Roadha Mihaaru
ރައީސް ހއ. އާއި ހދ. އަތޮޅަށް ވަޑައިގެންފި

ރައީސް ހއ. އާއި ހދ. އަތޮޅަށް ވަޑައިގެންފި

17 ޖުލައި 2018

މި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ހއ. އާއި ހދ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

މި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ހއ. އާއި ހދ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

އެ މަނިކުފާނު މި ވަގުތު ހުންނެވީ ހދ. ނޮޅިވަރަމުގަ އެވެ. އަދި އެ އަތޮޅު ހަނިމާދޫގެ އިތުރުން ހއ. ހޯރަފުއްޓާއި އިހަވަންދު އާއި ދިއްދު އާއި ކެލާ އަދި ބާރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ރައީސް ޔާމީން ހަނިމާދު އަށާއި ނޮޅިވަރަމަށް ވަޑައިގަންނަވަނީ އެ ދެ ރަށުގައި ގާއިމު ކުރި ނަރުދަމާ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށެވެ. ހޯރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރެއްވުމަށް ފަހު، އިހަވަންދޫ ނަރުދަމާ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެ އެވެ.

ރައީސް ދިއްދު އަށް ވަޑައިގެން، އެ ރަށުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވާނެ އެވެ. އަދި، ދިއްދޫގައި ސަރުކާރުން އިމާރާތް ކުރި ހައުސިން ޔުނިޓްތައް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކެލާ ނަރުދަމާ ނިޒާމު، ރައީސް އިފްތިތާހު ކޮށްދެއްވާ އިރު، ބާރަށުގައި ހެދި ފާލަށް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވެސް އޮންނާނެ އެވެ.

މި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން ދާދި ފަހުން ވަނީ މ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު އެ ރަށްތަކަށް ވެސް ވަޑައިގަތީ، ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ.