުންނާއި ތަޖުރިބާ އާއި ވެރިކަމެއްގައި ރައްޔިތުންނަށް ހުށަހަޅުއްވާނެ ކަންކަމަށް ބަލާއިރު ވެސް ރައީސް ޔާމީނާ އެއް ހަމައެއްގައި ހިފެހެއްޓޭނެ ވައުދެއް އިބޫގެ ނެތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދައުރު، ރައްޔިތުންނަށް ބާރު ސްޕީޑުގައި ގެނެސްދެއްވި ތަރައްގީގެ މަޝްރޫއުތަކާ އެކު ރައީސް ޔާމީން ވަނީ ކުރު ގޮތަކަށް ޚުލާސާކޮށްދެއްވައިފަ އެވެ. އެއާއެކު، އެމަނިކުފާނުގެ ދެ ވަނަ ދައުރު ތަސައްވުރު ކޮށްދެއްވީ ރައްޔިތުންނަށް އުއްމީދީ ވާހަކަތަކަކާއި އުފާވެރި ޚަބަރުތަކަކުން ކަމަށް ވެސް ވިދާޅުވި އެވެ.

"އިދިކޮޅު ކެންޑިޑޭޓަކަށް ރައީސް ޔާމީނާ ވާދަ ކުރެއްވުމުގެ ގާބިލްކަމެއް ނެތް ކަން ރޭ ވެސް ހާމަވެގެން އެ ދިޔައީ،" ޚަލީލް ވިދާޅުވި އެވެ.

އެއް މިސާލެއްގެ ގޮތުގައި ޚަލީލް ނެންގެވީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެއީ، ރާއްޖޭގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި، އެ މައްސަލަ އަށް ހައްލު ހޯއްދެވުމަށް ގެންގުޅުއްވާ ވިސްނުމާއި އެކަށައަޅާފައިވާ ޕްލޭންގެ ތަފްސީލްތައް ރައީސް ޔާމީން ހިއްސާކޮށްދެއްވި ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ޔަގީންކަން އެ ދެއްވީ، މިހާރު ކުރިއަށްދާ ހިޔާ މަޝްރޫއުގެ އިތުރުން ވިލިމާލެ 2 މަޝްރޫއުއާ އެކު ބޯހިޔާވަހިކަމުގެ ދަތިކަން ނިމުމަކަށް ގެނެސް ދެއްވާނެ ކަން. އެއާއެކު 600،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދެވުމުގެ ވިސްނުން ހިއްސާކޮށްދެއްވި،" ޚަލީލް ވިދާޅުވި އެވެ.

ރައީސް ޔާމީން ރޭގެ ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ވާނެ ކަމަށް --

ރައީސް ޔާމީން ރޭގެ ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ވާނެ ކަމަށް --

އެއާއެކު އިގްތިސާދީ ހެޔޮބަދަލުތަކާއި ތައުލީމީ ދާއިރާ އާއި ޒުވާނުންނާއި އިޖުތިމާއީ ދާއިރާ އަށް އަށް ކޮށްދެއްވަން ރައީސް ނިންމަވާފައިވާ ކަންކަން ވިދާޅުވެދެއްވުމުން، ރައްޔިތުންގެ އުއްމީދު އިތުރަށް އާވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ، ރައީސްގެ ވާހަކަފުޅުން އާ ކަމެއް، އިދިކޮޅަށް އަޑު ނީވޭނަމަ އަލުން އަޑުއައްސަވާ ލެއްވުމަށް،" ޚަލީލް ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، ރޭގެ ބަހުސްގައި ވެސް ރައީސް ޔާމީން ސާފުކޮށްދެއްވީ ކުރިއަށް އޮތް ތަނުގައި ވެސް ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެމަނިކުފާނު ގާނޫނުއަސާސީ އާ ގާނޫނާ ޚިލާފަށް އަމަލު ކުރައްވާނެ ކަމެވެ. އެގޮތުން ލާމަރުކަޒީ ނިޒާމަކީ ވެސް ތިމަންމަނިކުފާނު ގަބޫލުފުޅު ކުރައްވާ ނިޒާމެއް ނޫން ކަމަށާއި ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަދި އެމަނިކުފާނު ހިފަހައްޓާވާފައިވާ ހައްގުތައް ވެސް ރައްޔިތުންނަށް އިޔާދަކޮށްދެއްވާނެ ކަމަށް ވިދާޅުވާން ކެރިވަޑައިނުގެންނެވި ކަަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްއިރު، އެމަނިކުފާނު ގާނޫނާ އެއްގޮތަށް އަަމަލުކުރައްވާނެ ކަމަށް ހީފުޅު ކުރެއްވި އެންމެން މިހާރު ތިބީ އަޅުގަނޑުމެންނާ އެކު. އެއީ އެ ބޭފުޅުންނަށް ފެނިގެން ދިޔައީ ގާނޫނީ ވެރިކަން ރައީސް ޔާމީނަށް ނުކުރެއްވޭ ތަން،" މާރިޔާ ވިދާޅުވި އެވެ.

"ގާނޫނީ އިމުން ބޭރުގައި ކަންކަން ކުރައްވާފައި މި ވިދާޅުވަނީ ދެ ވަނަ ދައުރަކަށް ތިމަންމަނިކުފާނު އެބަކުރިމަތިލައްވަމޭ، އެކަމަކު ލާމަރުކަޒީ ނިޒާމް ވެސް ގަބޫލެއް ނުކުރައްވަމޭ."

އޭނާ ވިދާޅުވީ އެމްއެމްޕީއާރު މައްސަލައިގައި ވެސް ކަންހިނގައި ދިޔަ ގޮތް މުޅިން އޮޅުވާލަން ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވި ނަމަވެސް އެކަންކަން ސާފު ކަމަށެވެ. އެއީ، އެމަނިކުފާނުގެ ބައިވެރިވުމެއް ނެތި ނިޒާމްގެ މައްސަލައަކުން ހިނގައިދިޔަ ޚިޔާނާތެއް ކަން ދިވެހިރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގައި ދިޔަ ގޮތާއި އެކަމުގައި ފިޔަވަޅު އެޅުއްވި ކަން ރައީސް ޔާމީން ރޭ ވެސް އެވަނީ ތަކުރާރުކޮށް ވިދާޅުވެ ދެއްވައިފަ އެވެ. އެ މައްސަލަ ވިދާޅުދެއްވީ ހިނގައިދިޔަ ގޮތަށް ކަމަށާއި އެކަން ތަކުރާރުވިޔަ ނުދޭން އެމަނިކުފާނު ފިޔަވަޅުތަކެއް ވެސް ވަނީ އަޅުއްވައިފައިިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.