Roadha Mihaaru
ހިތްވަރުގަދަ ޖަޕާނުން ސްޕެއިން ބަލިކޮށް އެއްވަނަ އަށް

ހިތްވަރުގަދަ ޖަޕާނުން ސްޕެއިން ބަލިކޮށް އެއްވަނަ އަށް

02 ޑިސެމްބަރ 2022

އައް ރައްޔާން (ޑިސެމްބަރު 2) - ދެވަނަ ހާފުގައި ޖަޕާނުން ޖެހި ދެ ލަނޑާއެކު 2-1 ސްޕެއިން ބަލިކޮށް ގުރޫޕް އީގެ އެއްވަނަ ޖަޕާނުން ހޯދައިފި އެވެ.

އައް ރައްޔާން (ޑިސެމްބަރު 2) - ދެވަނަ ހާފުގައި ޖަޕާނުން ޖެހި ދެ ލަނޑާއެކު 2-1 ސްޕެއިން ބަލިކޮށް ގުރޫޕް އީގެ އެއްވަނަ ޖަޕާނުން ހޯދައިފި އެވެ.

މެޗުން ސްޕެއިން ބަލިވި ނަމަވެސް ދެވަނަ ޓީމުގެ ގޮތުގައި ސްޕެއިން އަށް ދެވަނަ ބުރުގެ ޖާގަ ޔަގީންވީ އެ ގުރޫޕްގެ އަނެއް މެޗުގައި ޖަރުމަނާއި ކޮސްޓަރިކާގެ ކުރިމަތިލުން އެއްވަރުވުމުންނެވެ.

ގުރޫޕްގެ ފުރަތަމަ މެޗުގައި ޖަރުމަންގެ މައްޗަށް ވެސް ކުރި ހޯދި ސްޓޭޑިއަމް އައް ރައްޔާންގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ސްޕެއިން އާ ދެކޮޅަށް ވެސް ޖަޕާނުން ވަނީ އެ ހިތްވަރު ތަކުރާރުކޮށްފަ އެވެ. އެ މެޗު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައި ޖަރުމަނުން ލީޑް ނަގައިފައި ވަނިކޮށް ދެވަނަ ހާފުގައި ޖެހި ދެ ލަނޑުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން ވެސް ވަނީ އަލްވާރޯ މޮރާޓާ ޖެހި ލަނޑުން ލީޑް ނަގައިފަ އެވެ. މެޗުގެ 11 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ސެޒާ އަޒުޕްލިކުއޭޓާ ނެގި ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ.

ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓްގައި ޖަޕާނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ޖުނިއާ އިޓޯ ދިން ޕާހުން އެ ލަނޑު ޖެހީ ރިޓްސޫ ޑޯއަން އެވެ. ޖަޕާނަށް ލީޑް ނަގައި ދިނީ އަޓޯމޯއާ ޓަނަކާ އެވެ. އެ ލަނޑާ މެދު ސްޕެއިންގެ ކުޅުންތެރިން މައްސަލަ ޖެއްސީ ބޯޅަ ހުރަސްކޮށް ދިން ކައޯރޫ މިޓޯމާ ބޭރުން ބޯޅަ ފޮނުވާލި ކަމަށް ބުނެ އެވެ. އެކަމަކު ވީއޭއާރް މެދުވެރިކޮށް ދެއްކީ އެ ބޯޅަ ބޭރު ނުވާ ކަމަށެވެ.

ޖަޕާނުން ލީޑް ނެގުމުން ސްޕެއިން އަވަސް އަވަހަށް ބަދަލުތަކެއް މެޗުގެ ނަތީޖާ ބަދަލު ކުރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ގޯލަށް އަމާޒުކޮށް އެންމެ ހަމަލާ އެއް ވެސް ފޮނުވައި ނުލެވުނެވެ.

ޖަރުމަން މޮޅުވިޔަސް ސަލާމަތެއް ނުވި

ކޮސްޓަރިކާގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދިއަސް ޖަރުމަނަށް އަނެއް ބުރަށް ނުދެވި މުބާރާތުން ވަނީ ކަޓައިފަ އެވެ. ޖަރުމަން މޮޅުވުމުން އޭގެ ފައިދާ ލިބުނީ ސްޕެއިން އަށެވެ.

ސްޕެއިން އަށް މެޗު އެއްވަރު ކޮށްލެވުނު ނަމަ ސްޕެއިނާއެކު ޖަރުމަން ދެވަނަ ބުރަށް ދިޔައީހެވެ. ކޮސްޓަރިކާ އާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލީޑް ސާޖު ގެނެބްރީ ލީޑް ނެގި އެވެ. އެކަމަކު ދެވަނަ ހާފުގައި ކޮސްޓަރިކާގެ ޔެލްސިން ޓެޖެޑާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. މެޗުގެ 70 ވަނަ މިނެޓްގައި ކޮސްޓަރިކާއިިން ލީޑް ނަގައި ސްޕެއިން އާއި ޖަރުމަނަށް ވެސް ޕްރެޝާ ކުރިމަތި ކުރި އެވެ. އެކަމަކު އޭގެ ތިން މިނެޓް ފަހުން ކައި ހަވަޓްޒް ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް އަދި އަލުން ޖަރުމަނަށް ލީޑް ނަގައި ދީފަ އެވެ. ޖަރުމަންގެ ހަތަރުވަނަ ލަނޑު ޖެހީ ނިކްލާސް ފުލްކްރޫގް އެވެ.

ދެވަނަ ބުރުގައި ސްޕެއިން ވާދަކުރަން ޖެހޭނީ ގުރޫޕް އެފްގެ އެއްވަނަ މޮރޮކޯ އާ ދެކޮޅަށެވެ. ޖަޕާން ވާދަ ކުރާނީ އެ ގުރޫޕްގެ ދެވަަނަ ކްރޮއޭޝިއާ އާ ދެކޮޅަށެވެ.