ހުޅުމާލޭގައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ކުލަ ވެއްޓި، އެތަންތަން ފާހަގަ ނުވެ އެކްސިޑެންޓްތައް ހިނގަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
29 ޖުލައި 2018
ހުޅުމާލޭގައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ކުލަ ވެއްޓި، އެތަންތަން ފާހަގަ ނުވެ އެކްސިޑެންޓްތައް ހިނގަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހުޅުމާލޭގައި އެންމެ ފަހުން ހިނގި އެކްސިޑެންޓުގައި ވެސް ޒުވާނަކު މަރުވީ އޭނާ ދުއްވި ސައިކަލު، ފިތުރޯނުމަގުގައި ހުރި ބަމްޕަރު މަތިން ކައްސާލައިގެން ވެއްޓި އެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެ ސައިކަލު ކޮންޓްރޯލްނުވެ، ބަމްޕަރު މަތިން ކައްސާލައިގެން ވެއްޓުނު އިރު އެ ބަމްޕަރު ހުރީ ދުރަށް ފާހަގަވާ ގޮތަކަށް ނޫނެވެ. އެއީ އެ ސަރަހައްދުގައި އަލި މަޑުވެފައި، ބަމްޕަރު މަތީގައި ލާފައި ހުރި ރީނދޫކުލަ ފޮހެވިފައިވާތީ އެވެ.
ހުޅުމާލޭގެ ބަމްޕަރެއް: އަލިކަމެއް ނެތުމުގެ ސަބަބުން ވެސް މިތަންތަން ފާހަގަކުރަން އުނދަގޫ
ހުޅުމާލޭ ބޭރު މަގު ނުވަތަ ފިތުރޯނު މަގުގައި ގިނަ ބަމްޕަރުތަކެއް ހުރި ނަމަވެސް އޭގެ ތެރޭގައި ގިނައީ، އެ މަގުގައި ހަދަމުން އަންނަ ބައެއް އިމާރާތްތަކުން ފެން ބޭރުކުރުމަށް، މަގުހުރަސްކޮށް އަޅާފައިވާ ހޮޅިތައް ފޮރުވާ ބަމްޕަރުތަކެވެ. ދުވެލި މަތަކުރާ ބްރޭކަރެއްގެ ބަދަލުގައި، އެއީ ހޮޅިތައް ފޮރުވުމަށް އަޅާފައި ހުރި ބަމްޕަރުތަކެއް ކަމުން، ބައެއް ތަންތަން ހުރީ ވަރަށް އުސްކޮށެވެ. އަދި ބައެއް ބަމްޕަރުތަކުގެ ހުރަހަށް، ގާތްގަނޑަކަށް އަށެއްކަ ފޫޓު ހުރެ އެވެ. މިއީ ބޮޑެތި ބަމްޕަރުތަކެއް ނަމަވެސް، އޭގެ މަތީގައި ލާފައި ހުރި ކުލަތައް ފޮހެވިފައި ހުރުމުން ގިނަ ފަހަރަށް އެތަންތަން ފާހަގައެއް ނުކުރެވެ އެވެ.
"ބަމްޕަރެއް އިންނަކަން ވެސް މި އެނގެނީ 15 ވަރަކަށް ފޫޓު ކައިރިއަށް އައުމުން. އޭރުން ސްޕީޑް ދަށްކުރަން ވެސް އޮންނަނީ އުނދަގޫވެފައި. ދެން ގޮސް އޭގެ މައްޗަށް އަރައި ކައްސާ މި ލަނީ،" ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ފިތުރޯނު މަގުގެ ބައެއް ސަރަހައްދުތަކުގައި، ލައިޓް ހަރުކޮށްފައި ހުރި ނަމަވެސް، މަގުމައްޗަށް އަލި އެޅިފައި ހުންނަ ގޮތުން ވެސް ބަމްޕަރުތައް ފާހަގަ ކުރަން އުނދަގޫވެ އެވެ.
ހުޅުމާލޭގައި އުޅޭ އެހެން ޒުވާނަކު ބުނީ އެ އަވަށުގައި އާއްމުކޮށް ސައިކަލު ދުއްވާ މީހުންނަށް، ބަމްޕަރުތައް ހުންނަ ސަރަހައްދުތައް އެނގުނު ނަމަވެސް، މަދުން ދުއްވާ މީހުންނަށް އެތަންތަން ފާހަގަ ކުރަން އުނދަގޫވާނެ ކަމަށެވެ. އަދި އެ ކަމުގެ ނުރައްކާތެރިކަން އޭނާ ފާހަގަ ކުރި އެވެ.
ހުޅުމާލޭ ފިތުރޯނުމަގުގައި ހުރި ސްޕީޑް ބަމްޕަރެއް: ވަރަށް ކައިރިވުމުން ނޫނީ މި ތަނުގައި ބަމްޕަރެއް ހުންނަ ކަމެއް ނޭނގޭ
ހުޅުމާލޭގެ ބަމްޕަރުތަކުގައި ކުރިން ލާފައި ހުރީ ރީނދޫކުލަ ނަމަވެސް ފަހުން ވަނީ ހުދު ކުލައަށް ބަދަލުކޮށްފަ އެވެ. އަދި ގިނަ ބަމްޕަރުތަކުގައި ލާފައި ހުރި ހުދު ކުލަ ފޮހެވިފައިވާއިރު، ރީނދޫ ކުލަ ވެސް ގިނަ ތަންތަނުން މިހާރު ވަނީ ފޮހެވިފަ އެވެ.
ބަމްޕަރުތަަކުގެ އިތުރުން، ހުޅުމާލޭގައި ހަދަމުން އަންނަ ބައެއް އިމާރާތްތަކަށް ގެންދާ ހިލަ މަގުމައްޗަށް އެޅޭ މަައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެކަމަކު މިކަންކަމާ ގުޅޭގޮތުން، ހައުސިން ޑިވެލޮޕްމެންޓްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެކްސިޑެންޓްގައި ނިޔާވީ އާބަންކޯގެ މުވައްޒަފެއް
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ
ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި
ހުޅުމާލޭ ގައި ފުލުހުންގެ އަދަދު އިތުރު ކުރަނީ
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ