ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ދާއިރާތަކުން، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް އެ މެމްބަރުން މިއަދު ބުނެފި އެވެ.
11 ޖުލައި 2018
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ދާއިރާތަކުން، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް އެ މެމްބަރުން މިއަދު ބުނެފި އެވެ.
ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް މަރުހަބާ ކިޔަމުން ބުނީ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ބަލިކުރާނެ ކަމަށެވެ. އަދި އެކަން ކުރާނީ ތާއީދު ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވާ 12 މެންބަރުން ކަމަށް ބުންޏެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ބައިވެރިވެ ވަޑައިނުގެންނެވުނު އިރު މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދު ވީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުތަކެއްގައި ޖަލުގައި ހައްޔަރުކޮށްފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް ބުނާ މެމްބަރުންނަކީ ރައްޔިތުންގެ ތާއީދު ނެތް ބައެއް ކަމަށް ރައީސް ޔާމީން ވިދާޅުވަމުންދާއިރު އެ މެމްބަރުންގެ ދާއިރާތަކުގެ ރައްޔިތުން ތިބީ އިދިކޮޅު ކޯލިޝަނާ އެކުގައި ކަމަށެވެ.
އަމީތު ނޫސްވެރިނާ ވާހަކަ ދައްކަވަނީ، އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފަ: ފޮޓޯ: ނިޝާން އަލީ/މިހާރު
"އިންތިހާބުން ދައްކަ ދޭނަން ޔާމީން ބަލިކުރާނީ މި 12 މެމްބަރުންކަން،" އަމީތު ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ވިދާޅުވީ އިންތިހާބާ ކުރިމަތިލަނީ 140،000 ވޯޓް ޔަގީންކޮށްގެން ކަމަށެވެ. ރައީސް ޔާމީން އިންތިހާބުން ބަލިކުރަން 12 މެމްބަރުންނަށް ކުރެވުނު މަސައްކަތެއް ކުރާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓެއްގައި އިންތިހާބުވެ ފަހުން ޕީޕީއެމާ ގުޅުނު، ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ވިދާޅުވީ އެ 12 މެމްބަރުންގެ ދާއިރާތައް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ވަރަށް ނިކަމެތިކޮށްފައި ކަމަށެވެ. ރައީސް ޔާމީން އެދާއިރާތަކަށް ކޮށްދެއްވި ކަމަށް ބުނާ ކަންތައްތަކަކީ ދޮގު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ބަދަލެއްގެ ގޮތުން ރައީސް ޔާމީނަށް އެދާއިރާތަކުގެ ތާއީދު ނެތްކަން އިންތިހާބުން ދައްކާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އިބޫއަށް ތާއީދު ކުރައްވައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ވިދާޅުވީ އިބޫ ދައުލަތަށް ހިޔާނާތްތެރިވެ އަނިޔާވެރި އަކަށް ނުވާނެ ކަމަށެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފަރާތުން ފެނިގެން ދަނީ "އަނިޔާވެރިކަމާއި މުނާފިގުކަން" ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
ޕީޕީއެމްއާ ގުޅުމަށް ދީނީ އިލްމުވެރިންނަށް ޝަހީމް ގޮވާލައްވާފައިވާއިރު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޝާހު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ދީން ހިމާޔަތްކުރަން ވައްކަމާއި ފަސާދައިން މީހުން ސަލާމަތް ކުރަން ދީނީ އިލްމުވެރިންނަށް ޝާހް ގޮވައިލެއްވި އެވެ.
މެމްބަރު އަލީ ޝާހް ރައީސް ޔާމީނާއި ޕީޕީއެމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އަދި ވަކި ބޭފުޅަކު ދީނާ ހިލާފު ވާހަކައެއް ދެއްކުމުން އެއީ ސަމާސާއަކަށް ހަދައި އަނެއް ބަޔަކު ދައްކާ ވާހަކައަކުން ދީނާ ދެކޮޅު ބައެއްގެ ގޮތުގައި ސިފަކުރާކުރުން ހުއްޓާލުމަށް ޝާހް ގޮވާލި އެވެ.
"އިބޫއަށް ވޯޓްލުމަކީ ވާޖިބެކޭ ލާޒިމް ކަމެކޭ އަޅުގަނޑު ނުބުނާނަން. އެކަމަކު ގައުމު ހަމަ މަގަށް އަޅުވަން މިއީ ކުރަންޖެހޭ ކަމެއް. ދީނީ އިލްމުވެރިންނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. ދީނީ އިލްމުވެރިން ދެއްވާ އިރުޝާދުގެ ދަށުން ކުރިއަށްދާނަން،" ޕީޕީއެމްގައި އިސްކޮށް އުޅުއްވި ޝާހް ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ ސައުދު ވިދާޅުވީ ރައީސް ޔާމީން އާ ވައުދުތަކެއް ވެވަޑައިގަންނަވާއިރު މިފަސް އަހަރު ތެރޭ ފުއްދަދޭން ވައުދުވި ކަންކަން ކޮށްދެއްވިފައި ނުވާ ކަމަށެވެ. އެގޮތުން ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖެއްސުމުގެ ވައުދު ނުފުއްދައި ސިއްހީ ދާއިރާ ކުރިއަރުވަން އިތުރު ވައުދުތައް ވަމުންދާ ކަމަށް ސައުދު ވިދާޅުވި އެވެ.
"ރައީސް ޔާމީން ރައްޔިތުންގެ ގާތަށް އައިސް ދައްކާނެ ވާހަކައެއް ނެތް. އެއަށްވުރެ މާ ކޮރަޕްޓް ސަރުކާރެއް މިއީ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ސައުދު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިބޫ އާއެކު ޖޭޕީގެ ރަނިންމޭޓެއް ނެރުމަށް ވަނީ ނިންމާފަ އެވެ. އެ މަގާމަށް ބޭފުޅަކު ކަނޑައެޅުން އޮތީ އަންނަ ހުކުރު ދުވަހު އެވެ.
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އޭދަފުށީ ސަލީމާއި ހުސައިން މަނިކު ހުންނެވީ އިދިކޮޅާއެކު
މަޖިލިހުގައި އަޅުވާފައި ހުރި "ތަޅު" ހުޅުވާނަން: އިބޫ
ސިފައިންނާއި ފުލުހުން މަޖިލިހަށް އަރައިގަތް ދުވަސް!
އިދިކޮޅު މީހުން މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ؟
ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
އިދިކޮޅުގެ ބޮޑު ބެނާއެއް ރައީސްގެ ކުރިފުޅުމައްޗަށް
އިދިކޮޅު މެމްބަރުން އިންޑިއާއަށް ނުދިޔައީ ޔާމީނަށްޓަކައި