Roadha Mihaaru
"ފައިސާ ދައްކަން އެންގީ ގާނޫނީ ޒިންމާއަކަށް ވާތީ"

ފައިސާ ދައްކަން އެންގީ ގާނޫނީ ޒިންމާއަކަށް ވާތީ: ފިނޭންސް

28 އޯގަސްޓް 2016

އޮޑިޓް ރިޕޯޓުގައި ދައުލަތަށް އަނބުރާ ހޯދަން ލަފާ ދީފައިވާ ފައިސާތަކެއް ދެއްކެވުމަށް އެމްޑީޕީގެ އިސް ބޭފުޅުންތަކަކަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އެންގެވީ އޭނާގެ ގާނޫނީ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ. އެކަމަކު އިދިކޮޅު އެމްޑީޕީން މިކަން ސިފަކުރަނީ މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަން އަމަލުތައް ފޮރުއްވުމަށް މިނިސްޓަރު ކުރައްވާ ކަމެއްގެ ގޮތަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު އައިމަން ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ކަމަށް ލަފާދީފައިވާ ފައިސާ ހޯދުމަކީ މާލިއްޔަތު ގާނޫނުގެ ދަށުން މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. ދައުލަތަށް ފައިސާ ދައްކަން ޖެހޭ ބޭފުޅުންތަކަކަށް، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދައްކަވަން އެންގެވީ އެ ޒިންމާ އަދާކުރައްވަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު ވިދާޅުވެފައިވާ ގޮތަށް މިއީ އަދި ފެށުމެއް، ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުންތަކަކަށް ވެސް އަންގަވާނެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކެވުމަށް،" އައިމަން ވިދާޅުވި އެވެ.

އދ. އިން އީރާނަށް ކަނޑައެޅި ހާއްސަ މަންދޫބުގެ މަގާމު ފުރުއްވަމުން ގެންދާ ޝަހީދު: ހަތް ދުވަހުގެ ތެރޭގައި ދައުލަތަށް އަނބުރާ ފައިސާ ދައްކަވަން އޭނާ އަށް ވެސް ވަނީ އަންގާފައި.

އދ. އިން އީރާނަށް ކަނޑައެޅި ހާއްސަ މަންދޫބުގެ މަގާމު ފުރުއްވަމުން ގެންދާ ޝަހީދު: ހަތް ދުވަހުގެ ތެރޭގައި ދައުލަތަށް އަނބުރާ ފައިސާ ދައްކަވަން އޭނާ އަށް ވެސް ވަނީ އަންގާފައި.

އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ފިނޭންސް މިނިސްޓަރު މަސައްކަތް ފައްޓަވާފައި ވަނީ އެމްޑީޕީ ސަރުކާރުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަންތޯ ދެންނެވުމުން އައިމަން ވިދާޅުވީ "ވަކި ބޭފުޅުންތަކަކަށް ނުވަތަ ވަކި ދައުރަކަށް އަމާޒުނުކުރައްވާ" ކަމަށެވެ.

"ވަކި ދައުރެއް ނޫން ދެއްތޯ، އެއީ މިނިސްޓަރުގެ ޒިންމާއަކަށްވާތީ، އެ ޒިންމާ އެ އަދާކުރައްވަނީ،" އައިމަން ވިދާޅުވި އެވެ.

ދައުލަތަށް ފައިސާ ދައްކަން އަންގާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިހާބާއި ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާއި އޭގެ ފަހުން އެ މަގާމު ފުރުއްވި އަހްމަދު ނަސީމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު އަސްވާން ހިމެނިވަޑއިގަންނަވަ އެވެ.

މީގެ ތެރެއިން ގިނަ ބޭފުޅުންނަށް އަންގާފައި ވަނީ ފޯނު ބިލަށް ދައުލަތުން ހަރަދުކޮށްފައިވާ ފައިސާ ދެއްކެވުމަށެވެ.

މި ބޭފުޅުން ދައުލަތަށް އަނބުރާ ފައިސާ ދައްކަން ޖެހެނީ، ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް އެ ބޭފުޅުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ރިޕޯޓުތަކުގައި ފާހަގަކޮށް، އެ ފައިސާ ހޯދުމަށް ލަފާއަރުވާތީ އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ އެއީ ފިނޭންސް މިނިސްޓަރުގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށާއި ބޭނުމަކީ މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާ ގުޅޭ ރިޕޯޓް އަލްޖަޒީރާ އިން ނެރެން އުޅޭތީ އެކަން އެހެން ދިމާލަކަށް އަނބުރާލުން ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފަށައިގެން އުޅޭ ކަމަކީ، އަސްލަމް ވިދާޅުވި ގޮތުގައި، "ސިޔާސީ މަގްސަދުތަކެއް ހާސިލްކުރަން" ކުރާ ކަމެކެވެ.

"އަޅުގަނޑު ކުރިން ވެސް ދަންނަވާފައި އޮންނާނެ މިއީ އަލްޖަޒީރާ ރިޕޯޓާ ގުޅިގެން، ކޮރަޕްޝަންގެ ވާހަކަތައް ޑައިވާޓްކުރަން ކުރާ ކަމެކޭ،" އަސްލަމް ވިދާޅުވި އެވެ.

ނަސީމް ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. އޭނާ އަށް ވެސް އަންގާފައި ވަނީ ފޯނު ބިލަށް ދައުލަތުން ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ދެއްކެވުމަށް.

ނަސީމް ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. އޭނާ އަށް ވެސް އަންގާފައި ވަނީ ފޯނު ބިލަށް ދައުލަތުން ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ދެއްކެވުމަށް.

އޮޑިޓް އޮފީހުން 2010 ވަނަ އަހަރު ނެރެފައިވާ ތިން ރިޕޯޓަކާ ހަވާލާދީ އަސްލަމް އަށް އަންގާފައި ވަނީ ފޯނު ބިލަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ 312،000ރ. އަނބުރާ ދައުލަތަށް ދެއްކެވުމަށެވެ. އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ނުދައްކަވައިފި ނަމަ މާލިއްޔަތު ގާނޫނުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާނެ ކަމަށް ވެސް ސިޓީގައި އަންގާފައިވެ އެވެ.

މާލޭ މޭޔަރު ޝިހާބް ވިދާޅުވީ ފައިސާ ދެއްކުމަކީ ފިނޭންސް މިނިސްޓްރީ އާއި އޭނާއާ ދޭތެރޭ އޮންނަން ޖެހޭ ކަމަކަށްވާއިރު އޭނާ އަށް އެކަން އެންގުމެއް ނެތި މީޑިއާގައި އިއުލާންކޮށްލުމުން ވެސް މަގްސަދު ވަރަށް ސާފު ކަމަށެވެ. ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައި ފަހުން ޝިހާބަށް ފޮނުވި ސިޓީގެ ޖަވާބު ފިނޭންސް މިނިސްޓްރި އަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.