Roadha Mihaaru
ފޯނު ބިލަށް ޚަރަދުކުރި ފައިސާ ދޭން އަސްލަމަށް ޖެހިއްޖެ

ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ ރުފިޔާ އަނބުރާ ދައްކަން އަސްލަމަށް ހުކުމްކޮށްފި

11 ޖުލައި 2018

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ދައްކަން އަސްލަމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ދައްކަން އަސްލަމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ޖޫން 2009 އިން ފެށިގެން އޮގަސްޓް 2011 ވަނަ އަހަރުގެ ނިޔަލަށް އަސްލަމްގެ ފޯނު ބިލް ދެއްކުމަށް ދައުލަތުން ޚަރަދުކުރި 312،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އަސްލަމްގެ ފޯނު ބިލް ދެއްކުމަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރި 312،000ރ. އަކީ އަސްލަމްގެ ފަރާތުން ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ހުކުމްކުރި ދުވަހުން ފެށިގެން ފަސް މަސް ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަސްލަމަށް އަންގާ ކަމަށް އެ ހުކުމުގައި ވެ އެވެ.

އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ފައިސާ ދެއްކި މައްސަލަ ފެންމަތި ކުރީ، އޮޑިޓާ ޖެނެރަލް ނެރުއްވި ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިިޓް ރިޕޯޓުގަ އެވެ. އެ ފައިިސާ ދައުލަތުން ޚަރަދުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އެ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އޭރު ލަފާ ދެއްވާފައިވެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ބައެއް އިސް ބޭފުޅުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި ފައިސާ އަނބުރާ ދައްކަން ފިނޭންސް މިނިސްޓްރީން ކުރިން އޮތީ އަންގައިފަ އެވެ. އެ ފައިސާ ނުދައްކައިފި ނަމަ، ފައިސާ ހޯދަން ދައުވާ ކުރާނެ ކަމަށް އެ މިނިސްޓްރީން ކުރިން އޮތީ އިއުލާން ކޮށްފަ އެވެ.