27 ޖޫން 2017
ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ ކަމުގެ ޔަގީންކަން ވެސް އަންނަނީ ދެމުންނެވެ. ސަރުކާރާ ދެކޮޅަށް، އިދިކޮޅު އިއްތިހާދުން މިހާތަނަށް ކުރަން އުޅުނު ބޮޑެތި މަސައްކަތްތަކެއް ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން މިހާރު މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ ހެއްޔެވެ؟
ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ ކަމުގެ ޔަގީންކަން ވެސް އަންނަނީ ދެމުންނެވެ. ސަރުކާރާ ދެކޮޅަށް، އިދިކޮޅު އިއްތިހާދުން މިހާތަނަށް ކުރަން އުޅުނު ބޮޑެތި މަސައްކަތްތަކެއް ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން މިހާރު މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ ހެއްޔެވެ؟
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް ފެށުމާ އެކު "ރައްޔިތުން އެދޭ ފަދަ އުފާވެރި ޚަބަރުތަކެއް" ލިބޭނެ އެވެ. އޭގެ ތަފްސީލު ނުދެއްވައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވާނެ ކަމަށެވެ.
އިބޫގެ މި ވާހަކަ، އިއްތިހާދުގެ އިސް ބޭފުޅުން ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ.
Allah Iraadhafulhaaeku kuriahothee ufaaveri khabaruthah, Ivenbeynun aduthah, Fennan edhey manzaruthah.Aniyaaverin balive haqqah nasrulibeyne
— Ahmed Mahloof (@AhmedMahloof) June 22, 2017
ސިޔާސީ މަސްރަހަށް ގެންނަން އުޅޭ ބަދަލާ ގުޅޭ ގޮތުން މަހްލޫފް ކުރެއްވި ޓުވީޓެއް.
އެ ވާހަކަތަކުގެ މާ ބޮޑު ތަފްސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ އެކި މީހުން މާނަ ނަގަނީ އެކި ގޮތަށެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި، ދޭން އުޅޭ އުފާވެރި ޚަބަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން ބޭނުންވާ އަދަދަށް އިދިކޮޅު ފަރާތްތަކަށް ވޯޓު ހަމަވި ވާހަކަ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެއީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެން އުޅޭ ވާހަކަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ކުރީގެ ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް މަރުހަބާ ކިޔަން އެއާޕޯޓުގައި --މިހާރު ފޮޓޯ: ހުސެއިން ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަކީ އިދިކޮޅު ފަރާތްތަކުގެ އިސްލާހީ އެޖެންޑާގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ، ދެން ހުރި ގިނަ ކަންކަން ތަންފީޒުކުރެވޭނެ ކަމަށް އިއްތިހާދުގެ އިސް ފަރާތްތަކުން ދެކެ އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯގެ) ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގިނަ ކަންކަން ހާސިލްކުރަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެކަންކަން ހާސިލްނުވީ ސަރުކާރުގެ އަނިޔާވެރިކަމާ ހެދި ކަމަށެވެ. އިސްލާހީ މަަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން މިފަހަރު ލިބިފައިވީ ނަމަވެސް ހުރިހާ ވާހަކަތަކެއް ހާމަނުކޮށް، ބޭނުން ވަނީ އަމަލީ ގޮތުން ދައްކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަމަލީ ގޮތުން އެކަން ވަރަށް އަވަހަށް ފެންނާނެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަގުތު ފާއިތު ނުވަނީސް ރައްޔިތުންގެ ފަޅި ޚިޔާރުކުރަންވީ ވަގުތު މިއޮތީ ޖެހިފައި. މިހާރު އެކަން ކޮށްފި ނަމަ ރައްޔިތުން އެކަން ބަލައިގަންނާނެ،" މަހްލޫފް ވިދާޅުވި އެވެ.
ތަފްސީލު ނުދެއްވިއަސް އިބޫ އާއި މަހްލޫފްގެ ވާހަކަ އިން ވެސް ދޭހަވަނީ، މަޖިލިހުގެ ތެރެއިން ކޮންމެވެސް ބަދަލެއް ގެންނަން މަސައްކަތް ކުރާ ކަމެވެ. ނުވަތަ މަޖިލިސް ހުޅުވުމާ އެކު، މަސީހު މަގާމުން ވަކިކުރަން އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ހުށަހަޅާނެ ކަމެވެ.
މަސީހު މަގާމުން ވަކިކުރަން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ. އެ މަސައްކަތްތައް ސަރުކާރުން ވަނީ ފެއިލްކޮށްލައިފަ އެވެ.
މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު އެވެ. އެކަމަކު، މިހާރު އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދު އޮތީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހު ބައިވެރިވެވަޑައިގަންނަވަނީ: މަސީހު މަގާމުން ވަކިކުރަން ތިން ވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުން. - ފޮޓޯ: މަޖިލިސް
އެހެންވެ އިދިކޮޅު މީހުން "ސިއްރުކޮށްގެން" އުޅޭ އުފާވެރި ޚަބަރަކީ، އެ އަދަދަށް ވޯޓު ލިބުނު ވާހަކަ ހެއްޔެވެ؟ މަސީހު ވަކިކުރަން ބޭނުންވާ މެމްބަރުންތަކެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ވެސް ތިބި ކަން ހާމަވުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލިއަކަށް ހުށަހެޅި އިސްލާހުތަކާ ހެދި މަސީހު ދެކެ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ހިތްހަމަޖެހިވަޑައިނުގެން ފާޅުގައި ބަހުގެ ހަމަލާތައް އަމާޒުކުރުމަކީ ގައިމު ވެސް އިދިކޮޅުު ފަރާތްތަކަށް ލިބުނު ޕްލަސް ޕޮއިންޓެކެވެ.
މަސީހާ ދެކޮޅަށް ވޯޓު ކަށަވަރުވެފައި ވާ ނަމަ، އެއީ އިދިކޮޅު ހުރިހާ ލީޑަރުން އެއްގަލަކަށް އަރައި ކުރި މަސައްކަތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ކޮޅުގައި އޮތްއިރު، 42 މެމްބަރުން ހަމަކުރުމަކީ އިދިކޮޅު ފަރާތްތަކަށް އާދައިގެ ހާސިލްވުމެއް ނޫނެވެ. މަޖިލިސް ތެރެއިން ކުރި ހޯދަން އިދިކޮޅު ފަރާތްތަކުން ވަަރަށް ޔަގީންކަމާ އެކު ދެ ފަހަރަށް ކުރި މަސައްކަތަށް ސަރުކާރުން ދުލެއް ނުދިނެވެ. މެމްބަރުންނަށް އެތައް ފިއްތުންތަކެއް ވެސް ކުރިމަތިކުރި އެވެ. އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އިދިކޮޅު މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ބައެއް މެމްބަރުންގެ މައްސަލަތަކުގައި މިހާރު ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދޭތެރޭ ބައިނަލްއަގުވާމީ ގޮތުން ވެސް ސަރުކާރަށް ޕްރެޝަރު އެބަ އޮތެވެ. މި ހާލަތުގައި، އިދިކޮޅު ފަރާތްތަކަށް މަސީހު މަގާމުން ދުރުކުރުވިއްޖެ ނަމަ ރާއްޖޭގެ ސިޔާސީ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނުން އެކަށީގެންވެ އެވެ. އެކަމަކު ހުރަސްތައް އަދިވެސް ގިނަ އެވެ. އިދިކޮޅު ފަރާތްތަކުން އެ ބުނާ "އުފަލެއް" ކަށަވަރު ވާނީ އީދު ނިމި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުންނެވެ. އޭރުން މަންޒަރު ސާފުވާނެ އެވެ.
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
މަޖިލީހުގައި 12 ދާއިރާގެ އަޑު ނެތި އަހަރެއް
"ރައީސް ބަލިކުރާނީ ގޮނޑި ގެއްލުނު މެންބަރުން"
ގަރާރު ފާސްކުރި ކޮމެޓީ ސައްހައެއް ނޫން: އިބޫ