Roadha Mihaaru
އައިޖީއެމްއެޗް ކެތުލެބްގެ ހިދުމަތްތައް އަލުން ފަށައިފި

އައިޖީއެމްއެޗް ކެތު ލެބްގެ ހިދުމަތް އަލުން ފަށައިފި

22 ޖުލައި 2018

އައިޖީއެމްއެޗްގެ ކެތުލެބަށް ދިމާވި ކަރަންޓުގެ މައްސަލައަކުން އެ ތަނުގެ އޮޕަރޭޝަންތައް މެދުކަނޑައިލުމަށް ފަހު އެ ހިދުމަތްތައް އަލުން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގެ ކެތުލެބަށް ދިމާވި ކަރަންޓުގެ މައްސަލައަކުން އެ ތަނުގެ އޮޕަރޭޝަންތައް މެދުކަނޑައިލުމަށް ފަހު އެ ހިދުމަތްތައް އަލުން ފަށައިފި އެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު ވިދާޅުވީ ކެތުލެބުގައި ހުރި ކަރަންޓު ބޯޑަށް މައްސަލައެއް ދިމާވެގެން މިދިޔަ ހަފުތާ ބަންދުގައި އެތަނުގައި އެއްވެސް އޮޕަރޭޝަނެއް ނުކުރާ ކަމަށެވެ. އެ މައްސަލަ ހައްލަ ކުރުމުގެ ގޮތުން ސިންގަޕޫރުން އާ ކަރަންޓު ބޯޑެއް ގެނެސް މިހާރު ހަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ތަނުގައި ޚިދުމަތްތައް ނުފެށި ލަސްވާތީ މިއަދު ހެނދުނު ބައެއް މީހުން އޭޑީކޭ ހޮސްޕިޓަލަށް ވެސް ފޮނުވި އެވެ. ނަމަވެސް މިއަދު މެންދުރު ޚިދުމަތްތައް ފަށާފައިވާ ކަމަށާއި މި އަންނަ ހަފުތާ ބަންދުގައި އޮޕަރޭޝަންތައް ވެސް ފަށާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގެ ތެރޭގައި ކެތުލެބްގެ ތެރެ އަށް ފެން ފޭބުމުގެ ސަބަބުން ވެސް އެ ލެބްގެ ހިދުމަތްތައް ހުއްޓައިލި އެވެ. ނަމަވެސް އެއްވެސް މެޝިނަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ކެތުލެބް ކައިރީގައި ހުރި އެހެން ތަނަކަށް ފެން ލީކުވީ. އެކަމަކު މެޝިންތަކަށް ގެއްލުމެއް ލިބިފައި ހުރެދާނެތީ އެ މެޝިންތައް ޗެކުކުރަން ހިދުމަތް މެދުކަނޑާލިން،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން ހުޅުވި ކެތުލެބުން މައިގަނޑު ގޮތެއްގައި ހިތުގެ ދެ ބާވަތެއްގެ އޮޕަރޭޝަނެއް ކުރެ އެވެ. އެއީ އެންޖިއޯ ޕްލާސްޓީ އާއި އެންޖިއޯގްރަފީ އެވެ.

އައިޖީއެމްއެޗްގެ ކެތުލެބްގައި ކޮންމެ ހަފުތާ ބަންދަކު ވެސް 15-25 މީހުންގެ އޮޕަރޭޝަން ކުރެ އެވެ.