Roadha Mihaaru
ބޮޑެތި ކާމިޔާބީތަކަށް ފަހު، ކެތު ލެބް މަތީ ހަރުފަތަށް

ބޮޑެތި ކާމިޔާބީތަކަށް ފަހު، އައިޖީއެމްއެޗުގެ ކެތު ލެބް އެންމެ މަތީ ހަރުފަތަށް!

19 ޖެނުއަރީ 2020

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި މީގެ ތިން އަހަރު ކުރިން ގާއިމްކުރި ކެތު ލެބުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށާއި ކުރިއަށް ދެން އޮތީ މި ސަރަހައްދުގެ ގައުމުތަކާ ފައި ހަމަކުރެވޭ ވަރުގެ އާ ފަރުވާތަކާ ދިމާ އަށް މިސްރާބު ޖެހުން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި މީގެ ތިން އަހަރު ކުރިން ގާއިމްކުރި ކެތު ލެބުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށާއި ކުރިއަށް ދެން އޮތީ މި ސަރަހައްދުގެ ގައުމުތަކާ ފައި ހަމަކުރެވޭ ވަރުގެ އާ ފަރުވާތަކާ ދިމާ އަށް މިސްރާބު ޖެހުން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ކެތު ލެބް ނުވަތަ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކާމިޔާބީތަކާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ސުޕަ ސްޕެޝަލިސްޓް ޑރ. ޕްރަތާބް ވިދާޅުވީ، މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގައި އޮޕަރޭޝަން ކޮށްގެން ނޫނީ ނުދެވޭ ފަރުވާ، "ކެތީޓާ" ގެ އެހީގައި ދޭން ފަށަން އައިޖީއެމްއެޗުން މިހާރު ތައްޔާރު ވެފައިވާ ކަމަށެވެ.

ކެތީޓާ އަކީ ބޮޑަށް ފަޅާލައިގެން، ލޭ ހޮޅިއެއް ނުވަތަ އެތެރެ ހަށީގެ ގުނަވަނަކަށް ކުރަން ޖެހޭ ކަމެއް، ނުފަޅައި ކުރުމަށް ބޭނުންކުރާ އާލާތެކެވެ. އޭގެ ބޭނުންކޮށްގެން ފަރުވާ ކުުރުމަކީ އޮޕަރޭޝަނެއް ކުރާ އިރު، ބަލި މީހާ އަށް އޮންނަ ނުރައްކާ އެތައް ގުނައަކަށް ކުޑަވާ ކަމެކެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ހަމަ އެކަނި ކެތީޓާ ބޭނުން ކޮށްގެން ވޭލެއް ބަދަލު ކުރަން. އެއީ 2020 ގައި އަޅުގަނޑުމެން ކުރަން ޕްލޭން ކޮށްފައި އޮތް ކަމަކީ. ޔަގީނުން ވެސް އަޅުގަނޑުމެން ކުރާނަން ވޭލް ބަދަލުކުރުމުގެ ކަންތައް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމްކުރި ކެތު ލެބްގެ ކާމިޔާބީއާ ގުޅޭ ގޮތުން ޕްރަތާބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ބަންގްލަދޭޝް އާއި ސްރީ ލަންކާގައި ވެސް އެ ފަރުވާ އަދި ތައާރަފެއް ނުކުރެ އެވެ. އެހެންވެ، އިންޑިއާ އަށް ފަހު އެ ފަރުވާ ތައާރަފް ކުރާ ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ފަރުވާ ދެވެން ހުރި އެހެން ބައެއް ކަންކަމަށް މިހާރު ވެސް ކުރަނީ އޮޕަރޭޝަނެވެ. ނަމަވެސް މި އަހަރުން ފެށިގެން އެ ފަދަ އޮޕަރޭޝަންތައް ރާއްޖޭގައި ނުކުރާނެ ކަމަށް ޕްރަތާބް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިންޓަވެންޝަނަލް ކާޑިއެލޮޖިސްޓް ޑރ. އަލީ ޝަފީގް ވިދާޅުވީ، ހިތުގެ ފަރުވާގެ ސެންޓަރު ހުޅުވި ފަހުން މިވީ ތިން އަހަރާއި ހަ މަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކާމިޔާބީއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި ހިތުގެ ޑޮކްޓަރު އަލީ ޝަފީގް (ވ-2) ވާހަކަ ދައްކަވަނީ.---ފޮޓޯ: އައިޖީއެމްއެޗް

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކާމިޔާބީއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި ހިތުގެ ޑޮކްޓަރު އަލީ ޝަފީގް (ވ-2) ވާހަކަ ދައްކަވަނީ.---ފޮޓޯ: އައިޖީއެމްއެޗް

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް ދެން އޮތީ ކެތު ލެބްގައި ސާޖިކަލް ފެސިލިޓީސް އިތުރުކޮށް، ހިތުގެ ޓްރާންސްޕްލާންޓް ހެދޭ ވަރަށް ތަރައްގީ ކުރުމެވެ.

"އެނގިވަޑައިގަންނަވާނެ ކިޑްނީ ޓްރާންސްޕްލާންޓް ވެސް އައިޖީއެމްއެޗްގައި ރޭވިގެންދާ ކަން. އެހެންވީމާ އަަޅުގަނޑުމެންގެ ވެސް ޓާގެޓަކަށް ވާނީ ސާޖިކަލް ފެސިލިޓީސް އައިސްފައި، ދެންމެ [ޕްރަތާބް] އެ ވިދާޅުވި ހެން ސްޓްރަކްޗަރަލް އިންޓަވެންޝަސް، އެއީ އޯޕަން ނުކޮށް ކުރާ ސާޖަރީތައްް. އެ ކަންތައްތައް ނިމުމަށް ފަހު ދެން ހާޓް ޓްރާންސްޕްލާންޓަށް ދިއުން،" ޑރ. އަލީ ޝަފީގް ވިދާޅުވި އެވެ.

ކެތު ލެބްގެ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ހާޓް އެޓޭކް ޖެހިގެން، ގެންދާ މީހުންގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމެވެ.

ހާޓް އެޓޭކް ޖެހިގެން މި ތިން އަހަރުގެ ތެރޭގައި އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ އަދަދު 2،000 އަށް ވުރެ ގިނަ އެވެ. އެކަމަކު އޭގެ ތެރެއިން ފުރާނަ ސަލާމަތް ނުކުރެވުނީ އެންމެ ދެ މީހުންގެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗްގެ ކެތު ލެބް ހުޅުވީ ޖުލައި 2016 ގަ އެވެ.

އޭރުއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޑރ. އަލީ ޝަފީގް ވިދާޅުވީ، ހަފްތާއަކު 3-4 މީހުން ހިތުގެ ބަލީގެ ފަރުވާ ހޯދަން އެ ހޮސްޕިޓަލަށް ގެންދާ ކަމަށެވެ. އަދި މަހަކު 15 ވަރަކަށް މީހުން އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ކެތްލެބްގައި ބަލި މީހެއްގެ ހާލަތު ބަލަނީ

ޑރ. އަލީ ޝަފީގް ވިދާޅުވި ގޮތުގައި، ހިތުގެ ބަލީގެ ފަރުވާ ހޯދަން އައިޖީއެމްއެޗަށް ގެންދާ މީހުންގެ ތެރެއިން އޮޕަރޭޝަނަކާ ހަމައަށް ދަނީ މަދު ބައެކެވެ. މަހަކު އެކަކު ވެސް އޮޕަރޭޝަން ކުރުމަށްޓަކައި ރާއްޖެ އިން ބޭރަށް ފޮނުވަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ކެތު ލެބް ފުރިހަމަ ތަނަކަށް ވުމަށް ޓަކައި އޮޕަރޭޝަން ކުރުމުގެ ފެސިލިޓީ ވެސް ހުންނަން ޖެހެ އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ސެންޓަރު ކޮމްޕްލީޓް ވެގެން ދާނީ އަދި ކުރިއަށް ރޭވިފައި ހުރި ކަންތައްތައް ހަމަޖެހިގެން ދާނީ ސާޖިކަލް ފެސިލިޓީ ހުރެގެން. އެހެންވީމާ ސަރުކާރުން އިސްކަން ދެއްވާ ކަމެއް މި އަހަރު އެ ކަންތައްތައް ފެށުން،" ޑރ. އަލީ ޝަފީގް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓަރު ހުޅުވި ފަހުން އެންމެ ފުޅާކޮށް ދޭ އެއް ފަރުވާ އަކީ އެންޖީއޯ ޕްލާސްޓީ ހެދުމެވެ. އެންޖީއޯ ޕްލާސްޓީ ހެދުމަށް ކުރިން ރާއްޖެ އިން ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ ނަމަވެސް އައިޖީއެމްއެޗުގައި އެ ފަރުވާ ދޭން ފެށުމާ އެކު، އެ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.