Roadha Mihaaru
"ޖަޕާނުން ދެއްކި މިސާލު ގިނަ ބަޔަކު ހަނދާން ހުންނާނެ"

"ޖަޕާނުން ދެއްކި މިސާލު ގިނަ ބަޔަކު ހަނދާން ހުންނާނެ"

13 ޖުލައި 2018

ޓޯކިޔޯ (ޖުލައި 13) - މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދެއްކި ރީތި މިސާލުގެ މަތިން ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން ހަނދާން ކުރާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އެ ޓީމުގެ ކޯޗު އަކީރާ ނިޝީނޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓޯކިޔޯ (ޖުލައި 13) - މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދެއްކި ރީތި މިސާލުގެ މަތިން ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން ހަނދާން ކުރާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އެ ޓީމުގެ ކޯޗު އަކީރާ ނިޝީނޯ ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހު ނިޝީނޯ ޖަޕާނުގެ ކޯޗުކަމާ ހަވާލުވީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ބޮސްނިއާގެ ވަހީދު އަލިލޯޒިޗް މަގާމުން ވަކިކުރުމުންނެވެ. ނިޝީނޯގެ މާ ބޮޑު ކޯޗިން ތަޖުރިބާއެއް ނެތުމާ އެކު ވޯލްޑް ކަޕުގައި ޖަޕާނަށް އެދެވޭ ނަތީޖާތަކެއް ނުރެވޭނެކަަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.

"އަހަރެން މުބާރާތުގެ ކުރިން ވެސް ބުނިން މުބާރާތަށް ތައްޔާރުވާން އޮތް ވަގުތު މަދުވި ނަމަވެސް އަހަންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން އަހަރެމެންނާ އެކު ތިބުން ކަމަށް،" ޖަޕާނުގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ނިޝީނޯ ބުންޏެވެ.

ވޯލްޑް ކަޕުގައި ނިޝީނޯ ފުރަތަމަ ނުކުތީ އެންމެ ފަހުން ވޯލްޑް ކަޕުގައި ތަފާތު ދެއްކި ކޮލަމްބިއާއާ ދެކޮޅަށެވެ. ކޮލަމްބިއާ އަތުން ޖަޕާން އެ މެޗުން މޮޅުވިއިރު، އެ ޓީމު ވެފައިވަނީ ދެކުނު އެމެރިކާގެ ޓީމެއް އަތުން ވޯލްޑް ކަޕެއްގައި މޮޅުވި ފުރަތަމަ އޭޝިއާ ޓީމަށެވެ. ދެ ވަނަ މެޗުގައި ފަހަތުން އަރައި ސެނެގާލާ އެއްވަރުކުރުމުން ޖަޕާނަށް މުބާރާތުގެ އަނެއް ބުރުން ޖާގަ ލިބުމުގެ އުއްމީދުއާ ވި އެވެ.

ބެލްޖިއަމް އަތުން ބަލިވި މެޗަށް ފަހު ޖަޕާންގެ ކޯޗު ނިޝީނޯ (ކ) އެ ޓީމުގެ ކުޅުންތެރިއަކާ އެކު. -- ފޮޓޯ: އޭއެފްޕީ

ބެލްޖިއަމް އަތުން ބަލިވި މެޗަށް ފަހު ޖަޕާންގެ ކޯޗު ނިޝީނޯ (ކ) އެ ޓީމުގެ ކުޅުންތެރިއަކާ އެކު. -- ފޮޓޯ: އޭއެފްޕީ

އެކަމަކު ފަހު މެޗުން ޕޮލެންޑް އަތުން 1-0 އިން ބަލިވެ އެ ޓީމު ތިބީ މުބާރާތުން ވަކިވީ ކަމަށް ނިންމައިގެންނެވެ. އެކަމަކު އެހެން ތިއްބައި މަންޒަރު ބަދަލުވީ ފެއާ ޕްލޭ ޕޮއިންޓުގެ ގަވާއިދުން ސެނެގާލުގެ މައްޗަށް ކުރިހޯދައި ޖަޕާނަށް ދެ ވަނަ ބުރުން ޖާގަ ލިބުމުންނެވެ.

ޖަޕާނާއި ސެނެގާލަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެ ދެ ޓީމުގެ ފައިދާ ގޯލާއި ޖެހި ގޯލު ވެސް އެއްވަރެވެ. އެހެންވެ ދެ ޓީމު ފަރަގުކުރަން ދެން ބަލަން ޖެހުނީ އެ ދެ ޓީމު ކުޅުނު މެޗުގެ ހެޑް-ޓު-ހެޑް ނަތީޖާ އަށެވެ. އެ މެޗު 2-2 އިން އެއްވަރުވެ ދެ ޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު އެ މެޗުގެ ފައިދާ ގޯލާއި ޖެހި ގޯލު ވެސް ހަމަހަމަ އެވެ. ދެން އެންމެ ފަހުން ޖެހުނީ ދެ ޓީމުގެ ފެއާ ޕްލޭ ޕޮއިންޓަށް ބަލާށެވެ. މެޗުތަކުގައި ކުޅުންތެރިންނަށް ދައްކާ ކާޑަށް ބަލައިގެން ދޭ މި ޕޮއިންޓް ސިސްޓަމުގައި ޖަޕާން އަތުގައި މައިނަސް ހަތަރު ޕޮއިންޓް އޮތްއިރު ސެނެގާލުގެ އޮތީ މައިނަސް ފަސް ޕޮއިންޓެވެ.

"ފެއާ ޕްލޭ ޕޮއިންޓުގެ ތާރީހުގައި ފުރަތަމަ ވެސް އޮތީ ޖަޕާނުގެ ނަން. ކީއްވެ ނޯންނަންވީ ފުޓްބޯޅައިގެ ރީތި އުސޫލު އަހަރެމެން ދެއްކިން. ދަނޑުމަތިންނާއި ދަނޑު ބޭރުން ވެސް. ކޮންމެ މެޗަކަށް ފަހު އަހަރެމެންގެ ސަޕޯޓަރުން ދަނޑު ސާފުކޮށް ހެދި. އަހަރެމެންގެ ކުޅުންތެރިން ދަނޑުން ފައިބައިގެންދާއިރު ވެސް ދަނީ އެއްވެސް ކުންޏެއް ބެންޗުގައި ވެސް ނުބަހައްޓާ،" ނިޝީނޯ ބުންޏެވެ.

މުބާރާތުގެ ދެ ވަަނަ ބުރުގައި ތަރިން ގިނަ ބެލްޖިއަމް ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ޖަޕާނުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެކަމަކު ފަހަތުން އަރައި ބެލްޖިއަމުން ވަނީ ޖަޕާން ކަޓުވާލައިފަ އެވެ. ކުއާޓާ ފައިނަލުން ޖާގަ ހޯދަން ޖަޕާނުން ކުރި ހުރިހާ މަސައްކަތެއް ބަދަލުވީ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ.

ބެލްޖިއަމް މެޗަށް ފަހު ޖަޕާންގެ ސަޕޯޓަރުން ދަނޑު ސާފުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ބެލްޖިއަމް މެޗަށް ފަހު ޖަޕާންގެ ސަޕޯޓަރުން ދަނޑު ސާފުކުރަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެން އެ މެޗުގެ ހުރިހާ ކަމަކަށް މައާފަށް އެދެން. އެއީ އަހަރެން ބޭނުންވީ ފަހު ވަގުތު ވެސް ކުރިއަށް ޖެހިގެން ލަނޑެއް ޖަހަން. އެއީ ފުޓްބޯޅަ ކުޅެގެން މޮޅުވާން. ޑިފެންސްކޮށްގެން އަހަރެމެންނަށް އެ ނަތީޖާ އެ ވަގުތަށް ދިފާއު ކުރެވުނިސް. އެކަމަކު އަހަރެން ބޭނުންނުވީ އެ ގޮތް. އެ ކަމަށް އަހަރެން މައާފަށް އެދެން،" ޖަޕާނުގެ ޒުވާން ޓީމުތަކަށް އިރުޝާދުދިން ނިޝީނޯ ބުންޏެވެ.

ބެލްޖިއަމް އަތުން ބަލިވި މެޗަށް ފަހު ޖަޕާން ކުޅުންތެރިން ދަނޑުމަތީގައި ރުޔެވެ. އަދި ސަޕޯޓަރުން ވެސް ތިބީ ފުން ހިތާމައެއްގަ އެވެ. އެކަމަކު ވެސް އެ ގައުމުގެ ރީތި އާދަތައް އެ ޓީމުން ހިފެހެއްޓި އެވެ. ސަޕޯޓަރުން ދަނޑު ސާފުކޮށްފައިދިޔައިރު، ކުޅުންތެރިން ވަނީ ޗޭންޖިން ރޫމު ސާފުކޮށްފަ އެވެ. އަދި ޗޭންޖިން ރޫމުގައި ޝުކުރުގެ މެސެޖެއް ލިޔުމުން މުޅި ދުނިޔޭގެ ސަމާލުކަން އެ ޓީމަށް ލިބިގެންދިޔަ އެވެ.

"އަހަރެމެންގެ ސަގާފަތުގެ ތެރޭގައި ވެސް އޮންނަ ކަމެއް އެއީ ޝުކުރު އަދާކުރުމުގެ ރީތި އާދަ ކުރިއެރުވުމަކީ. ވޯލްޑް ކަޕުގައި އަހަރެމެންނަށް ބޭނުންވި ޓާގެޓްތަކެއް ހާސިލްނުވިޔަސް އަހަރެމެންނަށް ވަރަށް ގިނަ ހަނދާންތަކެއް ލިބިއްޖެ. އެ ހުރިހާ ކަމަކަށް ޝުކުރު އަދާކުރާ މެސެޖް ޗޭންޖިން ރޫމުގައި ބެހެއްޓީ،" މި މަހުގެ ނިޔަލަށް ޖަޕާނުގެ ކޮންޓްރެކްޓުގައި ހުރި ނިޝީނޯ ބުންޏެވެ.

އޭނާ ބުނީ ޖަޕާނުގެ ކޯޗުކަމުގެ މަގާމުން ދެން އޭނާ ނުފެނިދާނެ ކަމަށާއި މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނުން ދެއްކި ރީތި މިސާލުގެ ވާހަކަތައް އެތަކެއް އަހަރުތަކެއް ވަންދެން ދައްކާނެ ކަމަށާއި މިއީ އޭނާގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.

ބެލްޖިއަމް މެޗަށް ފަހު ޖަޕާނުގެ ކުޅުންތެރިން ޗޭންޖިން ރޫމް ސާފުކޮށްފައި. -- ފޮޓޯ: ޔޫރޯ ސްޕޯޓްސް

ބެލްޖިއަމް މެޗަށް ފަހު ޖަޕާނުގެ ކުޅުންތެރިން ޗޭންޖިން ރޫމް ސާފުކޮށްފައި. -- ފޮޓޯ: ޔޫރޯ ސްޕޯޓްސް