Roadha Mihaaru
އެންމެ ނިޔަފަތި ދިގު މީހާގެ ނިޔަފަތިތައް ކަނޑާލައިފި

އެންމެ ނިޔަފަތި ދިގު މީހާގެ ނިޔަފަތިތައް ކަނޑާލައިފި

13 ޖުލައި 2018

އެންމެ ނިޔަފަތި ދިގު މީހާގެ ރިކޯޑް އޮތް އިންޑިއާގެ ސްރީދާރް ޗިލާލްގެ ނިޔަފަތިތައް، 66 އަހަރު ފަހުން ބުދަ ދުވަހު ކަނޑާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ނިޔަފަތި ދިގު މީހާގެ ރިކޯޑް އޮތް އިންޑިއާގެ ސްރީދާރް ޗިލާލްގެ ނިޔަފަތިތައް، 66 އަހަރު ފަހުން ބުދަ ދުވަހު ކަނޑާލައިފި އެވެ.

އިންޑިއާގެ ޕޫނޭގައި ދިރިއުޅޭ ސްރީދާރް، 82، ގެ ވައަތުގެ ނިޔަފަތިތައް ކަނޑައިލަން ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ އެމެރިކާގެ ނިއު ޔޯކްގެ ޓައިމް ސްކެއާގެ ރިޕްލީސް ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްގަ އެވެ.

އޭނާގެ އިނގިލިތަކުން ކަނޑައިލި ނިޔަފަތިތަކުގެ ދިގު މިނުގައި 29 ފޫޓް 10 އިންޗި ހުއްޓެވެ. އަދި ސްރީދާރްގެ ބޮޑުވައި އިނގިލީގެ ނިޔަފަތީގެ ދިގުމިނުގައި އެކަނި ވެސް 197.8 ސެންޓިމީޓަރު ހުއްޓެވެ.

އޭނާ ނިޔަފަތި ދިގު ކުރަން ފެށީ އުމުރުން އެންމެ 14 އަހަރުގަ އެވެ.

ސްރީދާރްގެ ނިޔަފަތިތައް ކަނޑައިލުމަށް ފަހު، ރިޕްލީސް ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްގައި ވަނީ ޝޯ ކޭހަކަށްލައި ދައްކައިލަން ބަހައްޓައިފަ އެވެ.

އެއް އަތުގައި އެންމެ ދިގު ނިޔަފަތިތައް ހުރި މީހާގެ ދުނިޔޭގެ ރެކޯޑް، ގިނިސް ވޯލްޑް ރިކޯޑުން ސްރީދާރަށް ދިނީ 2016 ގަ އެވެ.

ކުރިން ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރި ސްރީދާރް ބުނި ގޮތުގައި 66 އަހަރު ވަންދެން އޭނާ ދިގު ނިޔަފަތިތައް ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އުމުރުން ދުވަސްވި ވަރަކަށް ނިޔަފަތި ހަލާކު ނުވެ، ދެމެހެއްޓުމަށާއި ދިގު ނިފަތިތަކާ އެކު އުޅެން ކޮންމެވެސް ވަރެއްގެ ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށް ބުންޏެވެ.

އެކަމަކު ނިޔަފަތި ދިގުކޮށްގެން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގައެއް ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް ސްރީދާރް ބުންޏެވެ.