Roadha Mihaaru
ފެބުރުއަރީގެ އަމުރާ ހެދި ރާއްޖެއަށް މަލާމާތްކުރޭ:ރައީސް

ފެބުރުއަރީ 1 ގެ އަމުރުގެ ސަބަބުން މުޅި ދުނިޔެ ރާއްޖެ އަށް މަލާމާތްކުރޭ: ރައީސް

17 ޖުލައި 2018

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ޖަލުން ދޫކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން، މުޅި ދުނިޔެ ރާއްޖެ އަށް މަލާމާތްކުރާ ކަމަށް ރައީސް އަބްދުﷲ ޔާމީން ހދ. ނޮޅިވަރަމްގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ޖަލުން ދޫކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން، މުޅި ދުނިޔެ ރާއްޖެ އަށް މަލާމާތްކުރާ ކަމަށް ރައީސް އަބްދުﷲ ޔާމީން ހދ. ނޮޅިވަރަމްގައި މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރަށް އިންތިހާ އަށް ބައިނަލްއަގްވާމީ ޕްރެޝަރު ކުރިމަތިވި އަމުރާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެ އަމުރު ނެރުނީ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށެވެ. ސުޕްރީމް ކޯޓުން އެ އަމުރު ނެރުނީ ސިޔާސީ ނުފޫޒާއި ފައިސާގެ ނުފޫޒުން ކަމަށް ރައީސް ޔާމީން މިއަދު ވެސް ތުހުމަތު ކުރެއްވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރާ ދޭތެރޭ ބޭރު ދުނިޔެ ދެކެނީ ކިހިނެއްތޯ؟ އިލްމުވެރިން ދެކެނީ ކިހިނެއްތޯ؟ ތަހުލީލް ކުރާ މީހުން ޕްރޮފެސަރުން ދެކެނީ ކިހިނެއްތޯ؟ އެ މީހުން [ފަނޑިޔާރުން]ގެ އަގެއް އެބައޮތްތޯ؟ އެކަމަކު މިއީ، މިނިވަން ކަރަމާތް ލިބިގެންވާ އދ. ގައި ހިމެނޭ ގައުމެއް. އަޅުގަނޑުމެން މި ކުރަނީ ހައްގުތައް ހޯދަން ކުރާ މަސައްކަތް. އެ ކަމަކު މުއައްސަސާތަކަށް ފައިސާގެ ނުފޫޒާއި ސިޔާސީ ނުފޫޒު ވަދެގެން އައީމާ ކޮން ބަޔަކަށްތޯ ގެއްލުން މިވަނީ؟" ނޮޅިވަރަމްގެ ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުގެ އިތުރުން ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަން ކަމަށާއި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ނޮޅިވަރަމްގެ ނަރުދަމާ ޚިދުމަތް ރައީސް އިފްތިތާހުކޮށް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ނޮޅިވަރަމްގެ ނަރުދަމާ ޚިދުމަތް ރައީސް އިފްތިތާހުކޮށް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ފުލުހުންގެ އިސް ބޭފުޅުންތަކެއް މަގާމުން ކުރިން ވަކިކުރަން ޖެހުނީ، އެ މީހުން ހިންގި އަމަލުތައް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށް ފަހު ކަންތައްތަކެއް ސާބިތުވުމުންނެވެ.

"އެހެންވީމަ މި ކަހަލަ ކަންތައްތައް ކުރީމަ ގެއްލުން ވަނީ ކޮން ބަޔަކަށްތޯ؟ ހަމަ ދިވެހި ރައްޔިތުންނަށް. މި ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ތެރޭގައި މި ދެންނެވި ގޮތަށް ސުޕްރީމް ކޯޓުން އެ ކުރެއްވި ކަންތައްތަކާ ގުޅިގެން މުޅި ދުނިޔެ ދިވެހި ރާއްޖެ އަށް މަލާމާތްކުރޭ،" ރައީސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގައި، ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއް ހިމެނޭ ގޮތަށް، ހުކުމް އިއްވާފައިވާ އަދި އެކި ކުށްތަކުގައި ބަންދުކޮށްފައިވާ ނުވަ މީހަކު ދޫކޮށްލަން މުއައްސަސާތަކަށް އަމުރުކޮށްފައިވެ އެވެ. އެ އަމުރު ތަންފީޒުނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ވަނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް ސިޔާސީ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފަ އެވެ.

އެ އެންމެންނަށް ވެސް ފުލުހުން ކުރަނީ، ވެރިކަން ވައްޓާލުމުގެ ތުހުމަތެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރި ފަހުން، ސިޔާސީ އިދިކޮޅު ލީޑަރުން ދޫކޮށްލަން ނެރުނު އަމުރުގެ ބައި އެ ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ ވަނީ ބާތިލްކޮށްފަ އެވެ.

ރައީސް ޔާމީނާ އެކު ނޮޅިވަރަމަށް ވަޑައިގަތް ސަރުކާރުގެ އިސް ބައެއް ބޭފުޅުން. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނާ އެކު ނޮޅިވަރަމަށް ވަޑައިގަތް ސަރުކާރުގެ އިސް ބައެއް ބޭފުޅުން. --ފޮޓޯ: ރައީސް އޮފީސް

ކުރީގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ނުސީދާކޮށް ފާޑުވިދާޅުވަމުން، ރާއްޖޭގެ އަގަކީ އެޕާޓްމެންޓެއްތޯ ރައީސް ޔާމީން މިއަދު ސުވާލު ކުރެއްވި އެވެ. ފެބުރުއަރީ 1 ގެ އަމުރުން ނެރުމަށް، ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ބޭފުޅުން މެލޭޝިއާ އިން އެޕާޓްމެންޓް ބައްލަވައިގަތް ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ މައްސަލަތައް އެންމެ ފަހު މަރުހަލާގައި ނިންމައި ފައިސަލާ ކުރަން ތިބި މީހުންގެ އަގަކީ މިއީތޯ؟" ރައީސް ސުވާލު ކުރެއްވި އެވެ.

އެކި ކުށްތަކުގައި ބަންދުކޮށްފައިވާ މީހުން ދޫކޮށްލަން އެކި ފަރާތްތަކުން ގޮވާލަމުން ދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުށްތަކުގައި މީހަކު އަދަބު ދެނީ އެކަން ކުރާ ހިތަކުން ނޫން ކަމަށެވެ. އެކަން ކުރަން ޖެހެނީ، އެއީ އިންސާނިއްޔަތުގެ އެންމެ ކުރީ ސަފުންނާއި ދީނުގައި ވެސް ކަނޑައަޅާފައިވާ ތަރުބިއްޔަތާ ގުޅޭ ކަމަކަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ކުލަ ޖެއްސޭތޯ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެކަމުގެ ބޮޑު ބައެއް ހާސިލްކުރެވިފައިވާ ކަން ހިސާބު އަދަދުތަކުން ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނޮޅިވަރަމަށް އެކަނި ބަލާލިޔަސް މި ސަރުކާރުގައި ވަނީ ކުރީ ސަރުކާރުތަކަށް ވުރެން 20 ގުނަ އިތުރަށް ހޭދަކޮށްފަ އެވެ. ވޭތުވެދިޔަ ސަރުކާރުތަކުގައި ނޮޅިވަރަމަށް 20 މިލިއަން ރުފިޔާ ހޭދަކުރިއިރު މި ސަރުކާރުން 115 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ނޮޅިވަރަމަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:

- ނޮޅިވަރަމްގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭނަން.

- ސާފުބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަން.

- ހއ. އާއި ހދ. ގައި ޓޫރިޒަމްގެ 3،000 އެނދު އިތުރުކުރާނަން.

- ޓޫރިޒަމާއި ދަނޑުވެރިކަމާ އެކު ނޮޅިވަރަމަކީ އެ ސަރަހައްދުގެ ތަނަވަސް ރަށަކަށް ބަދަލުވާނެ.

ރައީސް ޔާމީން ނޮޅިވަރަމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ނޮޅިވަރަމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ތަރައްގީގެ މަޝްރޫއުތައް ލޯނު ނަގައިގެން ހިންގާތީ އަމާޒުކުރާ ފާޑުކިއުންތަކަށް ރައީސް މިއަދު ވެސް ރައްދު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނޮޅިވަރަމަށް ސާފު ބޯފެން ހަމަޖައްސައިދޭއިރު، އެ ފައިސާ ހޯދަނީ ކޮންތާކުންތޯ އެ ރަށުގެ ރައްޔިތުން ސާފުކުރަން ބޭނުން ނުވާނެ ކަމަށެވެ. ލޯނު ނަގައިގެން ކަންކަން ކުރައްވަނީ، އެ ލޯނު އަނބުރާ ދެއްކޭނެ ކަމުގެ ހަކަތަ އާއި ގާބިލްކަން ސަރުކާރުގައި ހުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ލޯނު ނަގާތީ އިދިކޮޅުން މައްސަލަ ޖައްސާއިރު، މަޝްހޫރި ވިޔަފާރިވެރިންގެ ތެރޭގައި ވެސް ލޯނު ނުނަގައި ވިޔަފާރި ފުޅާކުރި އެކަކު ވެސް ނުހުންނާނެ އެވެ. ބޭންކްތައް ހުންނަނީ ވެސް ލޯނު ދޫކުރަން ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ގައުމު ތަރައްގީކުރުން އެމަނިކުފާނަށް ދޫކޮށްލައި، އިސްލާހުގެ ވާހަކަ އިދިކޮޅުން ދެއްކުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.