Roadha Mihaaru
ކޮންކްރީޓް ތަރައްގީއޭ ކިޔާތީ ރައީސްގެ ސުވާލުތަކެއް

ކޮންކްރީޓް ތަރައްގީއޭ ކިޔާތީ ރައީސްގެ ސުވާލުތަކެއް

17 ޖުލައި 2018

ރިޔާސީ އިންތިޚާބަށް ވައުދުތައް ވަމުން އަންނައިރު، އިދިކޮޅު ލީޑަރުން ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށާއި އެ ކަންކަމުގައި ގޯހެއް ހައްދަވާފައިވާ ކަމަށް ގަބޫލު ކުރެއްވޭ ނަމަ މާފަށް އެދިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބަށް ވައުދުތައް ވަމުން އަންނައިރު، އިދިކޮޅު ލީޑަރުން ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށާއި އެ ކަންކަމުގައި ގޯހެއް ހައްދަވާފައިވާ ކަމަށް ގަބޫލު ކުރެއްވޭ ނަމަ މާފަށް އެދިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހއ. އިހަވަންދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު ގެނެސްދެއްވީ ކޮންކްރީޓް ތަރައްގީ ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވާއިރު، މާޒީގައި އެ ބޭފުޅުން އަމަލުކުރެއްވި ގޮތާ މެދު ރައްޔިތުންނަށް ޖަވާބު ދެއްވަން ޖެހޭ ކަމަށެވެ. އެމަނިކުފާނު އަމާޒުކުރައްވާ ސުވާލުތަކަކީ، ރެކިވަޑައިގަންނަވަން ދަތިވާނެ ސުވާލުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރުންގެ ނަން ވިދާޅު ނުވި ނަމަވެސް ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވެ ކުރިމަތި ކުރެއްވި ފުރަތަމަ ސުވާލުގައި ރައީސް އެއްސެވީ ހުޅުލޭ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކާލުމާ ގުޅޭ ގޮތުންނެވެ.

"ދިވެހި ރައްޔިތުންނަށް އަދި އަޅުގަނޑަށް ވިސްނޭވަރަށް އެ ބޭފުޅުން [އިދިކޮޅު ލީޑަރުން] ޖަވާބު ދެއްވާ. އަޅުގަނޑުމެންގެ އެއާޕޯޓު ކީއްވެގެންތޯ ބޭރުގެ ބަޔަކަށް ވިއްކާލީ؟ އަޅުގަނޑަށް ކިޔައި ދެއްވާ އޭގެ ޖަވާބު. އަދި އެކަމުން ދިވެހި ރައްޔިތުންނަށް ލިބުނީ ކޮން މަންފާއެއްތޯ؟ ނޫނިއްޔާ، ވެރިކަމަށް އޭގެ ފަހުން އައި މީހުން އުފުލަން ޖެހުނީ ކޮން ތުރާލެއްތޯ އަޅުގަނޑަށް ކިޔައި ދެއްވަން އެބަޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައި ދެވުނީ، އެތައް ރަށެއްގެ ބަނދަރު އަޅައިދެވޭހާ ފައިސާ އަށެވެ. އެއީ ދިވެހިންނަށް ލިބުނު ގެއްލުމެއްތޯ ފައިދާއެއްތޯ ވެސް ވިދާޅުވެދެއްވަން ރައީސް އެދިވަޑައިގަތެވެ.

އެމަނިކުފާނު ދެން އެދިވަޑައިގަތީ، ފެނުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭ ސަބަބު އިދިކޮޅު ލީޑަރުން، ރައްޔިތުންނަށް ވިދާޅުވެ ދެއްވުމަށެވެ.

ރައީސް ޔާމީން، މިއަދު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، މިއަދު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަކީ ދިވެހިންގެ އަޣުލަބިއްޔަތު އޮތް ހިއްސާއެއް ކަން ފާހަގަކުރައްވައި ވިދާޅުވީ، އޭގެ ބޮޑު ހިއްސާއެއް ބޭރުގެ ބަޔަކަށް ވިއްކާލަން ޖެހުނު ސަބަބު ވެސް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"ކުރެވިފައި އޮތް އެގްރީމެންޓުގައި އެ މީހުންގެ ނުވަތަ ކުންފުނީގެ އާމްދަނީގެ ސާފު ފައިދާ ވަކި ޕަސެންޓޭޖެއް ވަކި އަދަދެއް އޮންނަން ޖެހޭ ގޮތަށް މި ހަދަނީ. އެ އަދަދު ހޯދުމަށްޓަކައި ފެނުގެ އަގު ހެޔޮ ނުކުރެވިގެން މި އުޅެނީ. އެކަން ނުކުރި ނަމަ ދިވެހި ދައުލަތުގެ ސައްތަ އިން ސައްތަ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި އޮތް ނަމަ މިއަދު ފެނުގެ އަގު ހެޔޮވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންނަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ހެދި ސަބަބު ވެސް އިދިކޮޅުން އޮޅުން ފިލުވައިދޭން ޖެހެ އެވެ. އެއާއެކު ފެން ކުންފުނިން ލިބުނު ފައިސާ ކޮބައިތޯ އާއި އެ ފައިސާ އިންވެސްޓުކޮށްގެން ދިވެހިންނަށް ލިބުނު ފައިދާ ވެސް އިދިކޮޅު ލީޑަރުން ވިދާޅުވެ ދެއްވަން ޖެހެ އެވެ.

"ކީއްވެގެންތޯ ވަކި އަގަކަށް ވުރެން ހެޔޮކޮށް ނުވިއްކޭ ގޮތަށް އަޅުގަނޑުމެން ތާށިވެގެން މިތިބީ. އެ އެގްރިމެންޓް ހަދާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުވާސަލާތީ ޚިދުމަތް ދޭން ރާއްޖޭގައި އޮތް ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގެ ބޮޑު ހިއްސާއެއް ސަރުކާރުން ނަގާފައި އޮއްވައި އެހެން ބަޔަކަށް އަނބުރާ ހިއްސާ ވިއްކާލަން ޖެހުނީ ކީއްވެތޯ ވެސް ސާފުކޮށްދޭން ޖެހެ އެވެ.

ދިރާގުގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭރުގެ ވިސްނުމަކީ އެ ކުންފުނީގެ ބޮޑު ހިއްސާއެއް ދިވެހިންގެ އަތުގައި ބޭއްވުން ކަމަށެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުން ދިވެހިންގެ ހިއްސާ ވިއްކާލާފައިވާ ކަމަށާއި އޭގެ ސަބަބުން ދިވެހިންނަށް ލިބުނީ ކޮން ފައިދާއެއްތޯ އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ދިރާގުގެ ހިއްސާ އަޅުގަނޑުމެން ނުޖެހޭ ވިއްކާކަށެއް. އެއާޕޯޓު ނުޖެހޭ ވިއްކާކަށެއް. އެމްޑަބްލިއުއެސްސީގެ ހިއްސާ އަޅުގަނޑުމެން ނުޖެހޭ ވިއްކާކަށެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން އޭރު ކުރައްވާފައިވާ ރައްޔިތުންނަށް ގެއްލުންވާ މިފަދަ ކަންކަމުގެ ޖަވާބުތައް ރައްޔިތުންގެ ދަރުބާރުގައި ދެއްވަން ޖެހެ އެވެ.

"ސެޕްޓެމްބަރު 23 ގައި ވޯޓުލާން ދާއިރު، އޭރަށް އިހަވަންދޫގެ ރައްޔިތުންނަށް ވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް ވިސްނޭނީ ދެން އެ ބޭފުޅުން ވެރިކަމަށް ވަޑައިގެންފިއްޔާ ރައީސް ޔާމީން 1000 މިލިއަން ޑޮލަރު ހޯދައިގެން އަޅާ އެއާޕޯޓު ދެން ވެސް ވިއްކާނުލާނެ ކަމުގެ ކަށަވަރުކަން ލިބޭނީ އޭރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއާޕޯޓު ވިއްކާލައި ފެން ކުންފުންޏާއި މުވާސަލާތީ ކުންފުނިތަކުގެ ބޮޑު ހިއްސާއެއް ބޭރަށް ވިއްކާލުމުން ލިބުނު ރަނގަޅާއި ރައްޔިތުންނަށް ވީ ފައިދާ އޮޅުންފިލުއްވައިދެއްވަން އެދިވަޑައިގަތެވެ. އަދި އެއީ، ހެއްދެވުނު ގޯހެއް ކަމަށް ވަންޏާ، ދީލަތި މާފަކަށް ވެސް ރައްޔިތުންގެ ކިބައިން އެދެން ޖެހޭ ކަަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ސުވާލުތަކުގެ ޖަވާބެއް އަޅުގަނޑާ އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކަށް ނުދެއްވޭނެ. އެކަމަކު އަޅުގަނޑު ޖަވާބު ބޭނުން، އަޅުގަނޑަކީ ވެސް އެ ދުވަހު [ސެޕްޓެމްބަރު 23 ގައި ނަގާ ވޯޓަށް] ޝައުގުވެރިކަން ހުރި މީހެއް،" ރައީސް ވިދާޅުވި އެވެ.